ލައިފްސްޓައިލް

މޮޑެލުން ރޭމްޕްގައި ހިނިތުން ނުވަނީ ކީއްވެ؟

ފެޝަން ޝޯތަކުގައި ރޭމްޕްގައި މޮޑެލުން ހިނގާއިރު ކިތަންމެ ރީތި ހެދުމެއް އަޅައިގެން ކިތަންމެ ރީއްޗަށް މޭކަޕް ކޮށްގެން ހުއްޓަސް އެއް ކަމެއް ފާހަގަ ކުރެވޭނެ އެވެ. އެމީހުން ދުވަހަކުވެސް މީހުންނަށް ބަލާ ހީނ ނުހަދާ ކަމެވެ. އެމީހުންގެ މޫނަށް ކުޑަ ނަމަވެސް ހިނިތުންވުމެއް ވެރި ނުވާ ކަމެވެ. މިގޮތަށް ރާމްޕްގައި މޮޑެލުން ހިނގާއިރު ހިނިތުން ނުވާ ވަރަށް ޚާއްސަ ސަބަބެއް އޮވެ އެވެ. އެ ސަބަބު އެނގޭ ހެއްޔެވެ؟

ކުރީ ޒަމާނުގައި ޝާހީ އާއިލާތަކުގެ ބޭފުޅުން ޕޯޓްރެއިޓްތައް ކުރައްސާނެ އެވެ. އެ ޕޯޓްރެއިޓްތަކުގައި އެ ބޭފުޅުން ތިއްބަވަނީ އެއްގޮތަކަށް ވެސް ހިނިތުން ނުވެ އެވެ. ކުރީ ޒަމާނުގައި ކުރަހާފައިވާ މިފަދަ ފޮޓޯތަކަށް ބަލާލުމުން މިކަން ފާހަގަވާނެ އެވެ.

ނަވާރަވަނަ ގަރުނުގައި ފެޝަން ޝޯތަކުގައި މޮޑެލުން ސީރިއަސް ސިފަޔަކަށް ފެނުމަކީ އެ ބަޔެއްގެ ފެންވަރުމަތިކަމާއި މުއްސަނދިކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި ބެލެވިފައިވެ އެވެ. އެހެންވެ އޭރުއްސުރެ މިހާތަނަށް ވެސް ފެޝަން ޝޯތަކުގައި ރީތި ހެދުން އަޅައިގެން ފަރި ހިނގުމުގައި ހިނގާ މޮޑެލުން ހިނިތުން ނުވެ އެވެ.

ހިނިތުންވެފައިވާ މޫނެއްގެ މާނައަކީ އެމީހާ އޭނާއަށް ބަލަން ތިބޭ މީހުންނާ ކޮމިއުނިކޭޓްކުރަން ބޭނުންވެޔޭ އެވެ. މޮޑެލް ހިނިތުންވެއްޖެނަމަ ކުރިމަތީގައި ތިބޭ މީހުންނަށް އޭނާއާ ދިމާލަށް ހިނިތުންވުމަށް ދެވޭ ދައުވަތަކަށް ވެއެވެ. އޭރުން މޮޑެލުންނާއި އޯޑިއަންސްގައި ތިބި މީހުންގެ މެދުގައި އެއްގޮތް ކަމެއް އުފެދެ އެވެ.

މޮޑެލުން ހިނިތުން ނުވުން ރަމްޒުކޮށްދެނީ ކުރިމަތީގައި ތިބި މީހުންގެ ފެންވަރަށް ވުރެ އެމީހުންގެ ފެންވަރު މާ މަތި ކަމެވެ. މޮޑެލުންގެ މޫނުން ހިނިތުންވުމެއް ނުފެނުމުގެ އަނެއް މާނައަކީ އެމިހުންނަކީ އެމީހުންގެ ޖަޒުބާތުތައް އެހެން މީހުންނަށް ދައްކާ ބަޔެއް ނޫނޭ އެވެ.

ސްޓޯރީޕިކް ވެބްސައިޓްގައިވާ ލިޔުމެއްގައިވާ ގޮތުން ރޭމްޕްގައި ހިނގާއިރު މޮޑެލުންގެ މޫނުމަތި ޕްލާސްޓިކް ބުދުތަކެއް ގޮތަށް ބަހައްޓަން ޖެހެނީ އެމީހުންނަކީ އާ ފެޝަންތަކާއި ޓްރެންޑްތައް ތައާރަފްކުރާ ބަޔަކަށް ވާތީ އެވެ. އެމީހުން ލައިގެން ތިބެނީ އެ ވަގުތު އަދި ބާޒާރަށް ނުނެރޭ އާ ފެޝަން ތަކެކެވެ. އެމީހުން އެ ފެޝަންތަކާއި ރީތި ހެދުންތައް ދައްކަން ރޭމްޕްގައި ހިނގާއިރު ހިނިތުން ވެއްޖެނަމަ އެމީހުން އަޅައިގެން ތިބި ހެދުންތަކުގެ ބަދަލުގައި އެމީހުންގެ ރީތިކަމަށާއި ހިނިތުންވުމަށް މީހުންގެ ސަމާލުކަން ހުއްޓުމުގެ ފުރުސަތު އޮވެ އެވެ. މިއީ އެމީހުން ފެޝަން ޑިޒައިނަރެއްގެ ހެދުންތައް މޮޑެލް ކޮށްދޭ ޑިޒައިނަރުން އެއްގޮތަކަށް ވެސް ބޭނުންވާނެ ކަމެއް ނޫނެވެ.

މޮޑެލުންގެ ހަގީގީ ވަޒީފާއަކީ އެމީހުން އަޅާ ހެދުންތަކުގެ ރީތިކަމާއި އެ ފެޝަންތައް މީހުންގެ ސަމާލުކަމަށް ގެނައުމެވެ. އޭގެ ބަދަލުގައި އޭނާ ހިނިތުންވެ އެހެން މީހުންނަށް އޭނާގެ ރީތިކަން ދައްކައިފިނަމަ ފެޝަން ޑިޒައިނަރުންގެ މަސައްކަތް ނުފެނި ހިނގައިދާނެ އެވެ.