ދުނިޔެ

ދަތިކުރުން ތަކަކީ ދެ މިޔަ ކަނޑިއެއް: ޝީ ޖިންޕިން

އެމެރިކާ ނުރުހޭ ގައުމުތަކަށް ދަތިކުރަން އަޅާ ފިޔަވަޅު ތަކުން އެމެރިކާ އުއްމީދުކުރާ އަދި ބޭނުންވާ ރަނގަޅު ނަތީޖާއެއް ނުކުންނާނެ ކަމަށް ގަބޫލު ކުރުމަކީ މޮޔަކަމެއް ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެ އެވެ.

ޝީ ޖިންޕިން ވިދާޅުވި ގޮތުގައި ދަތިކުރުން ތަކަކީ ދެ މިޔަ ކަނޑިއެކެވެ. އަދި ވިދާޅުވީ އެއަށް ދަމައިގަނެވޭ ގޮތަކުން ސާހިބު މީހާ ވެސް ޒަހަމްވެ ލޭކޮށައިގެން ދިއުމަށް ފުރުސަތު އޮންނަ ކަމަށެވެ.

އެމެރިކާ އިސްވެ ޗައިނާ، ވެނެޒުއެލާ، އީރާން އަދި ރަޝިއާއަށް ދަތިކުރަން އަޅާފައިހުރި ފިޔަވަޅުތައް އެމެރިކާ އޮބައިގަންނާނެ ވަގުތު އަންނާނެ ކަމަށް ޝީ ޖިންޕިން ވިދާޅުވި އެވެ. އަދި ދުނިޔެއިން އެ ކުލަވަރު ފެނިވަޑައި ގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.

ލިބިފައި ހުރި ބާރުތަކުގައި ސިޔާސީ ކުލަ ޖައްސައި، ހަތިޔާރަކަށް ހަދައި އަދި ބޮޑާވެގަތުމަށް ވުރެ ދުނިޔެ ތަރައްގީވާން ދޫކޮށްލުން ބުއްދިވެރި ކަމަށްވެސް ޗައިނާގެ ރައީސް ވިދާޅުވި އެވެ.

އެމެރިކާގެ ރައީސްކަމުގައި ޑޮނަލް ޓްރަމްޕް ހުންނެވިއިރު ޗައިނާއަށް ދަތިކުރަން އެޅި ފިޔަވަޅުތަކުގެ ސަބަބުން ތަކެތީގެ އަގުބޮޑުވެ، ފައިސާއިން ބާރުކެނޑި އަދި އެމެރިކާގެ އާންމު ރައްޔިތުންނަށް ދިރިއުޅުން ތަކުލީފަކަށް ވަނީ ވެފަ އެވެ.

ހާލަތު މިފަދައިން އޮތްއިރު ވެސް އެމެރިކާ ބުނާހާ ގޮތަކަށް އާންހޫން ނުކިޔާ ގައުމުތަކަށް ޖެއްސުންކޮށް ދުނިޔޭގެ ނިޒާމްތަކުން ބޭރުކޮށްލުމަކީ އެމެރިކާއަށް ވަގުތީ އުފަލެއް ނަމަވެސް ހަފައިގަންނައިރު ސަލާމަތް ނުވާވަރު އޮންނާނީ ވެފަ އެވެ.

ޗައިނާގައި އުފައްދައި އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ ބޮޑުކުރުމުން ޗައިނާއަށްވާ ގެއްލުމަށް ވުރެ ބޮޑު ގެއްލުމެއް އެމެރިކާގެ ރައްޔިތުންނަށް ލިބެ އެވެ. ދެ މިޔަ ކަނޑިއެއް ގޮތަށް ޝީ ޖިޕިން ސިފަކުރެއްވި ސަބަބަކީ މިއީ އެވެ.

ރަޝިއާއިން ޔުކްރޭނަށް ހަމަލާދޭން ފެށުމާއެކު ރަޝިއާއިން އެއްވެސް ބާވަތެއްގެ ހަކަތައެއް އެމެރިކާއަށް އެތެރެކުރުން ވަނީ މަނާކޮށްފަ އެވެ. އެކަމަކު މިކަމުގެ ސަބަބުން ވެސް އެމެރިކާގައި ތެލާއި ގުދުރަތީ ގޭހުގެ އަގު ވަނީ ފާއިތުވި 40 އަހަރު ނުއުފުލޭހާ ބޮޑަށް އުފުލިފަ އެވެ.

އީރާނުން ނިއުކްލިއާ ބޮމެއް އުފައްދަން އުޅޭ ކަމަށް ބުނެ އެ ގައުމާ ދެކޮޅަށް އަޅާފައި ހުރި ފިޔަވަޅުތައް ހުރީ އެވެ. މިކަމުގެ ސަބަބުން އީރާނަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް އެމެރިކާ އާއި އީރާނާ ގުޅުން ރަނގަޅު ނަމަ ކުރެވިދާނެ ކިތަންމެ ކަމަކުން އެމެރިކާ އޮތީ ބާކީވެފަ އެވެ.

ޝީ ޖިންޕިން ވިދާޅުވި ގޮތުގައި ދުޅަހެޔޮ ވާދަވެރިކަމަކަށް ދުނިޔެ ދޫކޮށްލުން މާ ބުއްދިވެރި އެވެ. ތަކެތީގެ އަގު އެއް ހަމައެއްގައި ބެހެއްޓުމަށް އެންމެ މުހިންމީ މަޝްވަރާއިން ކުރެވޭ މުއަމަލާތް ކަމަށް ޝީ ވިދާޅުވި އެވެ.