ދުނިޔެ

ލަންކާއިން އަނެއްކާވެސް ތެޔޮޮ ހުސްވެއްޖެ

ލަންކާއިން އަނެއްކާ ވެސް ޕެޓްރޯލާއި ޑިސަލް ހުސްވެއްޖެ އެވެ.

ހަކަތަ މިނިސްޓަރު ކަންޗަނާ ވިޖޭސޭކަރަ ވިދާޅުވި ގޮތުގައި ތެޔޮ ހުސްވާން މިފަހަރު ދިމާވީ އުންމީދު ކުރެއްވި ގޮތަށް ތެޔޮ ޝިޕްމަންޓްތައް ނުގެނެވުމުންނެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ތެޔޮ ޝިޕްމަންޓައް ލަސްވަނީ ފައިސާ ހަމަނުޖެހިގެންނެވެ. ބޭންކުތަކުން ކުރިން ވައުދުވި ގޮތަށް މުއާމަލާތައް ކުރެވިފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

ތެލަށް ބޭނުންޖެހިފައި ތިބި ހުރިހާ މީހުންގެ ކިބައިން މާފަށް އެދިވަޑައި ގަންނަވާ ކަމަށް ވިދާޅުވެ ވިޖޭސޭކަރަ ވިދާޅުވި ގޮތުގައި ޝިޕްމަންޓްތައް ހަމަޖެހޭތޯ ސަރުކާރުން މަސައްކަތް ކުރާނެ އެވެ.

ލަންކާއަށް މި ހަފުތާގައި ލިބޭނެ ކަމަށް އުންމީދު ކުރި ޝިޕްމަންޓްތައް ލަސްވުމުގެ އިތުރުން ތެޔޮ މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރިއަށް ހުރި ޝިޕްމަންޓްތައް ވެސް ލަސްވާނެ އެވެ. އޭނާ އަދި ވިދާޅުވީ ފައިސާ ހަމަޖެހޭނެ ވަކި ދުވަހެއް ބޭންކުން ނުބުނާ ކަމަށެވެ.

އިގުތިސާދީ ގޮތުން ލަންކާ ހާލުގައި ޖެހި ގައުމު ބަލަހައްޓާނެ ވަރު ވެސް އުޅެނީ ނެތިގެންނެވެ. އާންމު ރައްޔިތުންނަށް ބޭނުންވާ އަސާސީ ވަސީލަތްތައް ގަންނަން ބޭނުންވާ ބޭރު ފައިސާ ނެތުމުގެ ސަބަބުން ކެއިން ބުއިމަށް ބޭނުންވާ އަސާސީ ބާވައްތައް ވެސް ލިބުން ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ.

އަނެއްކޮޅުން ލަންކާގައި އުފެއްދުން ތެރިކަން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ކާރުޚާނާތައް ހިންގަން ބޭނުންވާ ތެލާއި ކަރަންޓް ދޭން ބޭނުންވާ ތެޔޮ ލިބުން ދަތިވެ ލަންކާ ރައްޔިތުން އާންމު ގޮތެއްގައި 24 ގަޑިއިރު ހޭދަކުރަނީ ވަގުތު ބަހައިގެން ކަރަންޓް ކަނޑާ އުސޫލުންނެވެ.

ލަންކާއަށް ބޭނުންވާ ބޭރު ފައިސާ ހޯދުމުގައި ވޯލްޑް ބޭންކާއި، އޭޝިއަން ޑިވެލޮޕްމަންޓަ ފަންޑް އަދި އޭޝިއަން އިންފްރަސްޓްރަކްޗާ ބޭންކުން އެހީވާނެ ކަމަށް އޮތީ ބުނެފަ އެވެ. ދުނިޔޭގެ މާލީ އިދާރާތަކާ އެކު މަޝްވަރާ ކުރެވެމުން ދާ ކަމަށް ލަންކާ ސަރުކާރުން ބުނެ އެވެ.