ވަރުން ދަވަން އާއި ކިއާރާ އަދުވާނީ ލީޑް ރޯލު ކުޅެފައިވާ "ޖުގް ޖުގް ޖިޔޯ" ގެ ފުރަތަމަ ޓްރެއިލާ ލޯންޗުކުރިތާ އެއް ދުވަސް ވެސް ނުވަނީސް ފިލްމަށް ބޮޑެތި ތުހުމަތުތަކެއް ކުރަން ފަށައިފި އެވެ.
އެގޮތުން ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ އަބްރާރުލް ހައްގު ވަނީ ފިލްމުގައި ހިމެނޭ އެއް ލަވަ "ނާޗް ޕަންޖާބަން" އަކީ އަސްލު އޭނާގެ ލަވައެއް ކަމަށާއި އެ ލަވަ ބޭނުން ކުރުމުގެ ހުއްދަ އޭނާގެ އަތުން ނުހޯދާ ފިލްމުގައި އެ ލަވަ ބޭނުން ކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފަ އެވެ.
އަބްރާރް ބުނެފައިވާ ގޮތުގައި އޭނާ އެ ލަވަ އެއްވެސް މީހަކަށް ވިއްކާފައެއް ނުވާނެ އެވެ. އަދި މިއީ އޭނާގެ ލަވަ ބޮލީވުޑުން ކޮޕީ ކުރި ހަ ވަނަ ފަހަރު ކަމަށާއި މިފަހަރު މި މައްސަލައިގައި ކޯޓަށް ދާނެ ކަމަށެވެ.
އަބްރާރުގެ ވާހަކަތަކަށް މި ފިލްމުގެ މިއުޒިކް ތައްޔާރުކުރި ޓީ-ސީރީޒް އިން ވަނީ ވަގުތުން ޖަވާބު ދީފަ އެވެ. އެ މިއުޒިކް ލޭބަލްގެ އޮފިޝަލް ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އެ ލަވައިގެ ލީގަލް ރައިޓްސް އޮތީ ޔޫކޭގެ މޫވީބޮކްސް ރެކޯޑްސް ލޭބަލް އަށް ކަމަށާއި އެ ލަވަ ބޭނުން ކުރުމުގެ ހުއްދަ އެ ފަރާތުން ހޯދާފައިވާ ކަމަށެވެ.
އަދި ވިޝާލް ވީ ސިންގް ނަމަކަށް ކިޔާ މީހަކު ވެސް މި ފިލްމަށް ބޮޑު ތުހުމަތެއް ކޮށްފައި ވެއެވެ. ސްކްރީންރައިޓާއެއްގެ ގޮތުގައި މަސައްކަތްކުރާ ވިޝާލް ބުނަނީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން "ޖުގް ޖުގް ޖިޔޯ" އުފައްދާފައި ވަނީ އޭނާ ލިޔުނު "ބަނީ ރާނީ" ކިޔާ ވާހަކައެއް ކޮޕީކޮށްގެން ކަމަށެވެ.
ވިޝާލްގެ މި ތުހުމަތަށް އަދި ދަރްމާ ޕްރޮޑަކްޝަނުން ޖަވާބެއް ނުދެ އެވެ.
"ޖުގް ޖުގް ޖިޔޯ" ގެ ޓްރެއިލާ އިން ދޭހަވާ ގޮތުގައި ފިލްމު ބިނާ ކޮށްފައި ވަނީ ވަރި އާއި ކައިވެނީގައި ދެމަފިރިން އެކަކު އަނެކަކަށް ބޭވަފާތެރިވުން ފަދަ ކަންކަމަށެވެ.
ޓްރެއިލާގައި ކިއާރާ އުޅެނީ ވަރުން ކައިރިން ވަރި ނުވެވިގެންނެވެ. އަނެއްކޮޅުން އަނިލް ކަޕޫރާއި ނީތޫ ސިންގް ދެމަފިރިންގެ ރޯލު ކުޅެފައިވާއިރު ނީތޫ އުޅެނީ އަނިލް އެހެން އަންހެނަކާ ލޯބީގެ ގުޅުން ހިންގާތީ އެކަމާ ހަދާނެ ގޮތް ހުސްވެގެންނެވެ.
ފިލްމުގެ ޓްރެއިލާ ބެލި ގިނަ މީހުންނަށް ޓްރެއިލާ ވަރަށް ކަމުދިޔަ އެވެ. އެންމެން ވެސް ބުނެފައި ވަނީ މިއީ ވަރަށް ބަލާލަން ޝައުގުވެރިވާ ކަހަލަ ފިލްމަކަށް ވާނެކަމަށް ބެލެވޭ ކަމަށެވެ.