ނައިބް ރައީސް ފައިސަލް ނަސީމް ލ. ކަލައިދޫ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައި ކަލައިދޫގެ ތަރައްގީއަށް އެންމެ މުހިއްމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ކުރިއަށްދިޔަ މިބައްދަލުކުރެއްވުމުގައި ކަލައިދޫ ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވީ ލ. ދަނބިދޫ އަދި ކަލައިދޫ ގުޅުވާލުމަށް ހަދާ ކޯޒްވޭގެ މަސައްކަތާއި ކަލައިދޫ ބަނދަރުގެ މަސައްކަތް ނުފެށި ލަސްވާ މައްސަލަ އެވެ. އަދި ކަލައިދޫ ރަށްގިރާ ސަރަހައްދު ހިމާޔަތްކުރަން ބޭނުންވާކަމާއި ސްކޫލަށް މަލްޓިޕާޕަސް ހޯލެއްގެ މުހިއްމުކަމާއި އަދި މި ނޫންވެސް ރަށުގެ އިޖުތިމާއީ އިގްތިސޯދީ ތަރައްގީއަށް ބޭނުންވެފައި ހުރި ކަންކަމުގެ ވާހަކަތައް ހިއްސާކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވަނީ ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ތަރައްގީގެ މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތުތައް ކައުންސިލު މެންބަރުންނާ ހިއްސާކުރައްވާފަ އެވެ. އެގޮތުން ކޯޒްވޭގެ މަސައްކަތުގެ އީއައިއޭ ހެދުމުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާ ކަންކަން އަވަސްކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ނައިބް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.