ސިނަ މާލެ ބްރިޖް

ބްރިޖެއް ކޮންމެހެން ވެސް ބޭނުންވޭތަ؟

Jan 5, 2016
2
  • ބްރިޖާ އެކު ހުޅުމާލޭގެ އާބާދީ 300،000 އަށް އަރާނެ
  • މާލެ-ހުޅުމާލެ ފިޒިކަލް ލިންކަކުން ގުޅާލަން ޖެހޭ
  • ގްރޭޓާ މާލޭގެ ތަރައްގީގައި އަބަދުވެސް ބްރިޖް ހިމެނޭ

މި އޮތް ހުރިހާ ޒަމާނު ހުޅުލެ-މާލެ ބްރިޖަކީ ހަމައެކަނި ދައްކާލާ ސިޔާސީ ދަޅައެކެވެ. އެ ވާހަކަ އޮންނަނީ ހަމައެކަނި މެނިފެސްޓޯތަކުގައި ލިޔެލައިފަ އެވެ. އެހެން ނަމަވެސް މިފަހަރު ހުޅުލެ-މާލެ ބްރިޖް މި އަންނަނީ ހަގީގަތަކަށް ވަމުންނެވެ. "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އެޅުމަށް ކޮންޓްރެކްޓަރެއް ވެސް ހަމަޖައްސައި އެއްބަސްވުމުގައި ވެސް މިހާރު މި ވަނީ ސޮއިކޮށްފަ އެވެ. އެކަމަށް ބޭނުންވާ ފައިސާ ޗައިނާ އިން މި ވަނީ މިހާރު ހަމަ ޖައްސައި ވެސް ދީފަ އެވެ.

އާ އަހަރާ އެކު ގާތްގަނޑަކަށް 250 މިލިއަން ޑޮލަރުގެ މި ބޮޑު މަޝްރޫއަށް ރާއްޖެ ތައްޔާރުވެފައިވާ އިރު، ބޮޑު ބަހުސެއްގެ ކުރިވެސް މި އޮތީ ފަޅައިފަ އެވެ. ރެކޯޑް އަދަދަކަށް ފައިސާ ހަރަދުކޮށްގެން އެވަރުގެ ބޮޑު މަޝްރޫއެއް ހިންގުން ރާއްޖެއަށް މިވަގުތަށް ވެސް އެހާ މުހިންމު ހެއްޔެވެ؟ އެ މަޝްރޫއާ އެކު ފެންނާނެ ބޮޑު މަންޒަރާއި ނަތީޖާ އަކީ ކޮބައި ހެއްޔެވެ؟ 

ގްރޭޓާ މާލެ! ތަރައްގީގެ މައި ނާރެސް

ދެ ބަސް ނުވެވޭނެ ހަގީގަތަކީ ރާއްޖޭގެ ތަރަައްގީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ، ވަކި ވަކި ރަށްތަކެއްގެ ގޮތުގައި ރާއްޖެ އޮތުމެވެ. އިގްތިސާދީ މަސައްކަތްތަކެއް އެއްގޮތަކަށް ވެސް ނެތް ވަރަށް ކުދި އާބާދީ ތައް ވެސް ބައެއް ރަށްރަށުގައި ދިރިއުޅެމުން ދިޔުމަކީ ތަރައްގީގެ ދުވެލި ހަލުވި ނުކުރެވިގެން ވެސް އުޅޭ މައިގަނޑު ސަބަބެވެ. މި ހަގީގަތާ އެއްގޮތަކަށް ވެސް ދެކޮޅެއް ނުހެދޭނެ އެވެ. ބްރިޖާ އެކު ސަރުކާރުން ވެސް ކުރަހާ މަންޒަރަކީ އެ އެވެ.

ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ދެކިވަޑައިގަންނަވާ ގޮތުގައި ބްރިޖްގެ އެންމެ މައިގަނޑު މަގުސަދަކީ އާބާދީ އާއި ތަރައްގީ އެއްފަސް ކުރުމުގެ ތެރެއިން ނަތީޖާތަކެއް ހާސިލް ކުރުމެވެ. ބްރިޖާ އެކު އެކަށީގެންވާ ވަރަކަށް އިގްތިސާދީ މަސައްކަތްތަކެއް ހުރި އުންމީދީ ސަރަހައްދެއް ދިވެހިންނަށް ޓަކައި ގާއިމް ކުރެވޭނެ އެވެ. މިހާތަނަށް އެކަށީގެންވާ ބާރު ދުވެލީގައި ތަރައްގީވެފައި ނެތް މާލެ ސަރަހައްދުގައި އިގްތިސާދީ މަސައްކަތްތައް އިތުރުކޮށް ތޮއްޖެހުން ކުޑަ ގޮތަކަށް މި ސަރަހައްދު ތަރައްގީ ކުރުމަށް ބްރިޖަކީ އެންމެ މުހިންމު ރޯލެއް ކުޅޭނެ ބިނާ ކަމަށް މިނިސްޓަރު ދެކެވަޑައިގަންނަވަ އެވެ.

ކޮންމެ ގައުމެއްގައި ވެސް ވެރިކަން ކުރާ ރަށާއި ކައިރި ސަރަހައްދު ތަކަކީ އިގްތިސާދުގެ މައި އިންޖީނެވެ. ދެން ހުރި ސަރަހައްދުތައް ތަރައްގީވުން ވެސް ބިނާ ވަނީ އޭގެ މައްޗަށެވެ. އަނެއް ހެން ބުނާ ނަމަ އިގްތިސާދުގެ ޕަވަ ހައުސްއަކަށް އެހެން ގައުމުތަކުގައި ވެސް އޮންނަނީ ވެރިކަން ކުރާ ސަރަހައްދުގެ ތަރައްގީ އެވެ. އޭގެ ތެރެއިން ކުރި ފަޅައިގެން އަންނަ އިގްތިސާދީ މަސައްކަތްތައް މުޅި އިގްތިސާދަށް ފެތުރި، ހިނގައި ގަތުމަކީ އެހެން ސަރަހައްދުތައް ތަރައްގީވުމުގެ އަސްލެވެ. ސަރުކާރުން ބްރިޖާ އެކު ކުރަހާ ތަރައްގީގެ މަންޒަރަކީ މި އެވެ.

"ބައްލަވާ ހުޅުމާލޭގައި އެބަހުރި ވަރަށް ގިނަ އިންޑަސްޓްރިއަލް ބިންތައް އެކަށީގެންވާ ވަރަކަށް ތަރައްގީ ނުކުރެވި. މައްސަލަ އަކީ އެކަށީގެންވާ އިގްތިސާދީ ފުރުސަތެއް ނެތުން. ބޮޑު މައްސަލައަކީ ދަތުރުފަތުރުގެ މައްސަލަ. އެތަނަށް މި އޮންނަ ލިންކް މާ ބޮޑަށް ކުޑަވުން. އެ ކަމަކު ގެސްޓް ހައުސްތަކަށް ވިސްނާ އިރު އެއާޕޯޓާ އެކު ދަތުރުފަތުރުގެ ލިންކް ރަނގަޅު ވީމާ އެތަނުގައި އެ ވިޔަފާރި ބާރަށް އެބަދޭ. އެގޮތަށް އެހެން ވިޔަފާރިތައް ނުފެށިގެން މި އުޅެނީ މި ގޮތަށް ހުރި ހުރަސްތަކުގެ ސަބަބުން. ބްރިޖާ އެކު ތަރައްގީގެ ބޮޑެތި ކަންތައްތަކުގެ މައި ހަބަކަށް ގްރޭޓާ މާލެ ވެގެން ދާނެ،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ. "ބްރިޖާ ގުޅިގެން އިޖުތިމާއީ ގޮތުން ވެސް ވަރަށް ގިނަ ކަންކަން ރަނގަޅުވެ ދުޅަހެޔޮކަން އިތުރުވެގެންދާނެ. ބޯހިޔާވަހިކަމަށް ރަނގަޅު ހައްލުތަކެއް އަންނަންނާނެ. މާލެ ތޮއްޖެހިފައި އޮންނަ އޮތުމުގެ ސަބަބުން ދިމާވާ ހުރިހާ މައްސަލަތަކަށް ހައްލު އަންނާނެ. ދެން އިގްތިސޯދީ ގޮތުން (ހުޅުމާލޭގައި) ވަޒީފާ އިތުރުވެ، ވިޔަފާރި އިތުރުވެ، މީހުންގެ ތަނަވަސްކަން އިތުރުވެގެންދާނެ،"

