މުހައްމަދު އިސްމާއީލް

މުހައްމަދު އިސްމާއީލް ފަސް ދުވަހަށް ބަންދަށް

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް އިއްޔެ ގަލޮޅު ދަނޑުގައި އިވެންޓެއް ބާއްވަނިކޮށް އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލްގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.

މުހައްމަދު އިސްމާއީލް ހައްޔަރު ކުރީ ކާނިވާގެ، ކެފާއެއްގައި ސައިބޯން އިންދާ އިއްޔެ ހަވީރު އެވެ. އޭނާގެ ބަންދަށް މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. އެކަން ޕީޕީއެމްގެ އިސް ތަރުޖަމާން ހީނާ ވަލީދުވެސް ޔަގީން ކޮށްދެއްވިއެވެ.

ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް އަކީ ރައީސް ޔާމީން އިސްވެ ފުޅާކޮށް ވަރުގަދަކޮށްފައިވާ "އިންޑިއާ އައުޓް" ހަރަކާތުގެ އެންމެ އިސް ބައިވެރިޔާއެވެ. އެ ހަރަކާތުގައި ބައިވެރިވާ ކަމަށް ތުހުމަތު އެކި ފަހަރު މަތީން މުހައްމަދު ހައްޔަރު ކޮށްފައިވެއެވެ.

ޔޯގާ ހަރަކާތް ހުއްޓުވުމުގައިވެސް މުހައްމަދުގެ ދައުރެއް އޮތް ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ. ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި މީހުންގެ އަތުގައި ހުރި ދިދަތަކަކީ ޕީޕީއެމުގެ އޮފީހުން ނެރެގެން ގެންދިޔަ ދިދަ ތަކެއް ކަމަށް ފުލުހުން ބުނެއެވެ. އެ ދިދަތައް އިހުތިޖާޖުގެ ބައިވެރީންނަށް ދޫކުރީ މުހައްމަދު އިސްވެ ހުރެ ކަމަށްވެސް ތުހުމަތު ކުރެއެވެ.

މުހައްމަދު އިސްމާއީލްގެ އިތުރުން ޕީޕިއެމްގެ ކައުންސިލަށް މި ފަހުން އިންތިހާބުވި އިބްރާހިމް ރައްޒާން (ޓަކީ) ވެސް އިއްޔެ ވަނީ ހައްޔަރު ކޮށްފައެވެ. އޭނާގެ ބަންދަށްވެސް ކޯޓުން ދިނީ ފަސް ދުވަހެވެ.