މޯލްޑިވްސް ޕޮލިސް ސާވިސް

ބޮޑު ތުހުމަތާ އެކު ނާޒިމް ޓްވިޓައާ ދުރަށް

Jun 25, 2022
2

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި މަޝްހޫރު ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު ކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވެ، ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ނާޒިމް ޓްވިޓާ އެކައުންޓް ޑީއެކްޓިވޭޓް ކުރައްވައިފި އެވެ.

ނާޒިމް ޓްވިޓާ ބޭނުންކުރެއްވުން ހުއްޓަވާލެއްވި ވަކި ސަބަބެއް އެނގިފައެއް ނުވެ އެވެ.

ނާޒިމަކީ އެކި މައްސަލަތަކުގައި ޓްވިޓާގައި ވަރަށް ގިނައިން ވާހަކަދައްކަވާ އަދި ބައެއް މީހުންނާ ޒާތީ ގޮތުން ދިމާކުރެއްވުމުގައި ފާހަގަކުރެއްވޭ ބޭފުޅެކެވެ. އަދި ޓްވިޓާގައި ހުތުރު ބަހުން ބައެއް ފަހަރު ވާހަކަވެސް ދައްކަވަ އެވެ.

އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯގައި ފެންނަނީ ނާޒިމް ކަން ޔަގީންވާ ކަމަށް ސޯޝަލް މީޑިއާގައި އެތައް ބަޔަކު ބުނަމުން ދިޔަ ނަމަވެސް އޭނާގެ ޓްވިޓާ އެކައުންޓް ޑީއެކްޓިވޭޓް ކުރުމުގެ ކުރިން، ކުރެއްވި ޓްވީޓެއްގައި ނާޒިމް ވަނީ ވީޑިއޯގައި ފެންނަނީ އޭނާ ނޫން ކަމަށް ވިދާޅުވެ ތުހުމަތަށް އިންކާރު ކުރައްވާފަ އެވެ.

ވީޑިއޯ އިއްޔެ އާންމުވެ ސަރުކާރަށް ފާޑުކިޔުން އަމާޒުވުމުން ރޭގެ ވަގުތެއްގައި ނާޒިމު ފުލުހަށް ހާޒިރުކޮށް ވީޑިއޯއާ ގުޅޭގޮތުން ސުވާލުކޮށްފައިވެ އެވެ. ނަމަވެސް ނާޒިމް މައްސަލައާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހިއްސާކޮށްފައެއް ނުވެ އެވެ. އެކަމަކު ގިނަ އަދަދެއްގެ މީހުން ހިމެނޭ ގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް އެ ހިދުމަތަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ހިނގަމުންދާ ކަމަށް ބުނެފައިވެ އެވެ.

ނާޒިމް ކަމަށް ބެލެވޭ މީހަކާ އެކު އެއްޖިންސުން ގުޅުން ހިންގަމުން ދަނީ ބިދޭސީއެއް ކަމަށާއި އޭނާއާ އެކު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ އިސް އެހެން ބައެއް ބޭފުޅުންވެސް އެއްޖިންސުން ގުޅުން ހިންގާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވެ އެވެ.