އެޓާނީ ޖެނެރަލް

އޭޖީ އޮފީހުގެ ޕީއެސް ވަކިކޮށްދޭން އެދި 40 މުވައްޒިފުންގެ ޝަކުވާ

Jun 21, 2022
22

އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމުގައި ހުންނެވި އަހުމަދު ޝިޔާއު އެ މަގާމުން ވަކިކޮށް ދިނުމަށް އެދި އެ އޮފީހުގެ ދެބައިކުޅަ އެއްބައި މުވައްޒިފުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްއީ) އަށް ޝަކުވާ ހުށައަޅައިފި އެވެ.

އޭޖީ އޮފީހުގެ 40 ވުރެ ގިނަ މުވައްޒިފުން ވަނީ ޝިޔާއުއާ ދެކޮޅަށް ސީއެސްއީއަށް ޝަކުވާ ހުށައަޅާފައެވެ. ކޮންމެ މުވައްޒިފަކުވެސް ޝަކުވާ ހުށައަޅާފައިވަނީ ވަކިވަކީންނެވެ.

ސިވިލްސާވިސް ކޮމިޝަނަށް މައްސަލަ ހުށައެޅުމަށް ހާއްސަ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެފަދަ މައްސަލަތަކެއް ހުށައަޅާފައިވާކަން އެ ކޮމިޝަނުންވެސް ޔަގީން ކޮށްދިނެވެ. ނަމަވެސް އެކަމާއި ގުޅޭ ތަފްސީލު ހާމަކުރެވޭނީ ފަހުން ކަމަށް ބުންޏެވެ.

އޭޖީ އޮފީހުގައި މަސައްކަތް ކުރާ 80 ވަރަކަށް މުވައްޒިފުންގެ ތެރެއިން 40 ވުރެ ގިނަ މުވައްޒިފުން ހުށައެޅި ޝަކުވާގައި ޝިޔާއުއާ ގުޅޭ ތަފާތު އެކި މައްސަލަތައް ފެންމަތި ކޮށްފައިވެއެވެ. އެ ކަންކަމުގެ ތަފްސީލް ސީއެސްސީގެ ނިންމުމަށް ފަހު ހާމަ ކުރާނެ ކަމަށް މައްސަލަ ހުށައެޅި ބައެއް މުވައްޒިފުން ވަނީ ބުނެފައެވެ.

އޭޖީ އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމާއި ޝިޔާއު ހަވާލުވީ ސެޕްޓެމްބަރު 9، 2019 ގައެވެ. އޭގެ ކުރީން އޭނާ ވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގައި ހަ އަހަރު މަސައްކަތް ކޮށްފައެވެ. އަދި އިސްލާމީ ޔުނިވާސިޓީގެ އެޑްމިނިސްޓްރޭޝަން އެންޑް އެޗްއާރް ޑިރެކްޓަރު ކަމާއި މިނިސްޓްރީ އޮފް ޑިފެންސްގެ އެޑްމިނިސްޓްރޭޝަން ޑިރެކްޓަރު ގެ މަޤާމުވެސް އޭނާ ފުރުއްވި އެވެ.