ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއޭ ބުނެ އެވެ. ގިނަ ފަރަހަށް ކަން ވެފައި އޮންނަނީ ވެސް އެހެނެވެ. ރާއްޖޭގައި އެ ހަރު ބަހުގެ ސީދާ ލަފްޒީ މާނަ ހިތްޕުޅަށް ނަންގަވައިގެން އުޅުއްވާ އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ރާއްޖޭގެ އަވަށްޓެރިއަކަށް ވުމަށް ވުރެ ބޮޑަށް އެމަނިކުފާނާ އޮންނަ ގާތް ރައްޓެހި ކަމެއްގެ ސަބަބުން އިންޑިއާ ދެކެ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. އެކަން ކަށަވަރުކޮށް ދެއްވަނީ ވެސް އެމަނިފާނެވެ. އެންމެ ފަހުން އިންޑިއާއަށް ވަޑައިގެން އެންމެ ގިނައިން ވިދާޅުވީ "އަޅުގަނޑަށް އިންޑިއާ ވަރަށް ކަމުދޭ" އެހެނެވެ.
ކަންކަން ހިނގަމުންދާ ގޮތުން އިންޑިއާ އާއި ރައީސް ނަޝީދުގެ ގުޅުމަކީ އިންޑިއާގެ ޝާހު ޖަހާން މުމްތާޒް ދެކެ ވީފަދަ ޖީލުތަކަށް ދެމިގެންދާފަދަ ލޯތްބެކޭ ބުނުން ވެސް މިހާރު ދެން މުޅިއަކުން ދޮގަކަށް ނުވާނެ އެވެ. ހުރިހާ ގޮތަކުން ވެސް ނަޝީދަށް އިންޑިއާ ހަމަ މޮޅީ އެވެ. އެއީ ޑިމޮކްރަސީގެ ވެސް އެންމެ އުހުގައި އޮތް ނަމޫނާ އެވެ. ހެޔޮ ވެރިކަމުގެ އެންމެ ސާފު ސާދާ މިސާލެކެވެ. ތަރައްގީގައި ވެސް އެންމެ ކުރިއަރާ އޮތް ބާނީ އެވެ. އަނެއްކާ ދީލަތިކަމާއި ހެޔޮ ކަމުގެ އަރާ ހުރި ދުނިޔޭގެ ބާރެއް އަދި ވެރިކަން ވެސް ހޯދައިދޭ ބޮޑު ބޭބެއެކެވެ.
އިންޑިއާ މޮޅުކޮށް ކޮނޑަލަށްލައިގެން ނަޝީދު ތަކުރާރުކޮށް، އެކި ގޮތްގޮތަށް ފުށުން ޖަހައި ފުރޮޅައި އަނބުރައިގެން ވާހަކަފުޅު ދައްކަވަ އެވެ. ކުރިފުޅުމަތީން ހުރަސް ކުރަނީ އިންޑިއާގެ ނޫސްވެރިއެކޭ ހީފުޅުވިޔަސް، ހިނުތުން ވަޑައިގެން ހިފެހެއްޓުމެއްނެތި ތައުރީފުގެ ބަސްތައް ނަޝީދު ދޫފުޅުން އޮއްސަވަނީ އެވެ.
އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު އިންޑިއާގެ ގުޖުރާތަށް މި ފަހުން ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އިންޑިއާއަށް ހުޝާމަދާއި ތައުރީފު ކުރައްވަމުން ގޮސް އަނެއްކާވެސް މުޅީން އާ ވާހަކައެއް ވަނީ ވިދާޅުވެފަ އެވެ. އިންޑިއާގެ އެހީއާއެކު ރާއްޖޭގައި ހިންގާ އެއްވެސް މަޝްރޫއުއެއް ދަރަނީގެ ދަންތުރައަކަށް ވެގެން ގޮސްފައި ނުވާ ކަމަށް ވިދާޅުވެ ނަޝީދު ދާމާލެއްވީ ތައުރީފުގެ ކޯރެކެވެ.
"އިންޑިއާގެ މަޝްރޫއުތައް ރާއްޖޭގައި ހިންގަނީ ދެފުށްފެންނަ ގޮތަކަށް، އެނގޭ ކޮން ކަމެއްކަން ހިނގަނީ... މަޝްރޫއުގެ އަގު އެންމެންނަށް އެނގޭ! އިންޑިއާގެ މަޝްރޫއުތައް އިންޑިއާ ސަރުކާރުން ޓެންޑާ ކުރަނީ ޓްރާންސްޕޭރެންޓްކޮށް، [އެއިން] އެއްވެސް މަޝްރޫއުއެއް ދަރަނީގެ ދަންތުރައަކަށް ނުވޭ!" އިންޑިއާއަށް ސަނާ ކިޔުއްވަމުން ނަޝީދު ވިދާޅުވި އެވެ.
އެވަރުން ފުއްދާ ނުލައްވައި ވިދާޅުވި ގޮތުގައި ރާއްޖެއަކީ ކުޑަ ގައުމަކަށް ވިޔަސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ސުޕަ ޕަވާ، އިންޑިއާއިން އަބަދުވެސް އިހްތިރާމް ކުރެ އެވެ. އަދި އިންޑިއާއިން އެއް އިރެއްގައި ވެސް ރާއްޖެއަށް ނުރައްކާ ކުރަން މަސައްކަތް ކޮށްފައި ނުވެ އެވެ.
ފަހަކަށް އައިސް ނަޝީދަށް އިންޑިއާއަށް ތައުރީފު ކުރެއްވޭ ކޮންމެ ފަހަރަކު އެކަން ކުރެއްވޭ ކަމަށް ވަނީ ފާއީސްޓްގައި މިދިމާއަށް ބަލަހައްޓައިގެން އޮތް ވާދަވެރި އަދި ބާރުވެރި، ޗައިނާގެ މޫނުމަތީގައި ތަފާލެއް ޖައްސަވައިފަ އެވެ. "އބޖހލށ" ވީފަދައިން އިހުތިޔާރާ ނުލައި އެހެން ވަނީ ކަމަށްވެސް ވެދާނެ އެވެ. މި ފަހަރުވެސް ރައީސް ނަޝީދަށް އެ ފުރުސަތު ދޫކޮށްލެވޭ ގޮތެއް ހަމަ ނުވި އެވެ. ފުރަތަމަ ޗައިނާގައި ޖަހަނީ އެވެ. ދެން އިންޑިއާގައި އޮޅުލައިގަނެ ދެ އަތް ޖޯޑު ކުރައްވާ ބޮސް ދެއްވަނީ އެވެ.
ޗައިނާއަށް ބަހުގެ ހަމަލާތައް ރައްދު ކުރައްވަމުން ރައީސް ނަޝީދު އިންޑިއާ ރުއްސަން މިހެން ވިދާޅެ އެވެ: "އެހެން ސުޕަ ޕަވާއެއް އިންޑިއަން އޯޝަނަށް [އިންޑިއާ ކަނޑުތެރެއަށް] އެބަދޭ... [އެއީ] ޗައިނާ، ދެރަކަމަކީ އެ ސުޕަ ޕަވާ އިންޑިއަން އޯޝަންގެ ރަށްތަކާމެދު އަމަލު ކުރަނީ ވަރަަށް ތަފާތުކޮށް!"
