އެކްސިޑެންޓް

އެކްސިޑެންޓެއްވެ ކުޑަ ކުއްޖަކު މަރުވެއްޖެ

ސިނަމާލެ ބްރިޖާ ގުޅިފައިވާ ހައިވޭގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުޑަ އަންހެން ކުއްޖަކު މަރުވެއްޖެ އެވެ.

ބްރިޖާއި ގުޅިފައިވާ ހައިވޭ ނިމޭ ހިސާބުން ހިނގި އެކްސިޑެންޓަށް ފަހު ލިބުނު އަނިޔާތަކުގައި މަރުވި 13 އަހަރުގެ ކުޑަކުއްޖާ، ފަރުވާ އަށް ގެންދިޔައީ ޓްރީޓޮޕް ހޮސްޕިޓަލަަށެވެ.

ކުޑަކުއްޖާ މަރުވި އެކްސިޑެންޓް ހިނގިއިރު ސައިކަލްގައި ތިބީ އެ ކުއްޖާ އާއި އޭނާގެ މަންމަ އެވެ. އެކްސިޑެންޓް ހިނގީ އެމްޓީޓީސީގެ ބަހެއްގައި ޖެހިގެނެވެ. ދެމައިންގެ އެކްސިޑެންޓާއި ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ކުއްޖާ ގެންދިޔައީ ހާލަތު ސީރިއަސް ކަމުންނެވެ. އަންހެން މީހާ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ.

އެކްސިޑެންޓް ހިނގި ވަގުތު ކުޑަކުއްޖާ ވިއްސައިގެން ގޮސް ބިންމަތީގައި ބޯޖެހުނު ވަގުތު ހެލްމެޓް ވެސް ހަލާކުވި އެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ އެކްސިޑެންޓާއި ގުޅިގެން މިރޭ 10:40 އެހާކަންހާއިރު އެ ހޮސްޕިޓަލަށް އަންހެނަކު ގެންދިޔަ ކަމަށެވެ. އެއީ ގދ. މަޑަވެއްޔަށް ނިސްބަތްވާ އުމުރުން 51 އަހަރު އަންހެނެއް ކަމަށެވެ. އެކްސިޑެންޓާއި ގުޅިގެން އެ އަންހެން މީހާއަށް މާ ބޮޑެތި އަނިޔާތަކެއް ލިބިފައިނުވާ ކަމަށެވެ.

ފުލުހުން ބުނީ މިރޭ އެކްސިޑެންޓް ހިނގީ ސައިކަލް ދުއްވި ދެމައިން ހުޅުމާލޭ ނިރޮޅު މަގުން ގޮސް ހައިވޭއަށް އަރާ ހިސާބުން އެމްޓީސީސީގެ ބަހެއް ޖެހިގެން ކަމަށެވެ. ސައިކަލްގައި ތިބި ދެމައިގެން ތެރެއިން ކުޑަކުއްޖާއަށް ލިބުނު ޒަހަމްތަކާއި އަނިޔާތަކަށް ފަރުވާ ދާން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އެ ކުއްޖާ މަރުވެފައިވަ ކަމަށެވެ.

އަދި ބުނީ އެކްސިޑެންޓަށް ފަހު އެމްޓީސީސީގެ ބަސް މަޑު ނުކޮށް ދިޔަ ކަމަށާއި އެ ބަސް ހުއްޓުވާފައި ވަނީ ހައިވޭގެ ޔޫޓާން ނަގާ ހިިސާބުން ކަމަށެެވެ. ބަސް ދުއްވި ދިވެހި 54 އަހަރުގެ ޑްރައިވަރު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

މި ނޮވެމްބަރު މަސްތެރޭގައި މަގުމަތީގެ ހަ އެކްސިޑެންޓެއް ހިނގާފައި ވެއެވެ.