ޔޫއެން

ޑިޕްލޮމަސީގެ ދާއިރާގައި އުޅޭ އަންހެނުންނަށް ދުވަހެއް ފާހަގަކުރަނީ

Jun 21, 2022

ޑިޕްލޮމަސީގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހެއް ފާހަގަކުރަން ރާއްޖެއިން އިސްނަގައިގެން ހުށަހެޅި ގަރާރު އދގެ އާއްމު މަޖިލީހުން ފާސްކޮށްފި އެވެ.

ރާއްޖެއާ އެކު ގަރާރު ހުށަހެޅި ކޯ ގުރޫޕްގައި ހިމެނޭ ގައުމުތަކަކީ ގަޔާނާ، ދެކުނު އެފްރިކާ، އެލް ސަލްވަޑޯ، ލުބްނާން، ސެންޓް ލޫޝިއާ، ގްރެނާޑާ، މޯލްޓާ، އެރިޓްރެއާ، ގަތަރު، ލެޓްވިއާ އަދި ކެންޔާ އެވެ.

މި ގަރާރު 191 ގައުމަކުން ކޯ ސްޕޮންސާ ކުރިއިރު 85 ޤައުމަކުން ގަރާރުގެ ސްޕޮންސަރުންގެ ގޮތުގައި ބައިވެރިވި އެވެ.

އާންމު މަޖިލީހުގެ ރޭގެ ބައްދަލުވުމުގައި މި ގަރާރު ފާސްކޮށްފައިވާތީ ކޮންމެ އަހަރަކުވެސް ޖޫން 24 ވަނަ ދުވަސް ފާހަގަކުރާނީ "އިންޓަނޭޝަނަލް ޑޭ އޮފް ވިމެން އިން ޑިޕްލޮމެސީ" ދުވަހުގެ ގޮތުގަ އެވެ.

ރާއްޖޭގެ ފަރާތުން އާންމު މަޖިލީހަށް ގަރާރު ހުށަހެޅުއްވީ ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިން އެވެ.

ގަރާރު ހުށަހަޅުއްވަމުން ތިލްމީޒާ ވިދާޅުވީ މިގަރާރަކީ ޑިޕްލޮމަސީގައި މަސައްކަތްކުރާ އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ ހަމަހަމަ ފުރުސަތު ފަހިކުރުމަށް މަސައްކަތްކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށެވެ. އަދި ޖިންސީ ތަފާތުކުރުންތައް ނައްތާލުމަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް ތިލްމީޒާ ވަނީ ފާހަގަކުރައްވާފަ އެވެ.

ގަރާރު ފާސްވުމާ ގުޅިގެން ޝާހިދު ވިދާޅުވީ އަންހެން ޑިޕްލޮމެޓުން އެތައް ގޮންޖެހުންތަކެއް ގިރާކޮށް އެތައް ކަމެއް ހާސިލްކޮށްފައިވާ ކަމަށެވެ. އެހެންކަމުން އަންހެން ޑިޕްލޮމެޓުންނަށް ހާއްސަ ދުވަހެއް އޮތުން މުހިއްމު ކަމުގައިވެސް ވިދާޅުވި އެވެ.