ސްޓެލްކޯ އިން ފުރަތަމަ ފަހަރަށް ރަށެއްގެ ކުނި މެނޭޖުކުރުމާ ހަވާލުވެ، ހުރިހާ ޔުޓިލިޓީ ހިދުމަތެއްދޭ ރާއްޖޭގެ ފުރަތަމަ ކުންފުންޏަށް ވެއްޖެ އެވެ.
ސްޓެލްކޯގެ އޮޑިޓޯރިއަމްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނިން ހަވާލުވީ ކ. މާފުށީގެ ކުނި މެނޭޖުކުރުމުގެ މަސައްކަތާ އެވެ. ސްޓެލްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ ވޯޓާ، ސުވަރޭޖް އެންޑް ވޭސްޓް ޑިޕާޓްމަންޓްގެ މެނޭޖަރު އަހްމަދު ޝަފީއު އެވެ. މާފުށީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު އެވެ.
މިރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ މާފުށްޓަކީ އެ ކުންފުނިން ވޭސްޓް މެނޭޖްމަންޓްގެ ޕައިލެޓް ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށް އިހްތިޔާރު ކުރި ރަށެއް ކަމަށެވެ. އެ މަސައްކަތް ކާމިޔާބު ކަމަށް ފެންނަނަމަ ސްޓެލްކޯގެ ހިދުމަތްދޭ އެހެން ރަށްރަށުގެ ކުނި މެނޭޖުކުރުމަށް ހަވާލުވުމާ ދޭތެރޭ ވިސްނާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ސްޓެލްކޯގެ މި ހިދުމަތް ތިބޭފުޅުން ހިތްހަމަޖެހޭ ފަދަ ލެވެލްއަކަށް ގެންގޮސްދޭނަން،" ޝަރީފް ވިދާޅުވި އެވެ.
މާފުށި ކައުންސިލްގެ ރައީސް ހަސަން ސޮލާހް ވިދާޅުވީ އެރަށުގައި ލޯކަލް ޓޫރިޒަމް ތައާރަފްވީ ފަހުން ރަށުގައި ކުނި މެނޭޖުކުރުން ވަރަށް ބޮޑު ގޮންޖެހުމަކަށްވެފައިވާ ކަމަށެވެ. މިހާރު އެރަށުގައި ދުވާލަކު 10 ވަރަކަށް ޓަނުގެ ކުނި އުފައްދާ ކަމަށާއި އެވަރުގެ އަދަދެއް ކޮންމެ ދުވަހަކު މެނޭޖުކުރުމަކީ ކައުންސިލަށް ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ސޮލާހް ވިދާޅުވީ މާފުށީގައި ލޯކަލް ޓޫރިޒަމާ އެކު އާ ބާވަތްތަކުގެ ކުނި އުފެދި އަދި ބައެއް ކަހަލަ ކުނި ނައްތާލުން ވަރަށް ބޮޑު ގޮންޖެހުމަކަށް ވެފައިވާ ކަމަށެވެ. ކުނި މެނޭޖުކުރުމަށް ބޭނުންވާ ވަސީލަތްތައް ވެސް ކައުންސިލްގެ ބެލުމުގެ ދަށުގައި ނެތުމުން ސްޓެލްކޯ ފަދަ ކުންފުންޏަކާ ހަވާލުކޮށްގެން ކުނި މެނޭޖުކުރެވިދާނެ ކަމަށް ކުރެވޭ އުއްމީދު ބޮޑު ކަމުގައިވެސް ވިދާޅުވި އެވެ.
ސްޓެލްކޯ އިން މިއަދު ބުނީ މާފުށީގައި ކުނި މެނޭޖުކުރަން ފެށުމުގެ ކުރިން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ހަމަޖެއްސުމަށާއި ބިން ވަކިކުރުމަށް އަދި ހައެއްކަ މަސް ހޭދަވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ބޭނުންވާ ޒަމާނީ މެޝިނަރީ އާއި ވަސީލަތްތައް ހޯދައި ރާއްޖެ ގެނެވޭނެ ކަމަށްވެސް ސްޓެލްކޯ އިން މައުލޫމާތުދެ އެވެ.
މާފުށީގައި ކުނި މެނޭޖުކުރާއިރު އެކި ބައިތަކަށް ކުނި ވަކިކުރުމާއި، ނައްތާލަން ޖެހޭ ކުނި ނައްތާލުމާއި، އަލުން ބޭނުން ކުރެވޭ ގޮތަށް ހުންނަ ކުނި ރީސައިލްކުރުމާއި އަދި ކުނިން ބައެއް އުފެއްދުންތައް އުފެއްދުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.