ދުނިޔެ

ސައޫދީ، ތުރުކީ: ކުރިއަށް އޮތީ ބަދަހި ދުވަސްތަކެއް

ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ސަރަހައްދީ ބައެއް ގައުމުތަކަށް ކުރެއްވި ދަތުރު ނިންމަވާ ލައްވައިފި އެވެ.

ދަތުރު ފެއްޓެވީ މިސްރުންނެވެ. އެއަށް ފަހު ޖޯޑަން އަށެވެ. ދަތުރު ނިންމަވާ ލެއްވެވީ ތުރުކީންނެވެ.

މުހައްމަދުގެ މިދަތުރާ މެދު މިސްރުން ދެކެނީ އާއިލާގެ މެމްބަރަކު ކުރެއްވި ޒިޔާރަތެއް ގޮތުގަ އެވެ. މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ ވިދާޅުވި ގޮތުގައި ސައޫދީ އާއި މިސްރަކީ އެއް އާއިލާ އެކެވެ.

ޖޯޑަންގެ އަބްދުﷲ ރަސްގެފާން، މުހައްމަދު ބިން ސަލްމާން އަށް މަރުހަބާ ދެންނެވީ ދަރިކަލުން އަދި ވަލީއަހުދު ހުސައިން ބިން އަބްދުﷲއާ އެކު އެވެ. އުފާ ފާޅުކުރައްވައި ސައުދީއަށާއި މުހައްމަދަށް، އަބްދުﷲ ރަސްގެފާން ހެޔޮ ބަސް ވިދާޅުވި އެވެ.

މުހައްމަދު ބިން ސަލްމާން -- ލިޔުންތަކުގައި އާންމު ނަމުން ނަމަ "އެމްބީއެސް"ގެ ދަތުރު އެންމެ މުހިއްމު ވާނީ ހަގީގަތުގައި ތުރުކީ އަށެވެ.

ޒަމާންތަކެއް ވަންދެން ދެ ގައުމުގެ ގުޅުމަށް ފުސްބުރާފައި އޮތުމަށް ފަހު އެމްބީއެސް ތުރުކީއަށް ވަޑައިގަތުން ދެ ގައުމުން ވެސް އުންމީދުކުރަނީ ފާގަތި އަދި ބަދަހި ގުޅުމަކަށެވެ.

ޓާކިސް-ސައުދީ ފްރެންޑްޝިޕް ކޮމެޓީގެ ޗެއާޕާސަން ހަލީލް އައުޒުކާން ދެކެވަޑައިގަންނަވާ ގޮތުގައި ދެ ގައުމުގެ ގުޅުން ކުރިން އޮތް ގޮތުގެ ވާހަކަ ދައްކާނެ ކަމެއް ނެތެވެ. ދެ ގައުމުގެ ވެރިން އެއް ގައުމު އަނެއް ގައުމަށް ޒިޔާރަތް ކުރައްވައި ކުރެއްވި މަސައްކަތްތަކުން ދެން ބަލަންވީ ކުރިމަގަށް ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.

ސައޫދީ އަދި ތުރުކީ ރިޔާސީ އިންތިހާބު 2023

އެމްބީއެސްގެ ދަތުރު ތުރުކީއަށް މުހިންމުވާ ގިނަ ސަބަބުތަކެއް އެބަ ހުއްޓެވެ. އެންމެ ފުރަތަމަ އަންނަ އަހަރު ތުރުކީގައި އޮންނަ ރިޔާސީ އިންތިހާބެވެ.

ސައޫދީ އަރަބައިޔާ އަކީ މެދުއިރުމަތީގައި، ގަލްފުގައި އަދި އަރަބި ދުނިޔޭގައި ބާރުގަދަ އެހައި ނުފޫޒުގަދަ މުއްސަނދި ގައުމެކެވެ. ސައޫދީގެ އެހީއަށް ޖުމުލަ ގޮތެއްގައި ބުނާ ނަމަ މުޅި ދުނިޔެ އޮތީ މިވަގުތު ބޭނުން ޖެހިފަ އެވެ.

އަންނަ އަހަރު ތުރުކީގައި އޮންނަ ރިޔާސީ އިންތިހާބުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ރައީސް ރަޖަބް ތައްބިއްތު އުރުދުޣާން ވަނީ އިއުލާން ކުރައްވާފަ އެވެ. މިއީ ތުރުކީގެ އެތެރެއިންނާއި ބޭރުން ޕްރެޝަރު ޖެހިފައި އޮތް ދަނޑިވަޅެއްގައި އުރުދުޣާން އެކަނިމާ އެކަނި ނުކުމެ ވަޑައިގެން ކާމިޔާބު ކުރެއްވޭނެ އިންތިހާބެއް ކަމަށް އެ މަނިކުފާނު ވެސް ދެކެވަޑައެއް ނުގަންނަންވަ އެވެ.