ކިތަންމެ ވަރަކަށް ފާޑު ކިޔުންތަކެއް އޮތަސް، ގްރޭޓާ މާލެ ތަރައްގީކޮށް އޭގެ ތެރެއިން ރާއްޖެ ތަރައްގީ ކުރުމަކީ މިހާރުގެ އެކަނި ވިސްނުމެއް ނޫނެވެ. ކުރީގެ ރައީސް މައުމޫންގެ ހުޅުމާލެ ތަސައްވަރު ވެސް ގޮސް ގުޅެނީ ގްރޭޓާ މާލޭގެ ތަރައްގީ އަށެވެ. ކުދި ރަށްރަށުގައި ތިބި އާބާދީތައް ގެނެސް އެ މީހުންނަށް ފުރުސަތުތައް ހޯދައި ދީގެން ރާއްޖޭގެ ތަރައްގީ ދެ ގުނަ ކުރުމެވެ. ރައީސް މުހައްމަދު ނަޝީދުގެ ގުޅީފަޅުގެ ތަރައްގީ ވެސް ފެށިގެން އައީ ހަމަ އޭގެ ތެރެއިންނެވެ. އެމަނިކުފާނު ވެސް ބްރިޖްގެ ތަސައްވަރު ހައްދަވާފައި އޮތީ ހަމަ ތަރައްގީގެ މައި ނާރެހަށެވެ.

އެހެން ހައްލެއް ހަމަ ނެތީތަ؟

ހުޅުމާލޭގައި މިހާރު ދިރިއުޅޭ ކަމަށް ލަފާ ކުރާ 30،000 މީހުންގެ އާބާދީ އާއި އެ ރަށަށް ހިޖުރަ ކުރަން ބޭނުންވާ އެތައް ބައެއްގެ ބޮޑު ޝަކުވާ އަކީ އެ ރަށަށް ދަތުރު ކުރުމަށް އުފުލަން ޖެހޭ ތަކުލީފެވެ. ފެރީގައި 30 ހަކަށް މިނެޓްގެ ދަތުރެއް ކުރަން އެއްވެސް މީހަކު ބޭނުމެއް ނުވެ އެވެ. ފެރީ ނިޒާމު ތަރައްގީ ކުރަން އެކި ދުވަސްވަރު އެކި ވިސްނުންތައް ވެސް ގެންގުޅުނެވެ. އެހެން ނަމަވެސް އެއީ ދެކޮޅު ޖެހޭ މަޝްރޫއަކަށް ނުވާތީ އެކަން ދަނީ ހަމަ ފަނު ފުލުންނެވެ. އާބާދީ އޮތް މިންވަރަށާއި ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކަށް ބަލާ އިރު އެކަށީގެންވާ ފެރީގެ ނިޒާމަކަށް، އެތައް ބިލިއަން ރުފިޔާއެއް އަދި އިންވެސްޓް ކުރަން ޖެހެ އެވެ. އެހެން ވީމާ ދެން އުފެދޭ ސުވާލަކީ އިންވެސްޓް ކުރަންވީ، ބްރިޖަކަށް ހެއްޔެވެ؟ ނޫނީ ފެރީގެ ނިޒާމަކަށް ހެއްޔެވެ؟

