މިއަދު ހެނދުނު ގަލޮޅު ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސްއަޅައި ހިންގީ ނާތަހުޒީބު އަދި ދަށު ދަރަޖައިގެ އަމަލުތަކެއް ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިރޭ ބުނެފި އެވެ.
އެ މިނިސްޓްރީން ދެންމެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ގަލޮޅު ރަސްމީ ބޯޅަދަނޑުގައި ދައުލަތުގެ އިސްވެރިންނާއި ރާއްޖޭގައި ތިއްބެވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެން ކުރިއަށް ގެންދިޔަ ހަރަކާތަށް އަމާޒުކޮށް މުންކަރާތް ނަހީ ކުރުމުގެ ނަމުގައި ހިންގާފައިވަނީ ވަރަށް ނާތަހުޒީބު ދަށު ދަރަޖައިގެ އަމަލުތަކެއް ކަމަށެވެ.
އިސްލާމްދީނަށް ނަސްރު ދިނުމުގެ ނަމުގައި ހަރުކަށިކަން އިސްކޮށް އަނިޔާވެރި ކަމަށް ގޮވާލާ މީސްތަކުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހިންްގާ މިފަދަ އަމަލުތަކަކީ އިސްލާމްދީން ދަސްކޮށް ދެއްވި ރިވެތި އުސޫލުތަކާ މިންގަނޑުތަކުން ބޭރުން ހިންގާ އަމަލުތަކެއް ކަމަށްވެސް ބުންޏެވެ.
މިނިސްޓްރީގެ ބަޔާނުގައި ވަނީ އިސްލާމްދީނާއި ނަބިއްޔާގެ ދިފާއުގައި ކަމަށް ބުނެ ދާހިލީ ހަމަޖެހުން ނަގާލެވޭ މޭރުމުން ބައެއް ފަރާތްތަކުން ހަރަކާތްތަކެއް ހިންގަމުންދާ ކަަމަށާ އެކަމުގެ މަޅީގައި ނުޖެހުމަށް ގޮވާލާފައެވެ. އެއީ އެއްވެސް އިހުލާސްތެރިކަމެއް ނެތި ސިޔާސީ މަންފާއަށް ހިންގާ ހަރަކާތްތަކެއް ކަމަށްވެސް ބުންޏެވެ.
"... އަދި ބައެއް ފަަރާތްތަކުން ދިވެހީންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ލޯބި ސިޔާސީ މަގުސަދެއްގައި ބޭނުން ކޮށްގެން ރައްޔިތުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފައްދަމުން ދާކަން ހަނދުމަކޮށްދެމެވެ. އެހެން ކަމުން މިފަދަ ކަންކަމާއި މެދު ދީނީ އިލްމުވެރިންނާއި މުއައްސަސާތަކުން އިތުރަށް ސަމާލުވެ މުޖްތަމައުގެ މަސްލަހަތު އިސްކޮށް ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރަން އިލްތިމާސް ކުރަމެވެ،"
މިއަދު ހެނދުނު ގަލޮޅު ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސްއަޅައި ހިންގީ ނާތަހުޒީބު އަދި ދަށު ދަރަޖައިގެ އަމަލުތަކެއް ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެ ބަޔާނެއް ނެރުނުއިރު އެ ތަނުގައި ހިންގީ ހިންދޫ ދީނުގެ މީހުން އަޅުކަމެއްގެ ގޮތުގައި ދެކޭ ޔޯގާގެ ހަރަކާތެއްކަން ބަޔާނުގައި އެއްގޮތަކަށްވެސް ފާހަގަކޮށްފައެއް ނުވެއެވެ.