ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޮމަންވެލްތު ބައްދަލުވުން ހުޅުވުމުގައި ރައީސް ބައިވެރިވެވަޑައިގެންފި

Jun 24, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުން ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފި އެވެ.

މި މަހުގެ 20 އިން 25 އަށް ކުރިއަށްދާ މި ބައްދަލުވުން ބާއްވާފައި ވަނީ ރުވަންޑާގެ ކިގާލީ ކޮންވެންޝަން ސެންޓަރުގަ އެވެ.

މިބައްދަލުވުމުގައި، އެފްރިކާ، ކެރީބިއަން، އެމެރިކާ އަދި ޔޫރަޕް، އޭސިއާ، ޕެސިފިކްގެ 54 ގައުމެއްގެ އިސްވެރިންނާއި މަންދޫބުން ބައިވެރިވެވަޑައިގެން، ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި އާ ފުރުސަތުތައް ދެނެގަތުމާއި އަންނަން އޮތް ޖީލުތަކަށް ހުރި ގޮންޖެހުންތައް ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންދާނެ އެވެ.

ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ބާއްވާ މަތީ ފަންތީގެ ބައްދަލުވުމުގައި ވިޔަފާރިއާއި ސިއްހަތާ އަދި ތިމާވެށި ފަދަ މައުލޫއުތަކަށް މަންދޫބުންގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދާނެ އެވެ. ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުގައި ހަތަރު ފޯރަމަކާއި، ވަޒީރުންގެ ފެންވަރުގެ ބައްދަލުވުންތަކާއި، ހަވާސާގައި ބާއްވާ ހަރަކާތްތަކާއި، އެހެނިހެން ހަރަކާތްތައްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގެ މިއަހަރުގެ ޝިއާރަކީ "ޑެލިވަރިން އަ ކޮމަން ފިއުޗަރ: ކަނެކްޓިން، އިނޮވޭޓިން، ޓްރާންސްފޯމިން" އެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގަތުމަކީ ޑިމޮކްރަސީއާއި، ފާގަތިކަމާއި، ސުލްހަމަސަލަސްކަން ފަދަ ބައިނަލްއަގްވާމީ މުޖުތަމައުގެ ގުޅިފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމުގައި އެއްބާރުލުންދީ، ބައިނަލްއަގްވާމީ މުޖުތަމައާއެކު މަސައްކަތްކުރުމުގައި ރާއްޖެ ދެމިއޮންނާނެކަމުގެ ކަށަވަރުކަން ލިބިގެންދާ ކަމެއް ކަމަށެވެ. އަދި މިއީ ތިމާވެށި ރައްކާތެރިކުރުމާއި، ވިޔަފާރީގެ ކުރިއެރުމާއި، ޑިމޮކްރެސީ ހަރުދަނާކުރުމަށް އެއްބާރުލުން ހޯދުމާއި، ތައުލީމާއި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުގައި ދިވެހިރާއްޖޭގެ ބައިވެރިވުން ރަމްޒުކޮށްދޭ ކަމެއް ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ. ކޮމަންވެލްތުގެ މިބައްދަލުވުމުގައި ކުދި ޖަޒީރާ ގައުމުތަކުގެ އަޑު، ބައިނަލްއަގްވާމީ މައިދާނުގައި އުފުއްލެވުމަށް ރައީސް ސޯލިހް މަސައްކަތްކުރައްވާނެ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

ކޮމަންވެލްތު އޮފް ނޭޝަންސްގައި ރާއްޖެއިން ފުރަތަމަ ބައިވެރިވީ ޖުލައި 9، 1982 ގައެވެ. ނަމަވެސް އޮކްޓޯބަރު 13، 2016 ގައި ދިވެހިރާއްޖެއިން ވަނީ ކޮމަންވެލްތުގެ މެންބަރުކަން ދޫކޮށްލާފަ އެވެ. މި ސަރުކާރުން ވެފައިވާ އެންމެ މުހިއްމު އެއް ވައުދާ އެއްގޮތަށް ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް މިސަރުކާރުން ހުށަހެޅި ހުށަހެޅުން ފެބްރުއަރީ 1، 2020 ގައި ބަލައިގަނެ، ރާއްޖެ ވަނީ އެޖަމާއަތުގެ 54 ވަނަ މެންބަރު ގައުމުގެ ގޮތުގައި އަލުން ހިމަނާފަ އެވެ.

ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ކުރިން ބާއްވަން ހަމަޖެހިފައި އޮތީ 2020 ވަނަ އަހަރުގެ ޖޫން މަހު އެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ދެ ފަހަރެއްގެ މަތިން މި ބައްދަލުވުން ބާއްވާ ތާރީހު ފަސްކޮށްފައިވެ އެވެ.

ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން މިއީ ކޮމަންވެލްތުން ރާއްޖެ ވަކިވުމަށްފަހު އަލުން އެޖަމާއަތާ ރާއްޖެ ގުޅުނު ފަހުން ބާއްވާ މިފަަދަ ފުރަތަމަ ބައްދަލުވުމެވެ. ކޮމަންވެލްތުގައި ހިމެނޭ 54 ގައުމެއްގެ 2.5 މިލިއަން މީހުން ތަމްސީލުކުރާ އިރު، އޭގެ ތެރެއިން 25 ގައުމަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކެވެ.