ރިޕޯޓް

ފަހުނޭވާގެ ކުރިން އަހުމަދު އެދުނީ މާލެ ގެންދަން!

ޑިއުޓީ ނިންމާލާފައި ގެއަށް ދިއުމުގެ ކުރިން، މާމިގިލި އެއާޕޯޓްގައި އެކުގައި މަސައްކަތް ކުރާ ފަޔާ ފައިޓަރުންތަކަކާއި އަނގަތަޅާލަން އަހުމަދު މަޑުކޮށްލީ ފަޔާ ވެހިކަލްތައް ޕާކްކުރާ ސަރަހައްދުގެ ކުރިމައްޗަށް ވާނެހެން ހުންނަ ޖޯލި ފައްޗެއްގަ އެވެ. އެ ވަގުތު އެއާޕޯޓް އެޑްމިން މުވައްޒަފުންތަކެއް ހަތް ނަންބަރު ގޭޓަށް ބާލާފައި، ޕާކިންގް ޒޯނަށް މިސްރާބުޖެހި ފަޔާ ވެހިކަލެއް އޭގެ ބާރު ސްޕީޑުގައި ދުވަމުން ދިޔަ އެވެ. އެއީ އިއްޔެ ހަވީރު ވަގުތެވެ. އެ ވެހިކަލް ދުއްވަން އިން މީހާއަށް އެ އުޅަނދު ކޮންޓްރޯލް ގެއްލުނީ ވެސް އެ ވަގުތު އެވެ.

"އަހަރެން މާލެ ގެންގޮސްދީ"

މާމިގިލީ އެއާޕޯޓގެ ފަޔާ ވެހިކަލް ދުއްވަން އިން މީހާއަށް އޭގެ ކޮންޓްރޯލް ގެއްލުނު ވަގުތު، ވެހިކަލް ގޮސް ޖެހުނީ ހަތަރު އެކުވެރިން ވާހަކަ ދައްކާލަން ޖައްސާލައިގެން ތިބި ޖޯލިފަތީގަ އެވެ. ކުއްލިއަކަށް ބޮޑު އެކްސިޑެންޓެއް ހިނގީ އެވެ.

އެކްސިޑެންޓްގައި އެންމެ ކުޑަކޮށް ޒަހަމްވި އެކަކީ މާމިގިލީ ބިންމާގޭ، އަހުމަދު ރަޝީދު އަބްދުއް ޝަކޫރު 30، އެވެ. އޭނާގެ ހަށިގަނޑުގެ ތަންތަނުން ނޫފައިގަތުން ފިޔަވައި، އަހުމަދުގެ ހަށިގަނޑުގެ ބޭރުން އަނިޔާއެއްވެސް ޒަހަމެއްވެސް ފެންނާކަށް ނެތެވެ. -- އަހުމަދަކީ މާމިގިލީ ސްކޫލްގެ ޓީޗަރެއްގެ ވަޒީފާ އަދާ ކުރަމުން ދިއުމަށްފަހު މީގެ ހައެއްކަ މަސް ކުރިން އެއާޕޯޓްގެ ފަޔާ ފައިޓަރެއްގެ ޓްރެއިނިންގް ހަދައި އެ ވަޒީފާ ބަދަލުވި މީހެކެވެ.

"އެކްސިޑެންޓަށް ފަހު ނެގި އިރު ބޭރު ފުށުން މާބޮޑު ކަމެއް އޭރު ފެންނާކަށެއް ނެތް. އެކަމަކު ގައިގެ ތަންތަން ހުރި ނޫކުލަ އަރައި ނޫފައިގެންފައި،" އަހުމަދުގެ ބޮޑުބޭބެ މިދުހަތު އިބްރާހިމް މިއަދު "އަވަސް" އަށް ކިޔައިދިނެވެ.

ފަޔާ ޓްރަކް އެކްސިޑެންޓްގައި އަހުމަދާއެކު އަނިޔާތައްވެ ޒަހަމްތައް ވެސް ލިބުނު އަނެއް ތިން މީހުން ވެސް އެންމެ ފުރަތަމަ ގެންދިޔައީ މާމިގިލި ސިއްހީ މަރުކަޒަށެވެ. އެތަނުގައި ހުރީ ވެސް އެންމެ ޑޮކްޓަރެކެވެ. އެ ޑޮކްޓަރު އަވަސްވެގަތީ، އެކްސިޑެންޓްގައި ބޯފަޅައިގެން ގޮސްފައިވާ މީހާއަށް ފަރުވާދޭށެވެ. އެކްސްރޭ މެޝިނެއް ނެތުމުން ބާކީތިބި މީހުންގެ ހަގީގީ ހާލަތު ދެނެގަނަވޭނެ ގޮތެއް ނެތެވެ.

އޭގެފަހުން އިތުރު ޑޮކްޓަރަކު ވެސް އެޓެންޑްވި އެވެ. އަދި ފަހުން މަހިބަދޫއަށް ވެސް އެ ޑޮކްޓަރު ދިޔަ އެވެ.

ފަރުވާގެ ކަންކަން ހިނގަމުންދިޔައިރު ނޭވާލާން އުނދަގޫވެފައިވާ ކަމަށް އަހުމަދު ބުނަމުން ދިޔަ އެވެ. އެވާހަކަ ހަމައެކަނި ބުނެލީއެއް ނޫނެވެ. "އަހަރެން އަވަހަށް މާލެ ގެންގޮސްދޭށޭ" ވެސް އާއިލާގެ މެންބަރުން ގާތުގައި ތަކުރާރުކޮށް އަހުމަދު އެދުނެވެ.

