މުހައްމަދު އިސްމާއީލް

މުހައްމަދު އިސްމާއީލްގެ ބަންދަށް އިތުރު 30 ދުވަސް

ޔޯގާ ދުވަހުގެ ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުންގެ ބަންދުގައި ހުރި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ގެ ބަންދަށް އަނެއްކާވެސް މުއްދަތު ޖަހައިފި އެވެ.

މުހައްމަދު އިސްމާއީލް ހައްޔަރު ކުރީ ކާނިވާގެ، ކެފާއެއްގައި ސައިބޯން އިންދާ ޖޫން 22 ވަނަ ދުވަހުގެ ހަވީރު އެވެ. އޭނާގެ ބަންދަށް ފުރަތަމަ ޖެހީ ފަސް ދުވަހެވެ. އޭގެ ފަހުން އިތުރު ނުވަ ދުވަހު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ދިނެވެ.

އެ މުއްދަތު މިއަދަށް ހަމަވާތީ ބަންދު މުރާޖައާ ކުރަން ކޯޓަށް ހާޒިރު ކުރުމުން މިފަހަރު ގާޒީ ނިންމެވީ އިތުރު 30 ދުވަހު އޭނާ ބަންދުގައި ބެހެއްޓުމަށެވެ.

ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް އަކީ ރައީސް ޔާމީން އިސްވެ ފުޅާކޮށް ވަރުގަދަކޮށްފައިވާ "އިންޑިއާ އައުޓް" ހަރަކާތުގެ އެންމެ އިސް ބައިވެރިޔާއެވެ. އެ ހަރަކާތުގައި ބައިވެރިވާ ކަމަށް ތުހުމަތު އެކި ފަހަރު މަތީން މުހައްމަދު ހައްޔަރު ކޮށްފައިވެއެވެ.

ޔޯގާ ހަރަކާތް ހުއްޓުވުމުގައިވެސް މުހައްމަދުގެ ދައުރެއް އޮތް ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ. ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި މީހުންގެ އަތުގައި ހުރި ދިދަތަކަކީ ޕީޕީއެމުގެ އޮފީހުން ނެރެގެން ގެންދިޔަ ދިދަ ތަކެއް ކަމަށް ފުލުހުން ބުނެއެވެ. އެ ދިދަތައް އިހުތިޖާޖުގެ ބައިވެރީންނަށް ދޫކުރީ މުހައްމަދު އިސްވެ ހުރެ ކަމަށްވެސް ތުހުމަތު ކުރެއެވެ.

މުހައްމަދު އިސްމާއީލް ހިމެނޭހެން މިހާރުވެސް ބަންދުގައި 20 މީހަކު އެބަ ތިއްބެވެ. އޭގެ ތެރޭގައި ދީނީ އިލްމުވެރީން ކަމަށްވާ ޝައިހް ނިޝާން އާއި ޝައިހް ފަޒްލޫން ހިމެނެއެވެ.