ރައްޔިތުންގެ މަޖިލިސް

އިންޑިއާ އައުޓަކީ ސިޔާސީ މަންފާއަކަށް ކުރާ ކަމެއް: އެމްޑީޕީ މެންބަރުން

Jun 22, 2022
1

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން "އިންޑިއާ އައުޓް"ގެ ނަމުގައި ހިންގަމުންދާ ހަރަކާތަކީ ދިވެހި ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ގޮތަށް ރައީސް ޔާމީން އަމިއްލަ ސިޔާސީ ބޭނުމަށް ހިންގާ ހަރަކާތެއް ކަމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވިދާޅުވެއްޖެ އެވެ.

އިންޑިއާ އައުޓް ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ފެނިވަޑައިގަންނަވާތީ މައްސަލަ ބަލައިދިނުމަށް މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ.

އެމްޑީޕީގެ މެންބަރުން ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދެއްކެވީ 241 ކޮމިޓީން އިންޑިއާ އައުޓް މައްސަލަ ބެލުމަށްފަހު އެކުލަވާލި ރިޕޯޓް މަޖިލީހަށް މިއަދު ހުށަހެޅުމުން ކޮމިޓީ ރިޕޯޓަށް ބަހުސްކުރައްވަމުންނެވެ.

އެމްޑީޕީގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތަކީ ދިވެހި ގައުމަށް އަދި ދިވެހި ރައްޔިތަކަށް އެ ހަރަކާތުގެ ސަބަބުން އެއްވެސް ފައިދާއެއް ލިބޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ރައީސް ޔާމީނަށް ސިޔާސީ މަންފާއެއް އެކަމުގެ ތެރެއިން ލިބުމަކީ ވެދާނެ ކަމެއް ކަމަށާއި އެކަމަކު އެ ހަރަކާތުގެ ސަބަބުން ގައުމަށް ލިބޭ ގެއްލުން އިންތިހާއަށް ބޮޑު ކަމަށް ވިދާޅުވި އެވެ.

އިލްޔާސް ތުހުމަތު ކުރެއްވި ގޮތުގައ އިންޑިއާ އައުޓް ހަރަކާތަކީ ދިވެހި ގައުމުގެ މުސްތަގުބަލް ދުއްވާލުމަށް ހިންގާ ހަރަކާތެކެވެ. މިހަރަކާތާ ގުޅިގެން ރާއްޖެއިން އިންޑިއާ އަށް އެކި ބޭނުންތަކުގައި ދަތުރުކުރާ މީހުންނަށާއި ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުންނަށްވެސް ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ފާޑު ވިދާޅުވަމުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވެސް ވިދާޅުވީ ރައީސް ޔާމީން އިންޑިއާ އައުޓްގެ ނަމުގައި ހަރަކާތެއް ހިންގާ ހަމައެކަނި ބޭނުމަކީ ސިޔާސީ ގޮތުން އެމަނިކުފާނަށް ފައިދާތަކެއް ހޯދުން ކަމަށެވެ.

އަލީ ނިޔާޒު ވިދާޅުވީ ރައީސް ޔާމީން އިންޑިއާ ދެކެ ކޯފާވެގެން އުޅުއްވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ކާމިޔާބު ލިބިވަޑައިނުގަތީ އިންޑިއާގެ ސަބަބުން ކަމަށް ގަބޫލުފުޅު ކުރައްވާތީ ކަމަށެވެ. އަލީ ނިޔާޒު ތުހުމަތު ކުރެއްވި ގޮތުގައި ރައީސް ޔާމީން މަސައްކަތް ކުރައްވަނީ އިންޑިއާ ކަނޑުގެ މަސްލަހަތު ގެއްލުވާލުމަށެވެ.

އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވީ އިސްލާމް ދީނާއި ގައުމުގެ މިނިވަންކަމުގެ ވާހަކަ ޔާމީން ދައްކަވަނީ ވެރިކަމަށް ވަޑައިގަތުމަށް ދެން އިތުރަށް ދައްކަވާނެ ވާހަކައެއް ނެތުމުން ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހިންގާފައި ހިޔާނާތާއި ފަސާދައިގެ އަމަލުތަކާ ގުޅިގެން ރައްޔިތުންގެ ކުރިމަތީގައި ރައީސް ޔާމީންގެ އިތުބާރު ގެއްލިފައިވާ ކަމަށްވެސް އިބްރާހީމް ރަޝީދު ވިދާޅުވެފައިވެ އެވެ.

މަޖިލީހގެ އިދިކޮޅު މެންބަރުން 241 ކޮމިޓީ ރިޕޯޓަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އިދިކޮޅު މެންބަރުން ވިދާޅުވީ ރިޕޯޓްގައި ވަނީ ހަގީގަތާ ހިލާފު ސިޔާސީ ވާހަކަތަކެއް ކަމަށެވެ. އިދިކޮޅު ހިންގާ އިންޑިއާ އައުޓް ހަރަކާތުގެ ހަމައެކަނި ބޭނުމަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖޭން ފޭބުމަށް ގޮވާލުން ކަމަށާއި އެ ހަރަކާތް އިންޑިއާ ރައްޔިތުންނަށް އަމާޒުކޮށްފައި ނުވާނެ ކަމަށެވެ.

އިންޑިއާ އައުޓްގެ ނަމުގައި ހަރަކާތެއް ހިންގަން ޖެހުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ހާރިޖީ ސިޔާސަތު ފެއިލްވެ ގައުމުގެ މިނިވަންކަން ގެއްލިދާ ހިސާބަށް ކަންކަން ދިއުމުން ކަމަށްވެސް އިދިކޮޅު މެންބަރުން ވަނީ ވިދާޅުވެފަ އެވެ.