އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ކުނި މެނޭޖުކުރުމާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް ވެމްކޯ އިން ފަށައިފި އެވެ.
މި ޕްރޮގްރާމު އިއްޔެ ފުރަތަމަ ފެށީ ރައީސް އޮފީހުގަ އެވެ. ކޮންމެ އޮފީހަކުވެސް މި ޕްރޮގްރާމު ދެ ދުވަހު ކުރިއަށް ގެންދިއުމަށް ވެމްކޯ އިން ނިންމާފައިވެ އެވެ.
ކުނި ވަކިކުރާނެ ގޮތާއި ބަންދުކުރާނެ ގޮތުގެ މައުލޫމާތު މި ޕްރޮގްރާމުގައި ދަނީ ބުނެދެމުންނެވެ.
ވެމްކޯ އިން ބުނީ ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށްފަހު އަމިއްލަ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ވޯކްޝޮޕްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
ކުނި ވަކިކޮށްގެން ކުނި ނެގުމުގެ މަސައްކަތް ވެމްކޯ އިން ފެށީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
ކުނި ވަކިކުރަންޖެހެނީ ކުނި ނުވާ ޒާތުގެ ކުންޏާއި ކުނިވާ ޒާތުގެ ކުންޏާއި އަދި ޕްލާސްޓިކް ވަކިކޮށްގެންނެވެ.
ވެމްކޯ އިން ބުނީ ކުނި ވަކިކޮށްގެން ކުނި ނެގުމުގެ މަސައްކަތް ފެށުމުން ތިމާވެށްޓަށް ވެސް އަދި އިގްތިސޯދަށް ވެސް ލިބޭނެ ފައިދާތަކެއް ހުންނާނެ ކަމަށެވެ. އަދި ކުނި ވަކިކޮށްގެން ގޭބިސީތަކުން ކުނި ނެރުމަށް އެއްބާރުލުން ދިނުމަށްވެސް ވެމްކޯ އިން އެދެ އެވެ.