ޖަމިއްޔަތުއް ސަލަފުގެ އިލްމުވެރީންގެ މަޖިލީހުގެ ރައީސް އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އަހުމަދު ސަމީރަށް މަރުގެ އިންޒާރު ދިން މައްސަލަ ބަލަމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
އިންޑިއާގެ ބަޔަކު ދީނީ އަޅުކަމެއް ކަމުގައި ދެކޭ ޔޯގާ ހަރަކާތެއް އިއްޔެ މާލޭގައި ކުރިއަށް ގެންދަން އުޅުމުން ބަޔަކު ވަނީ ހަމަނުޖެހުން އުފައްދާފައެވެ. އެ ހަމަނުޖެހުންތައް ޖަމިއްޔަތުއް ސަލަފާ އަދި އެ ޖަމިއްޔާއަށް ނިސްބަތްވާ އިލްމުވެރީންނާއި ގުޅުވުމަށް ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އިއްޔެ ހެނދުނު އޮތް އިހުތިޖާޖުގައި އެއްވެސް ސިފައެއްގައި ސަލަފާއި ސަލަފަށް ނިސްބަތްވާ އިލްމުވެރީން ބައިވެރިވެފައެއް ނުވެ އެވެ. އަދި އެ ހަރަކާތް ބާއްވަން އެނގި އޭގެ ކުރީ ރޭ އެ ޖަމިއްޔާ އިން ވަނީ އެ ހަރަކާތަކީ ސަލަފާ އެއްވެސް ގުޅުމެއް ނެތް ހަރަކާތެއް ކަމަށް ރަސްމީކޮށް އިއުލާނުވެސް ކޮށްފައެވެ.
އިއްޔެ ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ސަރުކާރު ދިފާއުގައި ނިކުތް މީހުންގެ ތެރެއިން ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ދީނީ އިލްމުވެރިންނަށް ވަރަށް ބޮޑަށް ފުރައްސާރަކޮށްފައެވެ. އަދި އެކަކު ވަނީ ދީނީ އިލްމުވެރިޔާ ޝައިހް އަހުމަދު ސަމީރަށް ނިސްބަތް ކުރައްވާ ހުތުރު ބަސްތަކުން މުހާތަބުކޮށް މަރުގެ އިންޒާރު ދީފައެވެ.
އެކަމާއި ގުޅޭގޮތުން އިއްޔެ އިން ފެށިގެން ނޫސްވެރީން ގެންދިޔައީ ތަކުރާރުކޮށް ފުލުހުންނާއި ސުވާލު ކުރަމުންނެވެ. ފުލުހުން އެ މައްސަލާގައި ޖަވާބެއް ނުދީ ވަނިކޮށް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބި ބައެއް މީހުންވެސް ވަނީ ޝައިހް ސަމީރަށް ފުރައްސާރަކޮށް ހުތުރު ބަސްތައް ރައްދު ކޮށްފައެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނީ ޝައިހް ސަމީރަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މައްސަލައެއް ރޭ ދަންވަރު 12:39 އެހާކަންހާއިރު ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ. ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
ޝައިހް އަހުމަދު ސަމީރަކީ އާންމުންގެ ވަރަށް ބޮޑު ލޯތްބަކާއި އިހުތިރާމެއް އޮތް އިލްމުވެރިއެކެވެ. ދީނީ މައްސަލަތަކުގައި ރައްޔިތުންނަށް ކަން އޮތްގޮތް ބަޔާންކޮށް ދެއްވުމުގައި މަޑުމައިތިރި އަދި ވަރަށް ހިކުމަތްތެރިކަން ގެންގުޅުއްވާ ބޭފުޅެކެވެ.
ދީނީ އިލްމުވެރިންނަށް ފުރައްސާރަ ކުރުމާއި މާތްﷲ އާއި އުންމަތުގެ ނަބިއްޔާއަށް ފުރައްސާ ކުރުމުގެ އަމަލުތައް ރާއްޖޭގައި ގިނަވެފައިވަނީ ކަންބޮޑުވާން ޖެހޭ މިންވަރަކަށެވެ. ނަމަވެސް އެފަދަ މައްސަލަތަކުގައި ފުލުހުންގެ ސީރިއަސްކަން ފެންނަނީ ވަރަށް ކުޑަކޮށް ކަމަށް ގިނަ ބަޔަކު ދެެކެއެވެ. އެއާ ހިލާފަށް ދީނީ ކަންކަމުގައި އިސްކޮށް އުޅޭ މީހުންނާއި ދައުވަތުގެ މައިދާނުގައި ހަރަކާތްތެރިވާ މީހުންނާއި ގުޅުން ހުރި މައްސަލައެއް ބަޔަކު ފެންމަތިކޮށްފިނަމަ އެކަމުގެ ހަގީގަތެއް ނެތަސް ފުލުހުންގެ ހަރަކާތް އަވަސްކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.