1976 ވަނަ އަހަރުން ފެށިގެން ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން 2008 ގައި ނިމުމާ ހަމައަށް 42 ލޯނު. ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު 2008 އިން 2012 އާ ހަމަ އަށް 38 ލޯނު. އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު 2013 އިން 2018 އަށް 22 ލޯނުތަފާސް ހިސާބު
ކޮންމެ ނަމެއް ކިޔަސް ލޯނު ވާނީ ލޯނަށް
ކޮންމެ މަގުސަދެއްގައި ކޮންމެ ގޮތަކަށް މަންޒަރު ކުރައްސަވަން ރައީސް ނަޝީދު ކިތަންމެ ވަރަކަށް މަސައްކަތް ކުރެއްވި ނަމަވެސް، ރާއްޖޭގެ މާލީ ހާލަތު ދަނީ ދުވަހެއް ދުވަހަކުން ދަށަށެވެ. އިންޑިކޭޝަން ގްރާފްތައް ދޮގެއް ނުހަދާނެ އެވެ. ވީކަމަކާއި ވާ ގޮތަކާއި ފެންނާ އޮތް މަންޒަރާއި އިވޭ، އިވުނު އަޑާއި ފެނުނު ތަނާއި ފެންނަމުންދާ ތަން ދޮގެއް ނުކުރެވޭނެ އެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން ނެރެފައިވާ ރާއްޖޭގެ ދަރަނީގެ މައުލޫމާތު ތަކުން ދައްކާ ގޮތުގައި ދިވެހި ދައުލަތުގެ ދަރަނި -- ގެރެންޓީކޮށްފައިވާ ދަރަނި ހިމެނޭ ގޮތަށް -- 2018 ވަނަ އަހަރު ނިމުނުއިރު 59 ބިލިއަން ރުފިޔާގައި ހުރިއިރު 2019 ގެ ނިޔަލަށް މި އަދަދު ވަނީ 67 ބިލިއަން ރުފިޔާއަށް އިތުރުވެ މައްޗަށް އުފުލިފަ އެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 76 ޕަސެންޓުގެ އިތުރު ވުމެކެވެ.
ފިނޭންސުގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ގެރެންޓީކޮށްފައިވާ ދަރަނި ހިމެނޭ ގޮތަށް ބޭރުގެ ދަރަނި އުޅެނީ 33 ބިލިއަން ރުފިޔާގަ އެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 39 ޕަސެންޓެވެ.
ނަޝީދު ލީޑް ކުރައްވާ އެމްޑީޕީ ސަރުކާރު ވެރިކަމަށް އައި މަގުމަތީގައި ވެސް އޭރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޗައިނާ އިން ނެގި ލޯނުތަކަށް ވަރަށް ބޮޑަށް ފާޑުކިޔެވެ. ބޮޑުކޮށް އަގު ޖަހައިގެން ސިނަމާލެ ބުރިޖު ފަދަ "ކޮންމެހެން ބޭނުން ނުވާ" މަޝްރޫއުތައް ހިންގީ "ރާއްޖެ ދަރުވާލައި ބިންތައް ފޭރިގަންނަ" ހީލަތްތެރި ރޭވުމެއްގެ ތެރެއިން ކަމަށް ސީދާ ރައީސް ނަޝީދު ތުހުމަތު ކުރައްވަ އެވެ.
ރައީސް ޔާމީންގެ ވެރިކަން ފަސް އަރުގެ ދައުރަކުން ނިމުނު ފަހުން ދެ އަހަރުވާން ދާއިރު، ދިވެހި ރާއްޖެ ޗައިނާއަށް ދަރާފައިވާ ސީދާ އަދަދެއް އަދިވެސް އެކަކަށް ވެސް ސާފުކޮށެއް ނުދެވެ އެވެ. އެ އަދަދު 1.2 ބިލިއަން ޑޮލަރުން ފެށިގެން ތިން ބިލިއަނާ ހަމައަށްވެސް އެކި ފަހަރު މަތިން އެކި ބޭފުޅުން އެކި ގޮތް ގޮތަށް ހިސާބު ޖައްސަވަ އެވެ. އެކަމަކު ކޮންމެވެސް ސަބަބަކާ ހުރެ ހާމަ ނުކުރެވިގެން އުޅޭ އެ އަދަދުގައި އިއްތިފާގުވާ އެއް ކަމެއް އޮވެ އެވެ.
