ކޮމަންވެލްތު ޖަމިއްޔާ

ރާއްޖޭގެ ތާއީދު ޖެމެއިކާގެ ކަމީނާއަށް

May 5, 2022

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ވާދަކުރައްވަމުން ގެންދަވާ ޖެމެއިކާގެ ކެންޑިޑޭޓް ކަމީނާ ޖޯންސަން ސްމިތްއަށް ރާއްޖެއިން ތާއީދުކޮށްފި އެވެ.

ކަމީނާ އަށް ތާއީދުކުރާކަން ދިވެހި ސަރުކާރުން ހާމަކުރީ ބުދަ ދުވަހު ޖެމެއިކާގެ ބޮޑުވަޒީރު އެންޑްރޫ މައިކަލް ހޯލްނެސްއާ ފޯނުން ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ސޯލިހްގެ ވާހަކަފުޅުގައި ވިދާޅުވީ ކަމީނާ ޖޯންސަން ލިބިވަޑައިގެންފައިވާ ގިނަ ތަޖުރިބާތަކަށް ބަލާއިރު އެކަމަނާ އަކީ އެ މަގާމަށް އެންމެ އެކަށީގެންވާ ކެންޑިޑޭޓް ކަމަށެވެ. އަދި ކަމީނާ އަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވަމުން އެކަމަނާގެ ޒައާމަތުގައި ރާއްޖެއާ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ކޮމަންވެލްތުގައި ރަނގަޅަށް ތަމްސީލް ކުރެވިގެންދާނެ ކަމުގައި ޔަގީންކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން މި ފޯން ކޯލްގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުމާބެހޭ ގޮތުންވެސް މަޝްވަރާ ކުރައްވާފަ އެވެ. އަދި ރައީސް ސޯލިހް ވަނީ ޖެމެއިކާގެ ބޮޑު ވަޒީރަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ވަޑައިގެންނެވުމަށް ދައުވަތު ވެސް ދެއްވާފަ އެވެ.

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ބޭފުޅުން އިންތިހާބު ކުރާނީ ކުރިއަށް އޮތް ޖޫން މަހު ރުވާންޑާގެ ކިގަލީގައި އޮންނަ ކޮމަންވެލްތު ގައުމުތަކުގެ ސަރުކާރުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގަ އެވެ.

ކަމީނާ ޖޯންސަން ސްމިތަކީ ޖެމެއިކާގެ ފުރަތަމަ އަންހެން މިނިސްޓާ އޮފް ފޮރިން އެފެއާޒް އެންޑް ފޮރިން ޓްރޭޑްގެ މަގާމު ފުރުއްވި ބޭފުޅާ އެވެ. އަދި އެކަމަނާ ވަނީ ކެރީބިއަން ފޯރަމް (ކެރިފޯރަމް)ގެ ޗެއާޕާސަންގެ މަގާމާއި، ކައުންސިލް އޮފް މިނިސްޓާސް އޮފް ދަ އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސްގެ ރައީސްގެ މަގާމާއި، ކެރިކޮމް ކައުންސިލް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓްގެ ރައީސްގެ މަގާމު އަދާކުރައްވާފަ އެވެ. މިހާރު ކަމީނާ އަދާކުރައްވަނީ ޖެނީވާގެ ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ގްރޫޕްގެ ކޯޑިނޭޓަރުގެ މަގާމެވެ.