ދުނިޔެ

ޗައިނާ އާއެކު ހަރުދަނާ ގުޅުމެއް އޮންނަން ޖެހޭ: ޖަޕާން

ޗައިނާ އާއެކު ހަރުދަނާ އަދި ދެމެހެއްޓެނިވި ގުޅުމެއް އޮންނަން ޖެހޭ ކަމަށް ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ވިދާޅުވެއްޖެ އެވެ. ބޮޑުވަޒީރު ވިދާޅުވި ގޮތުގައި މަޝްވަރާއިން ނަތީޖާ ނެރެވޭނެ އެވެ.

ޖަޕާނުން ކުރިން ބުނި ގޮތުން ދެ ގައުމު ހިއްސާކުރާ ކަނޑާއި ވަޔަކީ ވަކި ގައުމަކަށް އޮތް މުދަލެއް ނޫނެވެ. އެ ސަރަހައްދުގައި ޗައިނާއަށް ވަކި އިތުރު ބާރުވެރިކަމެއް އޮތުން ޖަޕާން ގަބޫލު ނުކުރާ ކަމަށް ވެސް ބުންޏެވެ.

އެހެން ނަމަވެސް، ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ވެރިންގެ ފެންވަރުގައި މަޝްވަރާ ކުރެވިގެން ނޫން ގޮތަކަށް ހަރުދަނާ ގުޅުމެއް ނުބޭއްވޭނެ އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންއާ މަޝްވަރާ ކުރައްވާނެ ކަމަށް ސީދާ ވިދާޅުވި ނުވި ނަމަވެސް، ސަމިޓެއް އިންތިޒާމް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ޖަޕާންގެ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ޗައިނާއާ ޖަޕާން އެއްގަލަކަށް އަރަން ޖެހެނީ ހަމައެކަނި ދެ ގައުމަށްޓަކައެއް ނޫނެވެ. ސަރަހައްދު ހިއްސާކުރާ އެހެން ގައުމުތަކުން ވެސް ޗައިނާ އާއި ޖަޕާން އެއްގަލަކަށް އަރައި ގުޅިގެން މަސައްކަތް ކުރަން ބޭނުންވެ އެވެ.

ޖަޕާން މެދު ޗައިނާ އޮންނަ ކަންބޮޑުވުމަކީ އެމެރިކާއާ މާ ގާތްވުމެވެ. އަދި ޖަޕާންގެ ސަބަބުން ސަރަހައްދީ ސިއްރުތައް އެމެރިކާއަށް ލިބުމެވެ

ޖަޕާން އަކީ "ކުއަޑް" ގެ ވެސް ބައިވެރިއެކެވެ. އެމެރިކާ އާއި އިންޑިއާ، އޮސްޓްރޭލިއާ އަދި ޖަޕާން ގުޅިގެން އުފައްދާފައި އޮތް ކުއަޑްގެ ބޭނުމަކީ ދެކުނު ޗައިނާ ކަނޑުގައި އަދި ސަރަހައްދީ އިމުގައި ޗައިނާއަށް އޮތް ދައުރު ހަނިކުރުމެވެ.

އަސްކަރީ ގާބިލުކަން ހޯދަން ޗައިނާ ކުރާ މަސައްކަތްތައް ހުއްޓުވުމަކީ ވެސް ކުއަޑްގެ ބޭނުމެކެވެ. ޗައިނާއަށް ޖާސޫސްކޮށް އަދި އެހެނިހެ ސިނާއަތްތަކުން ހޯދާ ކުރިއެރުންތައް ބަލައި ސައްލަކުރުމަކީ ވެސް ކުއަޑުން ކުރާ ކަމެކެވެ.

ފުމިއޯ ކިޝިޑާ ވިދާޅުވި ގޮތުގައި މިފަދައިން ހުރި ތަފާތުތަކާ އެކު ވެސް ދެ ގައުމު އެކުގައި އޮންނަން ޖެހެ އެވެ. އަދި ވަކި ގައުމަކާ އެކު ގުޅުން ބޭއްވުމަކީ މައްސަލައަކަށް ވެގެން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޗައިނާގެ ރައީސް އާއެކު ސަމިޓެއް ބާއްވަން އުންމީދު ކުރައްވާ ކަމަށް ވިދާޅުވެ ޖަޕާން ބޮޑުވަޒީރު ވިދާޅުވީ މަޝްވަރާއިން ނަތީޖާ ނެރެވޭނެ ކަމަށެވެ.