ދުނިޔެ

ރަޝިއާގެ ތެޔޮ ޕްލެޓްފޯމަކަށް ހަމަލާދިނީ ޔުކްރޭނުން

ރަޝިއާ އިންޖިނޭރުން ކަޅު ކަނޑުން ތެޔޮވަޅު ކޮންނަން ހަދާފައި ހުރި ޕްލެޓްފޯމަކަށް މިސައިލް ހަމަލާ ދިނީ ޔުކްރޭންގެ އަސްކަރިއްޔާ އިން ކަމަށް އެ ގައުމުން އެއްބަސްވެއްޖެ އެވެ.

ޔުކްރޭނުން ބުނި ގޮތުގައި ހަމަލާދިން ސަބަބަކީ އެއީ ތެޔޮ ހޯދަން ހަދާފައި ހުރި ޕްލެޓްފޯމަކަށް ނުވާތީ އެވެ. އެ ތަން ބޭނުންކުރަނީ ރަޝިއާ ސިފައިން ކަމަށް ޔުކްރޭނުން ބުނެ އެވެ. އަދި އެއީ ޔުކްރޭނަށް ހަމަލާދޭ ހަތިޔާރު ގުދަންކުރާ އަސްކަރީ މަރުކަޒެއް ކަމަށް ވެސް ޔުކްރޭނުން ބުނެ އެވެ.

ރަޝިއާ ސިފައިން މި އަހަރު ފެބްރުއަރީ 24 ގައި ޔުކްރޭނަށް އަރައިގަނެ ދެމުން ގެންދާ ފަނާކުރަނިވި ހަމަލާތަކަށް ޔުކްރޭނުން ރައްދު ހަމަލާ ދިން ނަމަވެސް ހަކަތައާ ގުޅުން ހުރި އެފަދަ ބިނާއަކަށް މީގެކުރިން ހަމަލާ ދީފައެއް ނުވެ އެވެ.

ޔުކްރޭނުން ބުނީ ކްރައިމިއާގެ 70 ކިލޯމީޓަރު ބޭރުގައި ކަޅު ކަނޑަށް ވާގޮތަށް ތެލަށް ކޮންނަން ރަޝިއާއިން ހަދާފައި ހުރި ބިނާ އަކީ ހަގީގަތުގައި އަސްކަރީ ބޭނުންތަކަށް އަޅާފައި ހުރި ތަނެއް ކަމަށެވެ.

ތެޔޮވަޅަށް ކޮންނަ ތަންތަން ހުންނަ ގޮތަށް ޓަވަރުތަކެއް ޖަހައި ބިނާކޮށްފައި ހުރި ނަމަވެސް، އެ ޕްލެޓްފޯމަކީ ޔުކްރޭނަށް ހަމަލާދޭން ބޭނުންކުރާ ތަނެއް ކަމަށްވެސް ޔުކްރޭންގެ އަސްކަރިއްޔާއިން ބުނެ އެވެ.

އެ ތަނުގައި ހުރީ ވައިގެ ހަމަލާތަކުން ދިފާއުވާން ބޭނުންކުރާ އާލާތްތަކާއި ޖާސޫސީ އަދި އަސްކަރީ ރާޑަރުތަކާ ގުޅުން ހުރި ސާމާނު ކަމަށް ޔުކްރޭނުން ބުނެ އެވެ.

ޔުކްރޭންގެ އަސްކަރިއްޔާއިން އިންޓަފެކްސް ނޫސް އޭޖެންސީއަށް ބުނި ގޮތުގައި ރަޝިއާގެ ހަމަލާތައް ވަރުގަދަކުރަން ވަސީލަތަކަށް އެ ޕްލެޓްފޯމް ވެއެވެ. ރަޝިއާގެ މިސައިލްތަކަށް އެތަނުން މަގުދައްކާ ކަމަށް ވެސް ޔުކްރޭން ތުހުމަތު ކުރެ އެވެ.

ރަޝިއާއިން ހިފާފައި އޮންނަ ޔުކްރޭންގެ ކްރައިމިއާގައި ބޮޑަކަށް ހުންނަ ސަރުގޭ އަކްސީޔޮނޯފް ބުނި ގޮތުގައި ތެޔޮވަޅާ ބެހޭ ގޮތުން ޔުކްރޭން ހަދަނީ ދޮގެވެ. ހަގީގަތް ބަލާނުލައި ހަމަލާދިނުމުން ހަތް މީހަކު ގެއްލި ތިން މީހަކަށް ވަރަށް ބޮޑަށް އަނިޔާވި ކަމަށް ވެސް އޭނާ ބުންޏެވެ.

ރަޝިއާ ބުނާ ގޮތުން ޔުކްރޭނުން ހަމަލާދިނީ އެންމެ ތެޔޮ ވަޅަކަށް ނޫނެވެ. ސީރިއަސް ބޭނުންތަކަށް ތެޔޮ ނަގަން ކޮންނަމުން ދިޔަ އިތުރު ދެ ވަޅަކަށް ވެސް ޔުކްރޭނުން ހަމަލާދިން ކަމަށް ރަޝިއާ ބުނެ އެވެ.

ޔުކްރޭނުން ބުނީ ތެޔޮ ވަޅުތަކަށް ހަމަމާ ދިނުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދި ބުނީ އެކަން ގޯސް ވަނީ ހަގީގަތުގައި ވެސް އެއީ ތެޔޮ ވަޅަކަށް ވާނަމަ ކަމަށެވެ. އަސްކަރީ ބޭނުންތަކަށް ބޭނުންކުރާ ނަމަ ތެޔޮ ޕްލެޓްފޯމެއް ނަމަވެސް ޔުކްރޭނަށް ވަނީ ސައްހަ އަމާޒަކަށް ކަމަށް ވެސް ބުންޏެވެ.