ހުޅުމާލެ ތަރައްގީކޮށް ބްރިޖްގެ ހިޔާލެއް އެންމެ ފުރަތަމަ ކުރެހުމުގައި ހިމެނި ދުވަސްވަރުގައި އެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވި ރައީސް މައުމޫންގެ ވެރިކަމުގައި އެންމެ ފަހުން ކޮންސްޓްރަކްޝަން މިނިސްޓަރުކަން ކުރެއްވި މައުރޫފް ޖަމީލް ދެކިވަޑައިގަންނަވާ ގޮތުގައި ހުޅުމާލެ އެކަށީގެންވާ ގޮތުގައި ތަރައްގީ ކުރުމަށް ފިޒިކަލް ލިންކެއް ބޭނުންވެ އެވެ. އަދި އޭރު ހުޅުމާލެ ވިލިގިލި އަދި މާލެ ތަރައްގީ ކުރުމުގެ ކުރެހުމުގައި ބްރިޖް ހިމެނީ އެ ވިސްނުމުގައި ދިރާސާތަކެއް ކުރުމަށް ފަހު ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ. އަދި އޭރު ހުޅުމާލެ އެކަށީގެންވާ ގޮތެއްގައި ތަރައްގީ ނުކުރެވޭތީ ބްރިޖް އެޅުން ފަސް ކުރިޔަސް މައުރޫފް ދެކެވަޑައިގަންނަވާ ގޮތުގައި ހުޅުމާލެ މިހާރު ފުދޭ ވަރަކަށް ތަރައްގީ އިތުރަށް ގެންދިޔުމަށް ފެރީ ނިޒާމަކަށް ވުރެ މާ ރަނގަޅު ލިންކެއް އެބަ ބޭނުންވެ އެވެ.

"މިހާރު މި އޮތީ، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، ހުޅުލެ އާއި މާލެ ގުޅާލަން ޖެހިފައި. އޭގެ މައިގަނޑު ބޭނުމަކީ ހުޅުމާލެ އާއި ދެމެދު ދަތުރުކުރުން ފަސޭހަކޮށްދިނުން. އެއާ އެކު ހުޅުމާލެ އަށް އަންނާނެ އެކި ތަރައްގީތައް މިހާރަށް ވުރެ ބޮޑުވާނެ ކަމަށް ފެނޭ،" މައުރޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވާ ގޮތަށް، ހުޅުމާލޭގައި 30،000 މީހުން އުޅޭ އިރު މިހާރު އޮތް ފެރީ ނިޒާމަކަށް ކޭޓާއެއް ނުކޮށްދެވެ އެވެ. އެތައް އިރެއްގައި ކިޔޫގައި ތިބެގެން ނޫނީ ފެރީއެއް ލިބޭ ކަމަކަށް ނުވެ އެވެ. ފެރީތަކުގައި ތިބެން ޖެހެނީ ވެސް އުނދަގުލާއި ތަކުލީފުގަ އެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވައްސާ އެކު އިތުރަށް 152،000 މީހުން ހުޅުމާލޭގައި އާބާދު ކުރުމަށް ސަރުކާރުން ވިސްނާ އިރު މުޅި ހުޅުމާލޭގެ ޖުމްލަ އާބާދީ 300،000 އާ ކައިރި ކުރާނެ އެވެ. އެހެން ކަމަށް ވާ ނަމަ ފެރީ ނިޒާމު އެ ވަރަށް ތަރައްގީ ކުރެވިދާނެ ހެއްޔެވެ؟ އެއީ ރާއްޖޭގެ އާމްދަނީ އާއި އިގްތިސާދަށް ބަލާ އިރު ކެރި ކުޅަދާނަ ކަމެއް ކަމަށް ދެކޭ ތަޖުރިބާ ކާރުން ވަރަށް ވެސް މަދެވެ. 