ބުރިޖާއި އެއާޕޯޓް ތަރައްގީ ކުރުން ފަދަ މަޝްރޫއުތަކުން ޗައިނާއަށް އަނބުރާ ދައްކަންޖެހެނީ 600 މިލިއަން ޑޮލަރު ކަމެވެ. އެ ލޯނުތައް ދީފައިވަނީ އެންމެ ދެ ޕަސެންޓް އިންޓަރެސްޓްގައި ކަމަށް މީގެ ކުރިން ކޮންމެވެސް އެއް ބޭފުޅަކު ވިދާޅުވެފައިވެ އެވެ. ސުވާލު އުފެދިގެން އަދި ސާފު ނުވެގެން އުޅެނީ އެކި ކަންކަމަށް ޗައިނާގެ ބޭންކްތަކުން ލޯނު ނެގުމަށް ސަރުކާރުން ދީފައިވާ ގެރެންޓީގެ އަދަދެވެ.
ބެލެވޭ ގޮތުގައި ރަައީސް ނަޝީދު ވެސް ކަންބޮޑުވެ ވަޑައިގަންނަވަނީ އެ އަދަދާ މެދު އެވެ. ސަބަބަކީ މި ސަރުކާރަށް "ދީލަތި" އިންޑިއާ އިން މިހާތަނަށް ދިން 1.4 ބިލިއަން ޑޮލަރުގެ "ލޯނު" ގެ ތެރެއިން 800 މިލިއަން ޑޮލަރު ދީފައިވަނީ 1.5 ޕަސަންޓް އިންޓަރެސްޓް ރޭޓެއްގައި ކަމަށް ނަޝީދު އެކުވެރި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާތީ އެވެ.
މޮޅު ކޮށްލަން، ނޫނީ އޮޅުވާލަން "ކްރެޑިޓް ލައިން" އާއި "ކަރަންސީ ސްވޮޕް" އޭ ކިޔަސް، ދެ ގައުމުން ކަނޑައަޅާފައިވާ އިންޓަރެސްޓް ރޭޓުގައި ހުރި ތަފާތުން ނަޝީދު އެހާ ބޮޑަށް ކޯފާއިސް ކުރައްވައިގެން ޗައިނާ އާ ޖައްސަލައިގެން އުޅުއްވަންޖެހޭނެ ސަބަބެއް ނުފެނެ އެވެ.
ސޮވެރިން ގެރެންޓީ ދީގެން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކަށް ދޫކޮށްފައިވާ ލޯނުތަކާ ގުޅިގެން ރާއްޖޭގައި ހުންނަވާ ސަފީރު އިސްވެ ތަކުރާރުކޮށް ވިދާޅުވަނީ އެއް ވާހަކަ އެކެވެ. ލޯނު ދޫކޮށްފައިވާ މަޝްރޫއުތައް ހިންގައިގެން ލިބޭ އާމްދަނީން އެ ކުންފުނިތަކަށް ލޯނު އަނބުރާ ދެއްކޭނެއޭ އެވެ.
ވަރުން ނާޅުވާ ތައުރީފު ނުކުރެވޭނެ؟
ނަޝީދުގެ ތުހުމަތުތަކަށް ޗައިނާ ސަރުކާރުގެ ފަރާތުން އަބަދުވެސް ރައްދު ދެއްވަނީ ޗައިނާ ސަފީރެވެ. އެހެން ހުރިހާ ކަމެއް ހުއްޓާލާފައި އޭނާގެ މައިގަނޑު މަސައްކަތަކަށްވެފައި އޮންނަނީ ނަޝީދުގެ ވާހަކަތައް ދޮގު ކުރެއްވުމާއި، ޗައިނާ ސަރުކާރު ދިފާއު ކުރެއްވުމެވެ. މިހާރު ޗައިނާއަށް ކުރިމަތިވެގެން އުޅޭ ކޮރޯނާ ވައިރަހުގެ ބިރުވެރިކަމުގެ ތެރެއިން އެ ގައުމުން ކުރާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ކޮންމެ ދުވަހު ދެ އިރު ދެ ދަޅައަށް ހިއްސާ ކުރެއްވުމުގައި އަވަދިނެތި އުޅުއްވަމުން ވެސް، ނަޝީދު އެންމެ ފަހުން ދެއްކެވި ވާހަކަފުޅަށް ވެސް ރައްދު ދެއްވަން ސަފީރު ވަނީ ހިތްވަރު ނެރުއްވައިފަ އެވެ. އެކަމަކު މި ފަހަރު ވަރަށް ކުރުކޮށެވެ.
