ފްލޯޓިން ސިޓީ

ފްލޯޓިން ސިޓީގެ މަސައްކަތްތައް ލަސްވަނީ ހުއްދަތައް ލަސްވާތީ

Jun 22, 2022

މޯލްޑިވްސް ފްލޯޓިން ސިޓީގެ މަސައްކަތް ދިވެހި ސަރުކާރުން ހުއްޓުވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ނަމަވެސް ސަރުކާރުން އެފަދަ ކަމެއް ކޮށްފައިވާ ކަމަކަށް ނެދަލޭންޑްސްގެ ޑޮކްލޭންޑް އިންޓަނޭޝަނަލް އިން ނުބުންޏެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ފްލޯ ސިޓީ މަޝްރޫއުގެ ރާއްޖޭގެ ކޮންސެލްޓެންޓް މުހައްމަދު ރިޔާޒު ވިދާޅުވީ ފްލޯ ސިޓީއެއް ހެދުމުގެ މަސައްކަތަކީ ވަރަށް އުދަގޫ އެތައް މަރުހަލާއެއް ފުރިހަމަކުރަންޖެހޭ އަދި ވަރަށް ގިނަ ހުއްދަތަކަކާ އެކު ކުރިއަށް ގެންދަންޖެހޭ މަޝްރޫއެއް ކަމަށެވެ.

ރާއްޖޭގައި ވަސީލަތްތައް ހުރި ގޮތުން މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ދުވެލީގައި ނުދާކަން ފާހަގަކުރައްވަމުން ރިޔާޒު ވިދާޅުވީ މަޝްރޫއާ ގުޅިގެން ގާނޫނީ ގޮތުން ކުރަންޖެހޭ ކަންތައްތަކަކާއި ތިމާވެށީގެ ގޮތުން ވަކި ހުއްދަތަކެއްގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އެކަންކަމާ ގުޅޭ އެއްބަސްވުންތަކާއި ލިޔުންތައް ސަރުކާރަށް ހުށަހެޅުމުން އެއްބަސްވުމަކަށް އާދެވި ބައެއް ހުއްދަތައް ލިބުން ލަސްވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ. އެހެންވަނީ މިމަޝްރޫއަކީ ބޮޑު މަޝްރޫއަކަށް ވެފައި އާކަންތައްތަކެއް މަޝްރޫއުގެ ތެރެއިން އެނގި ދަސްކުރަންޖެހޭތީ ކަމަށް ވެދާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ ރައީސް ނަޝީދު ވެސް އެ އިޝާރާތް ކުރައްވަނީ މިދަންނަވާ ހުއްދަތައް ލިބުމުގައި ސަމާލުކަން ކުޑަވާ މައްސަލައަށްހެން. ބައެއް ހުއްދަތައް ލިބުމުގައި ލަސްތަކެއް އެބައުޅޭ،" ރިޔާޒު ވިދާޅުވި އެވެ.

ފްލޯޓިން ސިޓީ މަޝްރޫއު ހުއްޓުވަން ސީދާ ސަރުކާރުން ވަކި ކަމެއް ކުރައްވާފައިވޭތޯ ސުވާލުކުރުމުން ސީދާ އެ ސުވާލަށް ރިޔާޒު ސާފު ޖަވާބެއް ނުދެއްވި އެވެ. ތަކުރާރުކޮށް ވިދާޅުވީ މިމަޝްރޫއާ ގުޅިގެން ސަރުކާރަށް ފޮނުވާ އެއްބަސްވުންތަކާ މެދު ގޮތެއް ނިންމޭލެއް ލަސްވާ ކަމަށެވެ. ފްލޯޓިން ސިޓީގެ މަޝްރޫއާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީއާ އެކު މިހާރުވެސް މަޝްވަރާތައް ހިނގަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަދިވެސް އުއްމީދުކުރަނީ ވާހަކަދެކެވޭ ގޮތަށް މަޝްރޫއު ކުރިއަށް ގެންގޮސް ނިންމާލެވޭނެ ކަމަށް،" ރިޔާޒު ވިދާޅުވި އެވެ.

