ލައިފްސްޓައިލް

ކައިވެންޏަށް 45 ދުވަސްފަހުން ކުރީގެ ލޯބިވެރިޔާ އާއެކު ފިލައިފި

އިންޑިޔާ އަންހެނަކު ކައިވެނިކުރިތާ 45 ދުވަސް ފަހުން ފިރިމީހާގެ ގޭގައި ހުރިނަމަ ހުރި ގަހަނާ އާއި ފައިސާތަކާ އެކު ފިލައިފި އެވެ.

އަންހެން މީހާ ފިލައިގެން ދިޔައީ އޭނާގެ ކުރީގެ ލޯބިވެރިޔާއާ އެކުގައި ކަމަށްވެ އެވެ.

ހިންދީ ފިލްމެއް ކުޅެލަން ރަނގަޅުވާނެ ފަދަ ޝައުގުވެރި ވަރަށް ގިނަ ކަންތައްތަކެއް ވެސް މި ކަންތައްގަނޑުގެ ތެރޭގައި ހިމެނެ އެވެ.

ޕަޓްނާގެ ނައުބަތުޕޫރު ކިޔާ ރަށެއްގައި ދިރިއުޅޭ ސަތުޔާނަންދް އާއި ރާނީ ކުމާރީ ނަމަކަށް ކިޔާ 20 އަހަރުގެ މި އަންހެން މީހާ މީގެ 45 ދުވަސް ކުރިން ކައިވެނިކުރީ ލޯބިވެގެން އުޅޭތާ ދެ އަހަރު ދުވަސް ވީ ފަހުންނެވެ.

މި ކައިވެނި ކުރަން ދެ ފަރާތުގެ އާއިލާ ނުރުހުމުން ދެ މީހުން ވަނީ އާއިލާގެ މީހުންނާ ވެސް ވަރަށް އަރާރުން ވެފަ އެވެ. ނަމަވެސް ކައިވެނިކުރިތާ 45 ވަނަ ދުވަހު ރާނީ ވަނީ އޭނާގެ ފިރިމީހާ ނިދާފައި އޮއްވާ ދަންވަރު ގަޑީގައި ހުރިހާ މުދަލާއި ފައިސާ ހިފައިގެން ކުރީގެ ލޯބިވެރިޔާއާ އެކު ފިލާފަ އެވެ.

ރާނީގެ ފިރިމީހާ ހެނދުނު ހޭލިއިރު ގޭގައި ހުރިނަމަ ހުރި މުދަލެއް ހިފައިގެން އަންހެނުން ފިލައިފިކަން އެނގުމުން ވަގުތުން ޕޮލިސް ސްޓޭޝަނަށް ގޮސް މައްސަލަ ޖެއްސި އެވެ.

ރާނީ ފިލީ ގޭގައި ހުރި ތިޖޫރިއެއް ފަޅާލައިގެން އޭގައި ހުރި ހުރިހާ އަގުހުރި ގަހަނާ އާއި ފައިސާތައް ހިފައިގެން ކަމަށް އޭނާގެ ފިރިމީހާ ފުލުހުން ކައިރީ ބުނެފައިވެ އެވެ.

ފިރިހެން މީހާ ބުނި ގޮތުގައި ދެ ފަރާތުގެ އާއިލާ ނުގަބޫލުވެގެން އެމީހުންނާ ވަރަށް ހަނގުރާމަކުރުމަށްފަހު ދެ މީހުން ވަރަށް ކުލަގަދަ ހަފުލާއެއްގައި ކައިވެނި ކުރިތާ މާ ގިނަ ދުވަހެއް ނުވެ އަންހެން މީހާގެ އުޅުން ބަދަލުވާން ފެށި ކަމަށެވެ. އަދި ފިރިހެން މީހާ އޮފީހުން ގެޔަށް އަންނައިރު އަބަދުވެސް މީހަކާ ފޯނުން ވާހަކަ ދައްކަން ނުވަތަ މެސެޖުކުރަން އަންހެން މީހާ އިންނަތަން ފެންނަން ފެށި ކަމަށެވެ. އޭނާ ސުވާލުކުރުމުން އެއީ ކުރީގެ ލޯބިވެރިޔާ ކަމަށާއި މިހާރު ބޭނުންވަނީ އޭނާއާ އެކު ދާން ކަމަށް އަންހެން މީހާ ބުނި ކަމަށްވެ އެވެ.

އެކަމާ ދެމަފިރިންގެ މެދުގައި ޒުވާބުތައް ހިނގަމުންދިޔަ ކަމަށާއި އެއްރޭ ނިދާފައި ހޭލިއިރު އަންހެން މީހާ ތިޖޫރީ ފަޅާލައިގެން އޭގައި ހުރިނަމަ ހުރި ގަހަނާ އަކާއި ފައިސާއެއް ހިފައިގެން ފިލައިފި ކަމަށް ފުލުހުންނަށް ފިރިމީހާ ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.

މިހާރު ފުލުހުން ގެންދަނީ އަންހެން މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.