އަހުމަދު އުޝާމް

މެންބަރުކަން ކުރުމުން އިނާޔަތް ދިނުން ހުއްޓުވަން ބިލެއް

Jun 22, 2022
3

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވުމުން ލިބިވަޑައިގަންނަވާ އިނާޔަތް ދިނުން ހުއްޓުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

މަޖިލީހަށް ބިލް ހުށަހެޅުއްވީ އެމްއެންޕީގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް އެވެ. އޭނާ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ އަށްވަނަ މާއްދާ އުނިކޮށް ގާނޫނަށް އިސްލާހު ގެނައުމަށެވެ.

މަޖިލީހުގެ އިމްތިޔާޒު ގާނޫނު އޮތް ގޮތުން މަޖިލީހުގެ މެންބަރުކަން އެއް ދައުރު ކުރެއްވުމުން އެ ބޭފުޅަކު މެންބަރަކަށް ހުރި އިރު ލިބޭ މުސާރައިގެ 30 ޕަސެންޓް ލިބެ އެވެ. އެއީ މަހަކު 25،000 ރުފިޔާ އެވެ. ދެ ދައުރު ފުރިހަމަ ކުރެއްވުމުން މުސާރައިގެ 45 ޕަސެންޓް ލިބެ އެވެ. އެއީ މަހަކު 38،000 ރުފިޔާ އެވެ.

އެމްއެންޕީން ބުނީ މިފަދަ އިސްލާހެއް މަޖިލީހަށް ހުށަހެޅީ ދައުލަތަށް 30-20 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ލިބޭ އިނާޔަތްތަކާއި ނުބައްދަލު އިނާޔަތްތަކެއް އެންމެ ފަސް އަހަރު މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅަކަށް ދިނުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް އެ ޕާޓީން ނުދެކޭތީ ކަމަށެވެ. ރައްޔިތުންގެ މަޖިލީހަކީ މެންބަރުންގެ އަމިއްލަ މަންފާއަށް މަސައްކަތްކުރުމަށް ނުވަތަ އަމިއްލަ މަސްލަހަތަށްވުރެ ބޮޑަށް، ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށް ކަންކަން ނިންމަންޖެހޭ މަޖިލީހެއް ކަމަށް ދެކޭ ކަމަށްވެސް އެމްއެންޕީން މިއަދު އާންމުކޮށްފައިވާ ބަޔާނެއްގައިވެ އެވެ.

މަޖިލީހުގެ އިމްތިޔާޒު ގާނޫނަށް އިސްލާހު ހުށަހެޅީ ގައުމަށް އެތައް ހިދުމަތްތަކެއް ކުރައްވާފައިވާ ޕެންޝަނަރުންނަށް އެންމެ އިންސާފުވެރިކަމާ އެކީ ޕެންޝަން ފައިސާ ލިބޭނެ ގޮތް މަގުފަހި ކުރުމަށް އެ ޕާޓީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރާ އެއް މަސައްކަތުގެ ގޮތުގައި ކަމަށްވެސް އެމްއެންޕީން ބުނެ އެވެ.

"މި ޕާޓީން ގަބޫލުކުރާ ގޮތުގައި ދައުލަތަށް ހިދުމަތް ކުރުމުން ހިދުމަތުގެ އިނާޔަތް ދިނުމުގައި ހަމަހަމަކަން އޮންނަންވާނެ އެވެ. މިގޮތުން އެންމެ ފުރަތަމަ ކުރަންޖެހޭ މަސައްކަތަކީ އެކި ގާނޫނުތަކުގެ ދަށުން ހިދުމަތުގެ އިނާޔަތުގެ ގޮތުގައި ދެވޭ ހިދުމަތާ ނުބައްދަލު އިނާޔަތްތައް އުނިކުރުމެވެ." އެމްއެންޕީގެ ބަޔާނުގައިވެ އެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ އިމްތިޔާޒު ގާނޫނަށް ހުށަހެޅި އިސްލާހުގެ ސަބަބުން ރާއްޖޭގެ ޕެންޝަން އުސޫލު އިތުރަށް ހަރުދަނާވެ، އިންސާފުވެރި އުސޫލެއްގެ ތެރެއިން ޕެންޝަންގެ ނިޒާމު ބައްޓަން ކުރުމަށް މަގުފަހިވުމުގެ އިތުރުން ދައުލަތުގެ ބަޖެޓަށް ކުރިއަށް އޮތް ތަނުގައި ނުއުފުލޭނެ ފަދަ ބުރައަކުން މިންޖުކުރެވޭނެ ކަމަށެވެ.