ހަބަރު

ޕީސް ބޯޓްގެ ބައިވެރިން އާޓިފިޝަލް ބީޗް ސާފުކޮށްދީފި

ރާއްޖެ އަށް މިހާރު އައިސްފައިވާ "ޕީސް ބޯޓު"ގެ ބައިވެރިންނާއި ޖޫނިއާ ޗެމްބަ އިންޓަނޭޝަނަލް (ޖޭސީއައި)އާ ގުޅިގެން އާޓިފިޝަލް ބީޗު ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި އެވެ.

ޕީސް ބޯޓަކީ ޖަޕާނުގެ އެންޖީއޯއަކުން އިންތިޒާމްކޮށްގެން ދުނިޔޭގައި ސުލްހަ ގާއިމް ކުރަން ބާރުއެޅުމުގެ ގޮތުން އެކި ގައުމުތަކުގެ ބައިވެރިންނާ އެކު ދަތުރު ކުރާ ކްރޫޒްލައިނާ އެކެވެ. އެ ބޯޓު ވަނީ އިއްޔެ ހެނދުނު މާލެ އައސްފަ އެވެ. އަދި ސުލްހަޔަށް ލޯބި ކުރާ ކަން ދައްކައި ދިނުމުގެ ގޮތުން ހަރަކާތްތަކެއް ހިނގަން ނިންމާފައިވާ ކަމަށް ބޯޓުގެ އޮފިޝަލުން މައުލޫމާތު ދެ އެވެ. 

މިއަދު އާޓިފިޝަލް ބީޗުގައި ބޭއްވި ހަރަކާތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޖޭސީއައިގެ އޮފިޝަލެއް ވިދާޅުވީ މިފަދަ ހަރަކާތުގެ މައިގަނޑު މަގްސަދަކީ ޕީސް ބޯޓްގެ ބައިވެރިންނާއި ދިވެހިންނާ ދޭތެރޭ ގާތް ގުޅުމެއް ބާއްވާ އަދި އެމީހުން ރާއްޖެއާ މެދު ދެކޭގޮތް އޮޅުން ފިލުވާ ހޯދުން ކަމަށެވެ. މީގެ އިތުރުން ޕީސް ބޯޓްގެ ދަތުރުގައި ގައުމީ ޔުނިވަސިޓީގެ ދަރިވަރުންނަށް އަމާޒުކޮށްގެން މޫސުމަށް އަންނަ ބަދަލުތަކާބެހޭ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ހިންގާ، ޔުނިވަސިޓީން ހޮވާލެވޭ ދަރިވަރުންތަކެއް ޕީސް ބޯޓަށް ގެންގޮސްފައިވެ އެވެ. 

"އެގޮތުން މިއަދު މި ކުރިޔަށް މިގެންދަނީ ޖޭސީއައިއާ ޕީސް ބޯޓު ގުޅިގެން އާޓިފިޝްފިޝަލް ބީޗު ސާފް ކުރުމުގެ ކުޑަ ހަރަކާތެއް. މި ހަރަކާތުގައި ޖަޕާނު މީހުންނާއި ދިވެހި ވޮލެންޓިއާސް އެކީ ގުޅިގެން މަސައްކަތް ކުރާނެ،" ޖޭސީއައިގެ އޮފިޝަލް ވިދާޅުވި އެވެ.

މިއަދު އާޓިފިޝަލް ބީޗު ސާފު ކުރުމަށް ޕީސް ބޯޓްގެ ބައިވެރިންގެ ތެރެއިން ޖަޕާންގެ 20 މީހެކެވެ. އަދި އެމީހުނާއި އެކު 15 ދިވެހި ވޮލެންޓިއަރުން މަސައްކަތް ކުރި އެވެ. ޕީސް ބޯޓު ރާއްޖޭގައި އޮތުމަށް ހަމަޖެހިފައި ވަނީ ދެ ދުވަހުގެ މުއްދަތަކަށެވެ. އަދި އެއަށްފަހު މޮރިޝަސްގެ ޕޯޓް ލުއިސް އަށް ޕީސް ބޯޓު ފުރާނެއެވެ.