އެހެން ނަމަވެސް ކްރިޓިކްސްގެ ނަޒަރުގައި ފެރީ ލިންކް އަދިވެސް މާ ރަނގަޅެވެ. އެކަމަކު ތަޖުރިބާއަށް ބަލާ އިރު އެއީ ކާމިޔާބު ނިޒާމަކަށް ނުވެ އެވެ. ރަށު ބަންދުން ވީއްލުމަށް ނަޝީދު ގެންގުޅުއްވި ފެރީ ނިޒާމު އެކަށީގެންވާ ގޮތެއްގައި އެކަށީގެންވާ ގޮތެއްގައި އެމަނިކުފާނަކަށް ވެސް ކުރިއަކަށް ނުގެންދެވުނެވެ.

ރައީސް އަބްދުﷲ ޔާމީން އެ ނުގުތާއަށް ރައްދު ދެއްވަމުން ވިދާޅުވީ، ހުޅުމާލޭގެ އާބާދީ އެތައް ގުނައެއް ބޮޑުވަމުން އަންނަ އިރު ފެރީގެ ނިޒާމަކުން އެ ދެ ރަށް ގުޅާލުން އެއީ ދުރު މުސްތަގުބަލަށް ވިސްނާ އިރު އެއްގޮތަކަށް ވެސް އެކަން ކުރެވޭނެ ކަމެއް ނޫނެވެ. އަދި ފެރީ ނިޒާމުގެ ނާޒުގު ކަމުން އެކަށީގެންވާ ތަރައްގީއެއް ގެނައުމަށް އެތައް ހުރަހެއް ހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ފެރީ އަކުން މި އިތުރުވާ އާބާދީއަށް ދުރު މުސްތަގުބަލެއްގައި ކޭޓާ ކުރެވޭނެ ކަމަކަށް އަޅުގަނޑުމެންނަކަށް ނުފެނޭ. ދުރު މުސްތަގުބަލަކަށް ވިސްނާ އިރު މިކަހަލަ ނިޒާމެއް އައިސްގެން ނޫނީ އަޅުގަނޑުމެންނަކަށް ތަރައްގީއެއް ނުގެނެވޭނެ. މިއީ ރާއްޖޭގެ ރައްޔިތުންގެ ތަނަވަސްކަމާ ގުޅިފައި ހުރި ކަމެއް،" ރައީސް ވިދާޅުވި އެވެ.

އަތޮޅުތަކަށް ވާނީ ކިހިނެއް؟

ހުޅުމާލެއަށް އާބާދީގެ ބޮޑު ބައެއް ގެނައުމަށް ސަރުކާރުން ވިސްނުން ހުރިކަން އޮތީ ހާމަވާށެވެ. ބްރިޖާ އެކު ފަހި ވަނީ ވެސް އެމަގެވެ. އެހެން ވީމާ ދެން އަތޮޅުތަކުގައި އުޅޭ މީހުންނަށް ވާނީ ކިހިނެތް ހެއްޔެވެ؟ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވާ ގޮތުގައި ސަރުކާރުގެ ވިސްނުމަކީ ކުދި ރަށްރަށުގެ މީހުން ހުޅުމާލެއަށް ގެނެސް ފުރުސަތުތަކެއް ފަހިކޮށް ދިނުމެވެ. މިހާރު ވެސް ހުރި ބޮޑެތި އާބަން ސެންޓަރުތަކުން މީހުން ގެނެސް ހުޅުމާލެއަށް އަޅާލުމަކީ އޮތް ވިސްނުމެއް ނޫނެވެ.

ބްރިޖް މަޝްރޫއާ އެކު އެހެން މަޝްރޫއެއް ވެސް އެބަ ފެށެ އެވެ. އެއީ އައިހެވަންގެ މަޝްރޫއެވެ. އިގްތިސާދީ ހާއްސަ ސަރަހައްދުގެ މަޝްރޫއެކެވެ. ރައީސް ވިދާޅުވަނީ މިއަހަރު އެފަދަ ދެ މަޝްރޫއު ފަށާނެ ކަމަށެވެ. އެހެން ވެއްޖެ ނަމަ ރައީސްގެ ވިސްނުން އެ ހުރީ ރާއްޖޭގެ އިތުރު ދެ އާބަން ސެންޓަރެއް ތަރައްގީ ކުރުމަށެވެ. އެއީ އެސްއީޒެޑްގެ މަޝްރޫއުތަކުގެ ތެރެއިން ލާފައި ކަމަށް ބެލެވެ އެވެ. އެއީ ހއ އަތޮޅުގައި ކުުރިއަށް ގެންދާ އައިހެވަން ފީސިބިލް ކުރުމަށް ވެސް 14،000 މީހުންގެ އާބާދީއެއް ބޭނުންވާ ކަމަށް އެ މަޝްރޫއުގެ ސްޓަޑީ ހެދި އެމެރިކާގެ ބޮސްޓަން ކޮންސަލްޓަންސީ ގްރޫޕުން އޮތީ ނިންމައިފަ އެވެ.

ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވަނީ އަތޮޅުތެތެރެ ތަރައްގީ ކުރުމުގެ ވިސްނުން އޮތީ އިގްތިސާދީ މަސައްކަތްތައް ހުރި ދިމާތަކަށް މީހުން ގެންގޮސްގެން ތަރައްގީ ކުރުމެވެ. އަދި ސަރުކާރުގެ ވިސްނުމަކީ މަޖުބޫރުން މީހުން ތަންތަނަށް ގެންދިނުން ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އަތޮޅުތަކުގެ ތަރައްގީއަށް މި އަހަރު ވެސް ބަޖެޓްގައި 10 ބިލިއަނެއްހާ ރުފިޔާގެ މަޝްރުއުތައް ހިމެނޭކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. ތަރައްގީގެ މަޝްރޫއުތަކުގެ 95 ޕަސެންޓެއްހާ ކަންކަން މިހާރު ވެސް ކުރަނީ އަތޮޅުތަކުގަ އެވެ. އެގޮތުން މަގު ހެދުމާއި، ބަނދަރު ހެދުމާއި ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުން އޭގެ ތެރޭގައި ހިމެނެ އެވެ.

"ވަކި ބްރިޖަށް އެކަންޏެއް ނޫން ފޯކަސް މި ހުރީ. މުޅި ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތަކެއް އެބަދޭ ކުރިއަށް. އަދި މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް އަޅުގަނޑުމެން މާލޭގެ ލޭންޑްސްކޭޕްކޮށް ޕާކްތައް ހަދައި ހުސްތަންތަން ހަނދަމުން މި އަންނަނީ. މި ހުރިހާ ކަމެއް އަޅުގަނޑުމެން މި އަންނަނީ ފޯކަސް ކުރަމުން،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ހުޅުލެ-މާލެ ބްރިޖަކީ އެތައް ބައެއްގެ ހުވަފެނެކެވެ. އެއީ ސިޔާސީ ވާހަކައަކަށް ވުރެ އަސްލު ސީރިއަސް ކަމެކެވެ. ރާއްޖޭގެ ތާރީހުގައި ވެސް ހެދޭ އެންމެ މުހިންމު އެ ބިނާގެ ގޮތުގައި ބްރިޖް ދިވެހިންގެ ތާރީހުގެ ތެރެއަށް ވަދެގެން ދާނެ އެވެ. އެ ބްރިޖާ އެކު ނިކުންނާނެ ތަރައްގީ، އެކަމުން ނިކުންނާނެ ގެއްލުމަށް ވުރެ ހަގީގަތުގައި ވެސް މާ ބޮޑެވެ. ދެން އޮތީ އެ ބްރިޖްގެ ފައިދާ އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދިޔުމަށް އެއާ ގުޅިގެން ރޭވުންތެރި ހަރުދަނާ އިގްތިސާދީ ވިސްނުންތަކެއް ނެރުމެވެ. ދެން މި އޮތީ އެ މަރުހަލާ އެވެ. އެކަމަށް ރޭވުންތަކެއް ރޭވުމެވެ. ބްރިޖަކީ ދިވެހިންގެ މަލަމަތި ބަދަލު ކޮށްލާނެ އުންމީދީ މަޝްރޫއެކެވެ.