ރައްޔިތުންގެ މަޖިލީހާ ގުޅޭ ގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބާއްވަވާ "އާސްކްސްޕީކާ" ގެ ފަސްވަނަ ޕްރޮގްރާމް މި މަހުގެ 30 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ބްރޯޑްކާސްޓިން މީޑިއާ އާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށް ގެންދާ ޕްރޮގްރާމު ފަށާނީ އެރޭ 9:00 ޖަހާއިރު ކަމަށެވެ.
ރައީސް ނަޝީދާ ސުވާލު ކުރަން ބޭނުންވާ މީހުންނަށް މިހާރު ވަނީ އެ ފުރުސަތު ވެސް ހުޅުވާލާފަ އެވެ. ފޯނުން ވީޑިއޯ ކުރުމަށް ފަހުވެސް އަދި މެސެޖް ކޮށްގެން ވެސް ސުވާލު ކުރެވޭނެ އެވެ. ވަގުތުން ސުވާލު ކުރަން ބޭނުންވާ މީހުން، އެމީހެއްގެ ނަން އަދި އައިޑީ ނަންބަރު ޖެހުމަށްފަހު ޖޫން 30 ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ފޮނުވަން ޖެހެ އެވެ.
ރައްޔިތުންގެ މަޖިލީހާ ގުޅޭ ގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބާއްވަވާ "އާސްކްސްޕީކާ" ޕްރަގްރާމްތަކުގައި އެމަނިކުފާނުގެ އަމިއްލަފުޅު ސިޔާސީ ހަޔާތްޕުޅާ ގުޅޭ ސުވާލުތަކަށާ ކަންކަމުގައި އެމަނިކުފާނުގެ ވިސްނުންފުޅު ހުރި ގޮތާ ގުޅޭގޮތުން ކުރެވޭ ސުވާލު ތަކަށްވެސް ޖަވާބު ދެެެއްވައެވެ.
މި ފަހަރުގެ ޕްރަގްރާމް ބާއްވަން ނިންމާފައި މި ވަނީ ރައީސް ނަޝީދު އާއި ރައީސް ސޯލިހްގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ ރިޔާސީ ރޭހަށް ނިކުންނެވުމުގެ ޝައުގުވެރިކަން ދެ ބޭފުޅުންވެސް ފާޅު ކުރައްވާފައި ވަނިކޮށެވެ.