ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައި ފާސްކޮށްގެން ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ވޯޓަށް އެހީދާނެ ކަމަށް ގަބޫލުނުކުރައްވާ ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމު ވިދާޅުވެއްޖެ އެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ބޭނުންވާތީ އެކަމުގައި ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް އާންމު ވޯޓެއް ނެގުމަށް މަޖިލީހަށް ގަރާރު ހުށަހެޅުއްވީ ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އެވެ.
މި ގަރާރު މަޖިލީހަށް ބަލައިގަނެ ދިރާސާކުރުމުގެ މަސައްކަތް ކުރަނީ މުޅި މަޖިލީހުގެ ކޮމިޓީންނެވެ.
ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން ކުރިން ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމުވެސް އަދާކުރައްވާފައިވާ އުޝާމު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅައިގެން ވޯޓަށް އެހިދާނެ ކަމަށް އޭނާއަށް ގަބޫލުނުކުރެއްވޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 167 ވަނަ މާއްދާ އޮތް ގޮތުން މަޖިލީހުން ފާސްކުރާ ގަރާރަކީ އެ މައްޗަށް އެއްވެސް ބަޔަކު އަމަލުކުރަންޖެހޭ އެއްޗެއް ނޫން ކަމަށް އުޝާމު ވިދާޅުވި އެވެ. އިލްޔާސް ހުށަހެޅުއްވި ގަރާރު ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާތީ އެ މާއްދާގައިވެސް އެކަން ކުރާނެ ގޮތް ބުނެފައި ނުވާތީ މިގަރާރަށް އަމަލުކުރަންޖެހޭނެ ކަމާ ދޭތެރޭ އުޝާމު ތަކުރާރުކޮށް ސުވާލު އުފެއްދެވި އެވެ.
ގާނޫނުއަސާސީގެ 70 ވަނަ މާއްދާ އަކީ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރުތައް ކަނޑައަޅާފައިވާ މާއްދާ އެވެ. ރައްޔިތުންގެ މަޖިލީހުގެ 167 ވަނަ މާއްދާ އަކީ ގަރާރުގެ އާންމު ތައާރަފެއް ދީފައިވާ މާއްދާ އެކެވެ. އެގޮތުން މިމާއްދާގައި ބުނެފައިވަނީ މަޖިލީހުން ހަމަައެކަނި ކަމަކާ ދޭތެރޭގައި ދެކޭގޮތް ހާމަކުރުމަށްޓަކައި މަޖިލީހަށް ގަރާރެއް ހުށަހެޅިދާނެ ކަމަށެވެ. މީގެއިތުރުން މަޖިލީހުގެ ހިންގުމުގެ އުސޫލުތައް ބަޔާންކުރުމަށާއި އަދި އެ އުސޫލުތަކަށް ގެނެވޭ ބަދަލުތައް ފާސްކުރުމަށްވެސް ގަރާރެއް ހުށަހެޅިދާނެ ކަމަށެވެ.
އުޝާމު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރަންޖެހޭ ކަމަށް އޭނާއަށް ގަބޫލުނުކުރެއްވޭ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ގިނަ ބަޔަކު އެކަމަށް އެދޭކަން ފާހަގަކުރެވޭތީ އެފަދަ ވޯޓެއް ނެގުމަށް އޭނާ ދެކޮޅު ނުހައްދަވާ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ގަވައިދުގައި ނަމަވެސް އެފަދަ ވޯޓެއް ކުރިއަށް ގެންދާނެ ގޮތުގެ އުސޫލެއް ހިމަނައިގެން އެކަން ކުރުމަށް އެދިވަޑައިގެންނެވި އެވެ.
"އެއްކަމަކަށް އަޅުގަނޑަކަށް އަދިއެއް ކޮންވިއޫޒެއް ނުވޭ ވެރިކަމުގެ ނިޒާމު ބަދަލުކުރަންޖެހޭ ހާލަތެއްގައި ކަމަކަށް ކަމެއް އަޅުގަނޑުމެން މިއޮތީ. އެހެންނަމަވެސް ދިވެހިރާއްޖޭގައި ވަރަށް ގިނަ ރައްޔިތުންގެ ބަޔަކު އެބަ ގަބޫލުކުރޭ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ވޯޓެއް އަހަންޖެހޭ ކަމަށް. އެހެންވީމާ އަޅުގަނޑުވެސް އުސޫލެއްގެ ގޮތުން އެފަދަ ވޯޓެއް އެހުމާ ދެކޮޅެއް ނޫން. އަޅުގަނޑުވެސް ގަބޫލުކުރާ ގޮތުގައި ގިނަ އަދަދެއްގެ ރައްޔިތުން އެކަމަށް އެދޭ ކަަމަށްވަނީނަމަ އެކަމަކީ ހަމަކުރަން ރަނގަޅު ކަމެއް،" އުޝާމު ވިދާޅުވި އެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން އިލްޔާސް ހުށަހެޅުއްވި ގަރާރުގައި ވަނީ އަންނަ މަހުގެ 30 ވަނަ ދުވަހު ނިޒާމީ ވޯޓު ނެގުމަށެވެ. ނަމަވެސް ޑިމޮކްރެޓުން މިހާރު ފިއްތުންތައް ކުރިމަތިކުރަނީ މިމަހު 28 ވަނަ ދުވަހު ނިޒާމީ ވޯޓު ނެގުމަށެވެ.