ހަބަރު

އެމްޑީއޭން ތަހުގީގު ނިމެންދެން ސީޕީ ގޭގައި މަޑުކުރަންޖެހޭ: އުމަރު

Oct 20, 2019
7

އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގު ނިމެންދެން، އެ ޖަމިއްޔާގައި ކުރިން މަސައްކަތް ކުރެއްވި އަދި މިހާރުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަގުތީ ގޮތުން މަގާމާ ދުރަށް ޖެހިވަޑައިގަންނަވަންޖެހޭނެ ކަމަށް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

"އިއްޔެ އެމްޑީއެންގައި މަސައްކަތް ކުރައްވާފައި، މިއަދު އެމްޑީއެންގެ މައްސަލަ ބައްލަވަން ހުންނެވުމަކީ މަސްލަހަތު ފުށުއަރާ ކަމެއް،" އުމަރު ވިދާޅުވި އެވެ.

އުމަރު އިތުރަށް ވިދާޅުވި ގޮތުގައި މައްސަލައިގެ ތަހުގީގުގައި އެ ޖަމިއްޔާގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ހަމީދުއާ ސުވާލު ކުރަން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

"މީގެ ކުރިން މިނިސްޓަރަކު ވެސް ތަހުގީގެއް ހިނގާތީ ގޭގައި މަޑުކުރެއްވި. ހަމަ އެ އުސޫލު ސީޕީ ހަމީދާ ދޭތެރޭ ވެސް އޮންނަންވާނެ،" އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ގޭގައި މަޑުކުރަން ރައީސް އެންގެވި އެންގެވުމަށް އިޝާރާތް ކުރައްވަމުން އުމަރު ވިދާޅުވި އެވެ.

"ގޭ މީހުންނަށް ވަކި ގޮތެއް، ގެއިން ބޭރު މީހުންނަށް ވަކި ގޮތެއް ނުހައްދަވައި، އެއް އުސޫލެއް ރައީސް ހިފަހައްޓަވާނެ ކަމަށް އުއްމީދު ކުރަން،" އުމަރު ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅޭގޮތުން، ފުލުހުން މީގެ ކުރިން ބުނެފައިވަނީ ފުލުހުންގެ ވަޒީފާ އަދާ ކުރައްވަމުން އެމްޑީއެންގެ އެއްވެސް މަގާމެއް ކޮމިޝަނާ ހަމީދު އަދާ ކުރައްވާފައި ނުވާ ކަމަށާ ފުލުހެއްގެ ގޮތުގައި ހުންނަވައިގެން އެ ޖަމިއްޔާގައި މަސައްކަތް ކުރައްވާފައި ވެސް ނުވާ ކަމަށެވެ.

ނަމަވެސް ހަމީދު ފުލުހުންގެ ވަޒީފާއާ ދުރުގައި ހުންނެވި ދުވަސްކޮޅު އަމިއްލަފުޅު ހައިސިއްޔަތުން އެމްޑީއެންގައި ކުޑަ ދުވަސްކޮޅަކު މަސައްކަތް ކުރައްވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި ބުނީ މިހާރު ތަހުގީގު ހިނގަމުންދާ އެމްޑީއެން ރިޕޯޓްގެ އެއްވެސް މަސައްކަތެއްގައި ވެސް ހަމީދު ބައިވެރިވެވަޑައިގެންފައި ނުވާ ކަމަށާއި އެމްޑީއެން އިން ނެރުނު ރިޕޯޓްގައި މައްސަލަ ތަހުގީގު ކުރަންޖެހޭ އެންމެހާ ކަންކަން ސީޕީ ހަމީދާއި ފުލުހުން ވެސް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

ފުލުހުންގެ ވަޒީފާއާ ދުރުގައި ހުންނެވިއިރު އެމްޑީއެންގެ ބޯޑްގެ ޑެޕިއުޓީ ޗެެއާގެ ގޮތުގައި އޭނާ ވަނީ އެމްޑީއެން ތަމްސީލް ކުރައްވާފަ އެވެ.

ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ އެމްޑީއެން އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާ މާތް ރަސޫލާއަށް ވަރަށް ބޮޑަށް ފުރައްސާރަކޮށްފައި ވެއެވެ.

އެމްޑީއެނުން ނެރުނު ރިޕޯޓްގެ މައްްސަލަ ބަލަން އިސްލާމިކް މިނިސްޓްރީން މީގެ ދުވަސްކޮޅެއް ކުރިން ވަނީ ފުލުހަށް ހުށައަޅާފަ އެވެ. ފުލުހުން މިއަދު ވަނީ އެމްޑީއެން އިން ނެރުނު ރިޕޯޓާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގަށް ހާޒިރު ކުރަންޖެހޭ މީހުން ހާޒިރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ.

މި މައްސަލާގައި ސަރުކާރުން އަމަލުކުރަމުން ގެންދާ ގޮތާމެދު އާންމުން ގެންދަނީ ކަންބޮޑުުވުމާއި ނުރުހުން ފާޅުކުރަމުންނެވެ. އަދި އެމްޑީއެން ވަގުތުން އުވާލުމަށް ދީނީ އިލްމުވެރިންނާއި، މަޖިލީސް މެންބަރުންނާއި، ބައެއް ސިޔާސީ ޕާޓީތަކުންނާއި އާންމުންވެސް ގެންދަނީ ގޮވާލަމުންނެވެ. ބައެއް ރަށްރަށުގައި ވަނީ މުޒާހަރާ ވެސް ކުރަން ފަށާފަ އެވެ.