"އަޅުގަނޑަށް ހީވަނީ [ގައުމެއްގެ] އެއް ބައިވެރިއަކަށް ތައުރީފު ކުރުމުގެ މަސައްކަތް އަނެއް ބައިވެރިއަކާ ވަރުން ނާޅުވާ ލީޑަރުންނަށް ކުރެއްވޭނެ ހެން،" ނަޝީދުގެ ވާހަކަފުޅަށް އިޝާރަތްކުރައްވައި އެކަމަކު ވަރަށް ނުސީދާ ގޮތަކަށް ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ސަފީރު އެ ވިދާޅުވީ ވަރަށް ހައްސާސީ އަދި ތެދު ވާހަކަފުޅެކެވެ. އިންޑިއާއަށް ތައުރީފު ކުރާ ކޮންމެ ފަހަރަކު ޗައިނާގެ ވާހަކަ ދެއްކުން ލާޒިމެއް ނޫނެވެ. ނަޝީދު ފަދަ ދޫފަރިތަ، ބަސް ފަސޭހެ ބޭފުޅަކަށް ޗައިނާއާ ދިމާލަށް ގާބުރިއެއް ނޭއްލައި ވެސް އިންޑިއާގެ މޮޅު ވާހަކަދައްކަވައި ދެންކެޔޮ ކާން ދެވިދާނެ އެވެ.
މި ސަރުކާރުން އިންޑިއާ އެއް ނޫން އަދި އެހެން ގައުމަކުން ވެސް ލޯނު ނަގަންޏާ ނަގަންވީ އެވެ. ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވާ ގޮތަށް އިންޑިއާ އިން ނަގާ ލޯނު "ރަނަށް" ހަދައިގެން ވަގުތު އިސްރާފު ކުރުމުގެ ބޭނުމެއް ނެތެވެ.
މި ސަރުކާރުން ވެސް ތިލަމާލެ ބުރިޖާއި ތިލަފުށި ޕޯޓް ފަދަ މަޝްރޫއުތަކަށް އަނެއްކާވެސް އިތުރު ލޯނުތައް ބޮލުގަ އަޅަން ފަރިވަމުންދާ ދަނޑިވަޅެއްގައި، ރާއްޖޭގެ ދަރަނި އިތުރުވާ ސަބަބު ޗައިނާގެ ބޮލުގައި އަޅުވައިގެން ރައްޔިތުންގެ ލޮލުގައި އެޅުވޭނެ އަނދުނެއް ނޯންނާނެ އެވެ. އެ ޒަމާން ފަސްދީ ހިނގައްޖެ އެވެ. ނަޝީދުގެ ރުހޭ ލޯފުޅަށް އައިބެއް ނުފެނުނަސް، މޮޅެތި ނަން ނަން ކިޔައިގެން އިންޑިއާއިން ދޭ ލޯނުތަކުގެ ފަހަތުން އަޅާފައިވާ "ދަންތުރަ" ތަކަކީ ހަމައެކަނި ކަނޑައަޅާ އިންޓަރެސްޓް ރޭޓެއް ނޫންކަން އެންމެނަށްވެސް މިހާރު އެނގެ އެވެ. ދެން ކޮން ވާހަކައެއް ހެއްޔެވެ؟