ދުނިޔޭގެ މަޝްހޫރު ފޮޓޯގްރާފަރެއް ކަމަށްވާ ސްޓީވް މެކްކަރީ މިދިޔަ އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި ޝެއާކުރި އަފްޣާނިސްތާނުގެ ރެފިއުޖީއެއްގެ ފޮޓޮއަކަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ. އެއީ ކީއްވެކަން އެނގޭ ހެއްޔެވެ؟ ބޮލީވުޑް އެކްޓަރު އަމީތާބު ބައްޗަން އާ ވައްތަރު ކަމުންނެވެ.
ބޮލުގައި ފަގުޑިއެއް އަޅާފައި ތުނބުޅި ދިގުވެ ވަރަށް ނިކަމެތި ހާލުގައިވާ މުސްކުޅި މީހެއްގެ ފޮޓޯ ފުރަތަމަ ވައިރަލްވީ 2018ގަ އެވެ. އޭރު ގިނަ ބަޔަކު ބުނީ އެއީ "ތަގްސް އޮފް ހިންދުސްތާން"ގައި އަމީތާބުގެ ކެރެކްޓާ ހުންނަ ސިފަ ކަމަށެވެ.
މި ފޮޓޯ އަނެއްކާ މިހާރު ވައިރަލް ވެގެން އުޅެނީ ވޯލްޑް ރެފިއުޖީ ޑޭ އާ ދިމާކޮށް ހަމަ އެ ފޮޓޯގްރާފަރު މި ފޮޓޯ އަނެއްކާވެސް ޝެއާ ކުރުމުންނެވެ. މި ފޮޓޯގައިވާ މީހާ މިހާރު ދިރިއުޅެނީ ރެފިއުޖީއެއްގެ ގޮތުގައި ޕާކިސްތާނުގަ އެވެ.
"ޝާބޫޒް ނަމަކަށް ކިޔާ އަފްޣާނިސްތާނުގެ ރެފިއުޖީ މިހާރު ދިރިއުޅެނީ ޕާކިސްތާނުގައި. މިއީ އެކި ގައުމުތަކަށް ވިއްސި ވިހާލިވެފައިވާ އެތައް މިލިއަން ރެފިއުޖީންނެއްގެ ހާލަތު ބަޔާންކޮށްދޭ ފޮޓޮއެއް،" ފޮޓޯގްރާފަރު ސްޓީވް މި ފޮޓޯ ދެވަނަ ފަހަރަށް ޝެއާ ކުރަމުން ލިޔެފައިވެ އެވެ.
މި ދުވަސްވީ މީހާގެ ފޮޓޯ އިން ބަޔާންކޮށްދެނީ ދުނިޔޭގެ އެކި ގައުމުތަކުގައި ވަރަށް ނިކަމެތި، ދަތި ހާލުގައި އުޅޭ އެތައް މިލިއަން ރެފިއުޖީންގެ މިއަދުގެ ހާލަތު ނަމަވެސް މި ފޮޓޯގައިވާ މީހާ އާއި އަމީތާބާ ވައްތަރުކަމުގެ ވާހަކަ ދައްކާ ނުލާ އަމީތާބު ދަންނަ މީހުންނަށް މަޑުން ނުތިބެވުނީ އެވެ.
ވަރަށް ގިނަ ބަޔަކު މި ފޮޓޯގަނޑަށް ކޮމެންޓުކޮށް ކޮށްފައިވަނީ ހަމަ އެއް ސުވާލެކެވެ. "މިއީ އަމީތާބު ބައްޗަން ހެއްޔެވެ؟" އެވެ. ސުވާލު ކުރާ ވަރަށް މި މީހާއާ އަމީތާބާ ވައްތަރެވެ.