އެހާ ލޯބިން، އެހާ ސަމާލުކަން ދީގެން ގެންގުޅުނު ދަރިފުޅު ބީވެގެން ދިޔައީ ހީނުކޮށް ތިއްބާ ހިތް ރޮއްވާލާފަ އެވެ. ދަރިފުޅުގެ ހިތްހަމަޖެހުމަށް ކުރި ދަތުރު ވެގެން ދިޔައީ އެ ދަރިފުޅުގެ ފަހު ދަތުރަށެވެ. ލޯ ކުރިމަތީގައި ލޮލުގެ ކޮއި ގެއްލިގެން ދިޔައީ އެވެ!
ރޭ ރާއްޖެ ސިއްސުވާލީ ހުޅުމާލެ އާއި ބްރިޖް ގުޅުވައިދޭ ހައިވޭ ފެށޭ ސަރަހައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގެ ހަބަރުންނެވެ. އެ އެކްސިޑެންޓްވީ ދެމައިން ދުއްވަމުން ދިޔަ ސައިކަލެއް އެމްޓީސީސީގެ ބަހެއްގައި ޖެހިގެންނެވެ. ބާރު ސްޕީޑްގައި ދިޔަ ބަހުން ސައިކަލްގައި ޖެހި އެ ސައިކަލްގައި 13 އަހަރުގެ ފާތިމަތު އަންޖުމް ޝަފީގް ވިއްސާއިގެން ދިޔަ އެވެ.
އެ ދިޔަ ބާރު މިނުގައި އޭނާގެ ބޯ ބިންމަތީގައި ޖެހި އަޅާފައިހުރި ހެލްމެޓް ނައްޓައިގެން ގޮސް ބޯ ޗިސްޗިސްވި އެވެ. ލިބުނު ގެއްލުމުގެ ބޮޑުކަމުން އެކްސިޑެންޓަށްފަހު މާގިނަ އިރެއް އަންޖުމްގެ ފުރާނާ ދިޔައީ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ. ލޯބިވާ މަންމަ އާއި ބައްޕަ އެކަނިކޮށްފައި އޭނާ ދާއިމީ ދުނިޔެއަށް ދިޔައީ އެވެ.
ކ. ތުލުސްދޫއަށް ނިސްބަތްވާ އަންޖުމްއަކީ އޭނާގެ މަންމަ އާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ. މިހާރު އުމުރުން 50 އަށްވުރެ މަތީގެ މި ދެމަފިރިންނަށް އަލަތު ދަރިފުޅު ލިބިފައިވަނީ އުމުރުން ވަރަށް ދުވަސްވީ ފަހުންނެވެ. އެ ދެމަފިރިންނަކީ ދަރިއަކު ހޯދުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަން ޖެހުނު ދެމަފިރިންނެވެ.
އާއިލާގެ މީހަކު މައުލޫމާތު ދިން ގޮތުގައި އެ ދެމަފިރިން ވަނީ ދަރިއަކު ނުލިބިގެން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ވަރަށް ގިނަ ފަރުވާ އިންޑިއާއިން ހޯދާފަ އެވެ. އެގޮތަށް ކުރި އެތައް މަސައްކަތަކާއި ގުރުބާނީއެއްގެ މޭވާއަކީ އަންޖުމް އެވެ.
އެހާވަރުން ލިބުނު ދަރިއެއް ކަމުން އަންޖުމްއަށް އެ ދެމަފަރިން އަބަދުވެސް ހާއްސަ ސަމާލު ކަމެއްދެ އެވެ. އަންޖުމްއަށް އެއްވެސް ކަމެއް ނުވެ ނޯވެ އެވެ. އޭނާ ބޭނުންވާ ހުރިހާ ކަމެއް ކޮށްދީގެން ހުރިހާ އުފަލެއް ހޯދައިދީގެން އެ ކުޑަ އާއިލާގެ ހަޔާތް އޮތީ އުފަލާއެކު އެވެ. މާލެގައި އަންޖުމްގެ ކުޑަ އާއިލާ ދިރިއުޅުނު ނަމަވެސް ހުޅުމާލެއަކީ އޭނާގެ ހިތްދެވިފައިވާ ތަނެވެ.
ކޮންމެ ހަފުތާ ބަންދަކު ކަހަލަ ގޮތަކަށް އަންޖުމް އޭނާގެ މަންމައާއެކު ހުޅުމާލެއަށް ގޮސް މަޖާކޮށް ހިތްހަމަޖައްސާލަ އެވެ. އިއްޔެއަކީ ވެސް އެފަދަ ދުވަހެކެވެ. ސްކޫލްގައި ކިޔެވުން ނެތުމުން އިއްޔެ އަންޖުމް އޭނާގެ މަންމައާއެކު، ހުޅުމާލެ ދިޔައީ އޭނާގެ ބޮޑުދައިތައިގެ އާއިލާ ގާތަށެވެ. ހިތާމަވެރި ހާދިސާ ބައްދަލުކުރީ އެ ގޭގައި ވަގުތު ހޭދަކުރުމަށްފަހު އެނބުރި މާލެ ދިޔަ މަގުމަތީގަ އެވެ.
ގްރޭޑް ހަތެއްގައި ކިޔަމުންދިޔަ އަންޖުމްއަކީ ސްކޫލްގައި ވަރަށް ހަރަކާތްތެރި ކުއްޖެކެވެ. ކެޑޭޓްގައި ވެސް އުޅޭ އަންޖުމް އެންމެ ފާހަގަކޮށްލެވެނީ ޤުރުއާން ކިޔެވުމުގަ އެވެ. ޤުރުއާން މުބާރާތްތަކުގައި އޭނާ ބައިވެރިވާއިރު ޤުރުއާން ހިތު ދަސްކުރުމުގެ މަސައްކަތް މި އަހަރު ފެށި އެވެ. ޖަމާލުއްދީން ސްކޫލަށް ވެސް ގެއްލިގެން ދިޔައީ އަގުހުރި ދަރިވަރެކެވެ. ކްލާސް ކުދިންނަށް ގެއްލިގެން ދިޔައީ އަބަދުމެ ހިނިތުންވެފައި ހުންނަ އެކުވެރިޔާ އެވެ.
ރޭގެ އެކްސިޑެންޓްގައި ގދ. ނަޑެއްލާއަށް އުފަން އަންޖުމްގެ މަންމައަށް މާބޮޑު އަނިޔާއެއް ނުވެ އެވެ. މި ހިތާމަވެރި އެކްސިޑެންޓްވުމުން ވެސް އެމްޓީސީސީގެ ބަސް ވަނީ ނުހުއްޓާ ގޮސްފަ އެވެ. އެ ބަހުގައި ތިބި މީހުންނަށް ވެސް އެކްސިޑެންޓްވިކަން ނޭނގޭ ކަމަށްވެ އެވެ. ބަސް ދުއްވި ޑްރައިވަރު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.