ކ.މާފުށީގައި 1600 ކިލޯވޮޓްގެ އިތުރު ޖަނަރޭޓަރެއް ބަހައްޓާ ސްޓެލްކޯ އިން ހިދުމަތް ދޭން ފަށައިފިއެވެ.
700 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ މާފުށީގައި ސްޓެލްކޯއިން މީގެ ކުރިން ހިދުމަތްދެމުން ދިޔައީ ތިން ޖަނަރޭޓަރު ބޭނުންކޮށްގެންނެވެ. އެއީ، 1600 ކިލޯވޮޓްގެ ޖަނަރޭޓަރަކާއި، 1000 ކިލޯވޮޓްގެ ޖަނަރޭޓަރެއްގެ އިތުރުން 888 ކިލޯވޮޓްގެ ޖަނަރޭޓަރެއް ބޭނުންކޮށްގެންނެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި، މާފުށީގައި ހިނގަމުންނަ އަންނަ ފަތުވެރިކަމުގެ ވިޔަފާރި ފުޅާވެ ގެސްޓްހައުސްތަކުގެ އަދަދު އިތުރުވަމުން ދިއުމާއެކު ކަރަންޓްގެ ޑިމާންޑް އިތުރުވެ ޖަނަރޭޓަރު އިތުރު ކުރަން ޖެހުނީ އެވެ. އަދި ޑިމާންޑަށް ބަލާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މިއަދު ބެހެއްޓި 1600 ކިލޯވޮޓްގެ އިތުރު ޖަނަރޭޓަރާއެކު މެދުނުކެނޑި ކަރަންޓް ފޯރުކޮށްދެވޭނެކަމުގެ ޔަގީންކަން މާފުށްޓަށް ލިބޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
މާފުށީ އިންޖީނުގެއިން މިހާރުދަނީ 770 ގެއަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ. މީގެތެރެއިން ކަރަންޓު އެންމެ ބޮޑަށް ބޭނުންކުރަމުން އަންނަނީ އަލަށް ހަަދާ ގެސްޓްހައުސްތަކުންނެވެ. މާފުއްޓަކީ ކ. އަތޮޅުގައި ގެސްޓްހައުސް ފަތުރުވެރިކަން ކުރަމުން އަންނަ މައި ރަށެވެ.
މި ސަރުކާރުގައި ރަށްރަށުން ނަގަމުން އައި ކަރަންޓުގެ އަގަށް ވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ. އެގޮތުން، މިހާރު ރަށްރަށުގައި ކަރަންޓް ޔުނިޓަކަށް ނަގަމުން އަންނަނީ މާލެއިންވެސް ކަރަންޓް ޔުނިޓަކަށް ނަގާ މިންވަރެވެ.