މިފްކޯ

މިފްކޯ އިން ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފި

Jun 25, 2022

މިފްކޯ އިން ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފި އެވެ.

މިފްކޯ އިން ވިއްކާ ތެލުގެ އަގު ބޮޑުވެފައި މިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް މައްޗަށް ގޮސް އެސްޓީއޯ އިން ރާއްޖެއަށް އެތެރެކޮށް ވިއްކާ ތެލުގެ އަގުވެސް ބޮޑުވެފައި ވަނިކޮށެވެ.

އެސްޓީއޯގެ ދަށުން ހިންގާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އަކީ މިފްކޯ އަށް ތެޔޮ ފޯރުކޮށްދޭ ކުންފުންޏެވެ.

މިއަދުން ފެށިގެން މިފްކޯ އިން މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކަނީ 17.63 ރުފިޔާ އަށެވެ. އާންމުންނަށް ޑީސަލް ލީޓަރެއް ވިއްކަނީ 22.66 ރުފިޔާ އަށެވެ.

މިއަހަރުގެ މާޗް މަހުގެ ފަސްވަނަ ދުވަހުވެސް މިފްކޯ އިން ވަނީ ޑީސަލްގެ އަގު ބޮޑުކޮށްފަ އެވެ. މަސްވެރިންނަށް އޭރު ޑީސަލް ލީޓަރެއް ވިއްކީ 14.44 ރުފިޔާ އަށެވެ. އާންމުންނަށް ޑީސަލް ލީޓަރެއް ވިއްކީ 17.10 ރުފިޔާ އަށެވެ.

އެފްއެސްއެމް އިން މިވަގުތު ޑީސަލް ލީޓަރެއް ވިއްކަނީ 16.77 ރުފިޔާ އަށެވެ.

ދުނިޔޭގެ ބާޒާރުގައި މިވަގުތު ސާފު ނުކުރާ ތެޔޮ ފީފާއެއް ގަންނަން ލިބެން ހުރީ 107 ޑޮލަރަށް ވުރެ މަތީގަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިހާރު އަގުތައް ހުރި ގޮތުން ތެލުގެ ސަބްސިޑީއަށް ސަރުކާރުން ކުރާ ހޭދަ މިއަހަރުގެ ނިޔަލަށް 1.9 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށެވެ. ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާތީ ސަރުކާރުން އަބަދު ސަބްސިޑީ ދީގެން ތަކެތީގެ އަގު ކޮންޓްރޯލް ނުކުރެވޭނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.