ބޮލީވުޑް

މައިދައިތަ ނީތޫގެ އެކްޓިން އަށް އާލިއާގެ ތައުރީފު

ރާޖް މެހެތާ ޑައިރެކްޓްކޮށްފައިވާ ވަރުން ދަވަން، ކިއާރާ އަދުވާނީ، އަނިލް ކަޕޫރު، ނީތޫ ސިންގް، މަނީޝް ޕޯލް އަދި ޕްރަޖަކްތާ ކޯލީ މުހިއްމު ރޯލުތައް ކުޅެފައިވާ "ޖުގް ޖުގް ޖިޔޯ" އިއްޔެ ވަނީ ރިލީޒްކޮށްފަ އެވެ.

ފިލްމާ ގުޅޭ ގޮތުން ފާޑުކިޔުންތެރިން ލިޔެފައިވާ ރިވިއުތައް ވަރަށް ޕޮޒިޓިވްކޮށް ހުރިއިރު ފިލްމު ބެލި މީހުންގެ ތެރެއިން ގިނަ މީހުންނަށް ވެސް ފިލްމު ވަރަށް ކަމުގޮސްގެން ކޮމެންޓްތައް ކޮށްފައިވެ އެވެ. އަދި މިއީ އާއިލާގެ އެންމެން ސިނަމާއަށް ގޮސް ބަލާލަން ކަމުދާ ކަހަލަ ހެއްވާ މަޖާ އަދި މުނިފޫހިފިލުވައިދޭ ފިލްމެއް ކަމަށް ފޭނުން ބުނެފައިވެ އެވެ.

ޚާއްސަކޮށް ފިލްމުގެ ބައިވެރިންގެ މޮޅު އެކްޓިންއަށް އެންމެން ވެސް ދަނީ ތައުރީފު ކުރަމުންނެވެ. މީގެ ތެރެއިން ވެސް އެންމެ މޮޅީ ނީތޫގެ ޕާފޯމަންސް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

މިއީ ފިރިމީހާ ރިޝީ ކަޕޫރު މަރުވުމަށްފަހު ނީތޫ ކުޅުނު ފުރަތަމަ ފިލްމެވެ. ނީތޫ އެންމެ ފަހުން ފިލްމެއް ކުޅެފައިވަނީ ރިޝީއާ އެކު މީގެ ހަތް އަހަރު ކުރިންނެވެ.

ނީތޫ އަށް ތައުރީފުކޮށް ސޯޝަލް މީޑިއާގައި ތަފާތު މެސެޖުތައް ޝެއާކުރަމުންދާ މީހުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނީ އޭނާގެ ޅީދަރިފުޅު އާލިއާ ބަޓްގެ ރިވިއު އެވެ.

ނީތޫގެ ޕާފޯމަންސް ވަރަށް މޮޅު ކަމަށާއި އޭނާގެ އެކުވެރިޔާ ވަރުން ދަވަންގެ ސްޓާރެއް ކަމަށް އާލިއާގެ ރިވިއުގައި ލިޔެފައިވެ އެވެ. އަދި ކިއާރާގެ ޕާފޯމަންސް މޮޅުކަމުން އޭނާއަށް ރޮވުނު ކަމަށާއި އަނިލްގެ މަޖާ ކަމުން ފިލްމު ބެލިއިރު އޭނާއަށް ވަރަށް ހެވުނު ކަމަށްވެސް އާލިއާ ލިޔެފައިވެ އެވެ.

ޚާއްސަކޮށް ފިލްމު ޑައިރެކްޓަރު ރާޖް މެހެތާގެ މަސައްކަތަށް އާލިއާ ވަނީ ތައުރީފުކޮށްފަ އެވެ.