ފްލޯޓިން ސިޓީގައި އަޅަން ނިންމާފައިވާ ގެ ތަކުގެ މޮކަޕް ނުވަތަ ނަމޫނާ ގެތަކެއް ހެދުމަށް މިދިޔަ ފެބްރުއަރީ މަހުގެ ދެވަނަ ހަފްތާގެ ތެރޭގައި ހަވާލިިކޮށްފައިވަނީ ބައިސަން މޯލްޑިވްސް އަށެވެ. މޮކަޕް ނިމިފައިވާކަން ފާހަގަކުރައްވަމުން ރިޔާޒު ވިދާޅުވީ ރައްޔިތުންނަށް ބަލައިލެވޭ ގޮތަށް މޮކަޕް ބެހެއްޓޭނީ ވެސް ކަމާ ގުޅޭ އިދާރާތަކުން ހުއްދަ ލިބުމުން ކަމަށެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ އިކޮނޮމިކް ކައުންސިލްގައި މަޝްވަރާ ކުރެއްވުމަށްފަހު ފްލޯޓިން ސިޓީ މަޝްރޫއު ހުއްޓުވީ އެމަނިކުފާނުގެ ނަން އެ މަޝްރޫއުގައި ހިމެނޭތީ ކަމަށެވެ. ސަރުކާރުން އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ އެއް ބިލިއަން ޑޮލަރުގެ ބޮޑު އިސްވެޓްމަންޓް ސަރުކާރުން ހުއްޓުވި ކަމަށް ތުހުމަތުކުރައްވާ ނަޝީދު ވިދާޅުވީ އެގޮތަށް އަމަލުކުރުން އެއީ "ބޮޑުވަރު" ކަމަށެވެ. ފްލޯޓިން ސިޓީގެ މަސައްކަތް ކުރެވޭނެ އެއްވެސް ގޮތެއް ދައްކާފައި ނުވާތީ އެމަނިކުފާނު މިހާރު ގަސްދުކުރައްވަނީ އެ މަޝްރޫއަކީ ރާއްޖޭގައި ކުރިއަށް ނުގެންދެވޭނެ މަޝްރޫއެއް ކަމަށް ޑަޗް ކުންފުންޏަށް ލަފާ އަރުވަން ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.

މޯލްޑިވްސް ފްލޯޓިން ސިޓީގެ މަސައްކަތް ދިވެހި ސަރުކާރުން ހުއްޓުވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާތީ އެކަމުގައި ސަރުކާރުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވަނ ކަމާ ގުޅޭ ބޭފުޅަކު ފޯނަށް ޖަވާބު ނުދެއްވާތީ އެވެ.



މޯލްޑިވްސް ފްލޯޓިން ސިޓީގެ ނަމުގައި ކުރިއަށްދާ މަޝްރޫއަކީ ދިވެހި ސަރުކާރާއި ނެދަލޭންޑްސްގެ ޑޮކްލޭންޑް އިންޓަނޭޝަނަލް ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫއު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ލޯންޗް ކުރީ މިދިޔަ އަހަރުގެ މާޗް 14 ވަނަ ދުވަހު އެވެ. މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން ވަނީ އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއް ޑަޗް ޑޮކްލޭންޑް ކުންފުންޏަށް ދީފަ އެވެ. މަޝްރޫއު ހިންގަނީ ސަރުކާރާއި ޑަޗް ޑޮކްލޭންޑް ކުންފުނި ގުޅިގެން ޖޮއިންޓް ވެންޗާ ކުންފުންޏަކުންނެވެ.

ފެން މަތީގައި އޮންނަ، ތިމާވެއްޓާ ރަހުމަތްތެރި ސިޓީ ހަދަނީ 5،000 ގޯތި ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ބައިތަކެއް ވެސް ހިމަނައިގެންނެވެ. އެގޮތުން ޔޮޓު މެރީނާ އަކާއި ފަސްތަރީގެ ދެ ރިސޯޓު އަދި ކުދި ޕިކްނިކް އައިލެންޑްތައް ހެދުމަށް ހަމަޖެހިފައިވެ އެވެ. މީގެއިތުރުން ހޮސްޕިޓަލާއި، ސްކޫލާއި، ޝޮޕިންމޯލްގެ އިތުރުން ކައުންސިލާއި ސަރުކާރު އޮފީސްތައް ވެސް ހެދުމަށް ނިންމާފައިވެ އެެވެ.