އުރުދުޣާންއަށް ސަރަހައްދީ މަސްލަހަތަށް ވުރެ ސަރަހައްދުން ބޭރު މަސްލަހަތު މުހިއްމު ނަމަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުން ދަތިވާނެ އެވެ. އެއީ ތުރުކީގެ އިދިކޮޅުގައި މިހާރު ވެސް ތިބީ ސަރައްދީ ގައުމުތަކުން ހުނިޖަހާފައި ތިބި ކެންޑިޑޭޓުން ކަމަށް ވާތީ އެވެ.

ސަރަހައްދީ ގައުމުތަކާ އެކު ހާއްސަކޮށް އަަރަބި ގައުމުތަކާ އެކު ގުޅުން ބަދަހި ކުރެއްވުމަށް މީގެ ދުވަސްތަކެއް ކުރިން އުރުދުޣާން އްފެޓެވި މަސައްކަތްތަކަކީ ހަގީގަތުގައި ރިޔާސީ އިންތިހާބަށް އެއްލި ކޮޅެކެވެ.

މުހައްމަދު ބިން ސަލްމާން ތުރުކީއަށް ވަޑައިގެން ކުރެއްވި މަޝްވަރާތަކުގައި ތުރުކީގެ ރިޔާސީ އިންތިހާބާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް މައުލޫމާތު ލިބެ އެވެ. އެހެންނަމަވެސް މިފަދައިން ކުރެވުނު މަޝްވަރާތައް ކުރެވުނީ ހަމައެކަނި އެމްބީއެސް އާއި އުރުދުޣާންއާ ދެމެދު -- ދޮރު ބަންދު ކޮށްގެންނެވެ.

އުރުދުޣާން އެމެރިކާގެ އެޖެންޓެއްގެ ގޮތުގައި

އެމެރިކާގެ ރައީސް ޖޯ ބައިޑަން ރައީސްކަމާ ހަވާލުވެ ވަޑައިގެންނި ފަހުން އަދި ސައޫދީ އަރަބިއްޔާއަށް ވަޑައެއް ނުގަންނަވަ އެވެ. ސައޫދީއަށް ވަޑައި ގެންނެވުމަކީ ބައިޑަން ބޭނުންފުޅުވާ ގޮތެއް ވެސް ނޫނެ އެވެ.

ބައިޑަން ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް އޮތިީ ސައޫދީއާ މެދު ވަކި ގޮތެއް ނިންމަވާފަ އެވެ. އެއީ ސަފުން ބާކިކުރުމެވެ. ދުނިޔޭގެ އެއްވެސް ބަޔަކު ކަމުނުކިޔާ ވަރުގެ ބޭކާރު ގައުމެއް ގޮތުގައި ދެކެވަޑައިގެން ބައިޑަން ވަނީ ސައޫދީއަށް ނަފުރަތު ކުރައްވާކަން ފާޅުގައި ބަޔާން ކުރައްވާފަ އެވެ.

އެހެން ނަމަވެސް ދުނިޔޭގެ ހާލަތު ބަދަލުވެ ރަޝިއާ އާއި ޔުކްރޭނާ ދެމެދު ކުރަން ފެށި ހަނގުރާމައިގެ ސަބަބުން އެމެރިކާ މިހާރު އޮތީ ގޮތް ހުސްވެފަ އެވެ. އޮޑި އައްސާލަން ސައޫދީ ނޫން ފަސްގަނޑެއް އެމެރިކާއަށް މިވަގުތަކު ނެތެވެ.

ބައިޑަން ސައޫދީއަށް ވަޑައިގަތުން

އުރުދުޣާން މިހާރު އެ ފައްތަރު ކުރައްވަނީ އެމެރިކާ އާއި ސައޫދީއާ ދެމެދު ފުށުއަރާފައި ހުރި ސަފުހާތަކެކެވެ.

ސައޫދީއަށް ބައިޑަން ވަޑައިގަތުމާ މެދު އެމެރިކާގައި ވެސް ޚިޔާލު ތަފާތުވުން އެބަ އޮތެވެ. އެހެންނަަމަވެސް ސައޫދީއަށް ވަޑައިނުގެން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ގެންނަން ބައިޑަން އެދިވަޑައިގަންނަވާ ބަދަލު ގެނެވޭކަށް ނެތެވެ.

ރަޝިއާއިން ޔުކްރޭނަށް އަރައިގަނެ ދެމުން ގެންދާ ހަމަލާތަކަށް ދެކޮޅުހެދުމުގެ ގޮތުން އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން ވަނީ ރަޝިއާގެ ހަކަތަ ބޭނުންކުރުން ހުއްޓާލާފަ އެވެ.

މިއީ ހަގީގަތުގައި އެމެރިކާ އާއި ބައިވެރިން ފޭހުނު އިލޮށިގަނޑެކެވެ. އިލޮށިގަނޑު އަމިއްލަ ލޮލަށް ހެރުމުގެ ކުރިން ގަލްފް ގައުމުތަކުން ތެލާއި ގޭސް ލިބޭނެ ގޮތެއް ހެއްދެވުމަށް އެމެރިކާގެ ރައީސް ސައޫދީއަށް ވަޑަގަތުން މުހިންމުވެފައި އޮތީ އެވެ.