ދެ އަހަރު ވެސް ނުފުރޭ ތުއްތު ކުއްޖަކާއި އަންބަކު ވެސް ހުންނަ އަހުމަދުގެ އެ އާދޭސް ވެގެން ދާނީ އޭނާގެ އެންމެ ފަހު އެދުމަށެވެ.

ފަރުވާ ލަސްވިކަމުގެ އިލްޒާމް

"އަޅުގަނޑުމެން އެދެމުން ދިޔައިން އަވަހަށް މާލެއަށް ނޫނީ މަހިބަދޫ ހޮސްޕިޓަލަށް ގެންގޮސް ދޭން. ގަބޫލު ކުރެވޭ އެންމެ ޑޮކްޓަރަކަށް ހަތަރު މީހުންނަށް އެޓެންޑް ނުކުރެވޭނެ ކަން. އެކްސްރޭ މެޝިނެއްހާ ހިސާބު ވެސް އެ މަރުކަޒުގައި ނުހުންނާނެ. ދެން ކިހިނެއްތޯ ޒަހަމްވެފައި ތިބި ބައެއްގެ އެތެރެހައްޓަށްވި ގެއްލުމެއް އެނގޭނީ،" ރިސޯޓް ވަޒީފާގައި ހުރެފައި އެކްސިޑެންޓްގެ ހަބަރު ލިބިގެން ރަށަށް ގޮސް ހުރި މިދުހަތު ބުންޏެވެ.

ގާތްގަނޑަކަށް އިއްޔެ ހަވީރު 4.00 ޖަހާ އެހާކަންހާއިރު ހިނގި އެ ހާދިސާއަށްފަހު، އެމީހުން މަހިބަދޫ ހޮސްޕިޓަލާ ހަމައަށް ގެންދާނެ އިންތިޒާމެއް ހަމަޖެއްސޭވަރުވީ އިރިއޮއްސުނު ފަހުންނެވެ. ނަމަވެސް، އެހާތަނަށް އަހުމަދު ވަނީ އޭނާގެ ފަހުނޭވާ ލާފަ އެވެ.

"އެއާޕޯޓުގައި އުޅޭ އެމްއެންޑީއެފްގެ އިސް ބޭފުޅެއް ކައިރީގައި ވެސް އަޅުގަނޑުމެން އެދުނިން އެއާ އެމްބިއުލަންސް ގެނެސް ދޭން. އެކަމަކު އޭތި އޮތީ މާދުރު ހިސާބެއްގައި ކަމާއި އޭތި ގެންނަން ވަގުތު ނަގާނެކަމަށް އެ ބޭފުޅާ ވިދާޅުވީ. އެކަންވެސް އަޅުގަނޑުމެން ގަބޫލު ކުރަން. އެކަމަކު މަހިބަދޫއަށް ގެންދިއުން އަވަސް ކުރެވުނީސް ސިއްހީ މަރުކަޒުން އެކަމާ އުޅުނުނަމަ. ފަރުވާ ދިނުން ލަސްވީ!" މިދުހަތު ބުންޏެވެ.

އެކްސިޑެންޓްވި ވެހިކަލުގެ މައްސަލައެއް ނެތް

މި ހާދިސާއެއް މެދުވެރިވާން ދިމާވި ސަބަބެއް އަދި މުޅީން ސާފެއްނުވެ އެވެ. ރަސްމީ ސިފައެއްގައި އެ މައުލޫމާތު އަދި ހާމަކޮށްފައެއް ވެސް ނުވެ އެވެ. ނަމަވެސް، މާމިގިލި ފަޔާ ސްޓޭޝަނުން ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވި ގޮތުގައި، އެކްސިޑެންޓްވި ވެހިކަލްގެ ކޮންޑިޝަން ރަނގަޅެވެ. އެ އުޅަނދުން އެއްވެސް މައްސަލައެއް ފާހަގައެއް ނުވެ އެވެ. ނަމަވެސް މައްސަލާގައި ފުލުހުންގެ ތަހުގީގެއް ހިނގަމުން ދާތީ އިތުރު އެއްޗެއް ވިދާޅުވާކަށް އޭނާ ބޭނުންފުޅެއް ނުވެއެވެ.

އަހުމަދުގެ އާއިލާއިން ގަބޫލު ކުރާ ގޮތުގައި އެކްސިޑެންޓެއް ކޮންމެ ވަގުތެއްގައި ހިނގައިފާނެ އެވެ. އެއީ ގުދުރަތުގެ ނިޔާ ނަމަވެސް، މުޅި އެ އާއިލާ މި ވަގުތި އޮތީ ފުންހިތާމައެއްގަ އެވެ.

"އޭނާގެ އަންހެނުން އަދިވެސް މުޅީން ހަމައަކަށް ނޭޅޭ. ކުއްލިއަކަށް އެފަދަ ހާދިސާއެއްގައި މަރުވެގެން ދިއުމުން އަސަރު ކުރާނެ. އަދި އެކަހަލަ ކަމެއް ދިމާ ނުވާ މީހެއްގެ ހިތަށް އެކަން ގެންނަންވެސް ނޭނގޭނެ."

އަހުމަދަކީ ވަރަށް މަޑުމައިތިރި، ޒުވާނެކެވެ. ޓީޗަރަކަށް އުޅުމަށްފަހު މާލެއަށް ގޮސް ޑިޕްލޮމާއެއް ހަދައިގެން ފަހުން ވަޒީފާ އަދާކުރަމުން ދިޔައީ މާމިގިލީގަ އެވެ. އޭނާއަކީ އެއްބަނޑު އެއްބަފާ ފަސްކުދީންގެ ތެރެއިން ދެވަނަ އެވެ.

"ވަރަށް އަހުލާގު ރަނގަޅު މަޑުމައިތިރި ކުއްޖެއް އޭނާއަކީ،" މިދުހަތު ބުންޏެވެ.