މިއަދު ހެނދުނު ގަލޮޅު ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސްއަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭފުޅުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގެން ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުންދީ ހެދުމުގެ އަޑީގައި އޮތީ ސަލަފު ޖަމިއްޔާ ކަމަށް ކުރާ ތުހުމަތަށް އެ ހަރަކާތުގައި ބައިވެރިވި ޝައިހް އާދަމް ނިޝާން ބިން އަލީ ރައްދު ދެއްވައިިފި އެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝައިހް ނިޝާން ވިދާޅުވީ މިއަދު ހެނދުނު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހިންދީ ދީނުގެ ޔޯގާގެ އިވެންޓާއި ދެކޮޅަށް އަޑުއުފުލަން ދާން ނިންމުމުން, އެކަން އެނގިގެން އެކަމަކީ ރަނގަޅު ކަމެއް ކަމަށް ނުފެންނަ ކަމަށާއި ޝަރުއީ ހަމަތަކާއި އުޞޫލުތަކުގެ ބޭރުން ހަމަނުޖެހުން ހިންގައި ގޯހެއް ހަދާފާނެ ކަމަށް ބުނެ އެންމެ ފުރަތަމަ ނަޞޭޙަތްތެރިވީ ޢިލްމުވެރިންގެ ތެރޭގައި ޖަމްޢިއްޔަތުއް ސަލަފުގެ ޢިލްމުވެރިން ހިމެނޭ ކަމަށެވެ.
އެޔާއި އެކުވެސް އެ ހަރަކާތާއި ދެކޮޅަށް އަޑު އުފުލައި ހައްގު ބަސް ބުނުމަށް ދާން ނިންމީ ޝިރުކުގެ ނުބައިކަމާއި ބޮޑު ކަމުންނާއި އަދި މިކަން އޭނާގެ އިރުޝާދުގެ ދަށުން ސުލްހަވެރިކޮށް ގެންދާނެ ކަމަށް ހަރަކާތް ރޭވި ޒުވާނުން ޔަގީންކަން ދިނުމުން ކަމަށެވެ.
އެހެން ނަމަވެސް މި ހަރަކާތުގައި ބައިވެރިވި ޒުވާނުންގެ ތެރެއިން ބަޔަކު ލޭކެކި ދެމުންދިޔަ އިރުޝާދާއި ހިލާފުވާން ފެށުމުން ނަސޭނަތްތެރިވެ އެމީހުންގެ ތެރެޔަށް ވަދެ ކޮންޓްރޯލްކޮށް ފަހަތަށް ޖައްސަން އެތައް މަސައްކަތެއް ކޮށްފައިވާނެ ކަމަށަވެސް ޝައިހް ވިދާޅުވިއެވެ.
"އެހެން ނަމަވެސް އެޒުވާނުން އެބަސް ގަބޫލުނުކޮށް ދަނޑަށް ވަންނަން ދިމާ ކުރުމުން އަޅުގަނޑުމެންވާނީ ވަގުތުން މި ހަރަކާތް ނިންމާލި ކަމަށް އިއުލާނުކޮށް އެތަން ދޫކޮށް ގޮސްފައެވެ. ކޮންމެއަކަސް އެވަގުތު އަޅުގަނޑަށް ފާހަގަ ކުރެވުނީ އެމީހުން ހުއްޓުވުމަށް ފުލުހުންވެސް މާބޮޑު މަސައްކަތްތަކެއް ނުކުރާ ކަމެވެ،"
ނިޝާން ވިދާޅުވީ އޭނާ ގަބޫލުކުރާ ގޮތުގައި މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނީ އަދި މިހިސާބަށް މިކަންތައް ދިޔައީވެސް ޝިރުކުގެ މިބޮޑު މުންކަރާތް ހުއްޓުވުުގެ ޒިންމާ ދީނީ ގޮތުންނާއި ގާނޫނީ ގޮތުންވެސް ބޮލުގައި އެޅިފައިވާ ފަރާތްތަކުން ދައުލަތުން އެކަން އިންތިޒާމްކޮށް ރަސްމީ ޢިއްޒަތާއި ޝަރަފުގައި އެކަން ކުރުމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.