ޓޫރިޒަމް

ޝަންގްރީ-ލާ ހިއްސާ ބަދަލުކުރަން ވިއްކާލަނީ

Jun 22, 2022
1

ޓޫރިޒަމް ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހު ފާސްވާންވާއިރަށް ޝަންގްރީ-ލާ ވިލިނގިލި ރިސޯޓު ހިއްސާ ބަދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ސަރުކާރާއެކު ޖޮއިޓް ވެންޗާ ވެގެން އުފައްދާފައިވާ އައްޑޫ އިންވެސްޓްމަންޓުގައި އޮތް ސަރުކާރުގެ ހިއްސާ ވިއްކާލަން މީގެ ކުރިން މަސައްކަތް ކުރި ނަމަވެސް ޓޫރިޒަމް ގާނޫނު އޮތްގޮތުން ޝަންގްރީ-ލާއިން ހިއްސާ ބަދަލުކުރާނަމަ ރިސޯޓުގެ މައި އިންވެސްޓްމަންޓާ ނުބައްދަލު ބޮޑު އަދަދެއް ދައްކަން ޖެހެ އެވެ.

އަދި ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ގަންނަން ބޭނުންނަމަ 85 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ސަރުކާރާއެކު އެ ކުންފުނިން ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ގެއްލުންވާ ހާލަތުގައި ލޮސް ފައިނޭންސް ކުރުމަށް ދޭ ލޯނުގައި ސަރުކާރުން ބައިވެރިވާން ޖެހެ އެވެ. މި ލޯނުގައި ބައިވެރިވާން ވެސް 60 މިލިއަން ޑޮލަރުވަރު ދައްކަން ޖެހެ އެވެ.

މި ސަބަބާ ހުރެ ޓޫރިޒަމް ގާނޫނަށް އިސްލާހުތަކެއް ގެނެސްގެން ވެސް މި މައްސަލަ ހައްލުކުރަން ސަރުކާރުން މަސައްކަތް ފެށި އެވެ. އަދި ޓޫރިޒަމް ގާނޫނަށް ގެންނަ އިސްލާހު ފާސް ކުރުމުގައި ރައްޔިތުން މަޖިލީހުގައި މިހާރު އޮތީ އެންމެ ފަހު މަރުހަލާގަ އެވެ.

އެހެންވެ މި އިސްލާހު ފާސްވާން ވާއިރަށް ހިއްސާ ބަދަލުކޮށް ރިސޯޓް ވިއްކާލުމުގެ ޕްރޮސެސްތައް ނިންމަން ބޮޑެތި ޕްރޮޕަޓީތައް ވިއްކާ ސީބީއާރުއީ ލިމިޓެޑުން ވަނީ އިއުލާނުކޮށްފަ އެވެ. އަދި މި ރިސޯޓު ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރަން ވަނީ ހުޅުވާލާފަ އެވެ.

ނަމަވެސް، މި ރިސޯޓު ވިއްކާލަން އުޅޭކަން އަދި ރަސްމީކޮށް ޓޫރިޒަމް މިނިސްޓްރީއަށް އަންގާފައެއް ނުވެ އެވެ. އަދި މި މަރުހަލާގައި މުއާމަލާތް ކުރާކަން އެންގުން ލާޒިމެއްވެސް ނޫނެވެ.

ހޮންކޮންގެ ބިޔަ ހޮސްޕިޓާލިޓީ ކުންފުނި ޝަންގްރީ-ލާ ގުޅިގެން މި ރިސޯޓު ހުޅުވާފައިވަނީ 2005 ވަނަ އަހަރު އެވެ.

ސަރުކާރުގެ ބައިވެރިވުމާއެކު އުފެއްދި އައްޑޫ އިންވެސްޓްމަންޓުން ވޯލްޑް ބޭންކުން 50 މިލިއަން ޑޮލަރުގެ ލޯނެއް ނަގައި ސަރުކާރުގެ ފައިސާއާއެކު ޖުމްލަ 150 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ތަރައްގީކޮށްފައިވާ މި ރަށުގައި 132 ވިލާ ހުރެ އެވެ. ގާތްގަނޑަކަށް 50 ހެކްޓަރުގެ ބޮޑު މި ރިސޯޓުގައި ހަ ރެސްޓޯރެންޓް ހުންނައިރު، ސްޕާ އާއި ދެ ޓެނިސް ކޯޓު ގޮލްފް ކޯހެއް ވެސް މި ރިސޯޓުގައި ހުރެ އެވެ. މި ރިސޯޓުގެ ކުލީގެ މުއްދަތު ހަމަވާނީ 2105 ގަ އެވެ.