ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ސަރުކާރުން ގެނައި ބޮޑު ބަދަލާ ގުޅިގެން ތައުލީމީ ދާއިރާގައި މަސައްކަތް ކުރަން ޝައުގުވެރިވާ ދިވެހި ޓީޗަރުން ގިނަވެ ކުރިއަށް އޮތް ދިރާސީ އަހަރަށް ރާއްޖެއަށް ގެންނަންޖެހޭ ބިދޭސީ ޓީޗަރުންގެ އަދަދު ވަރަށް ބޮޑަށް މަދުވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ ވިދާޅުވީ ރާއްޖެއަށް ގެންނަން ބިދޭސީ ޓީޗަރުންގެ އަދަދު މަދުވާ މައިގަނޑު ދެ ސަބަބަކީ ތައުލީމީ ދާއިރާގައި ކުރިން އުޅުމަށްފަހު ދުރަށް ގޮސްފައިވާ ބައެއް ބޭފުޅުން ސަރުކާރުން މުސާރައަށް ގެނައި ހެޔޮ ބަދަލާ އެކު ތައުލީމީ ދާއިރާއަށް އެނބުރި އަންނަން ބޭނުންވުމާއި އަދި ހިދުމަތަށް ނިކުންނަ ދިވެހި ޓީޗަރުންގެ އަދަދު އިތުރުވުން ކަމަށެވެ.
އަހްމަދު ވިދާޅުވީ އަންނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން ސުކޫލުތަކަށް ހޯދަންޖެހޭ ޓީޗަރުންގެ އަދަދު މިއަހަރުގެ އޭޕްރީލް މަހު ކަނޑައަޅާފައިވާ ކަމަށެވެ. ސްކޫލުތަކާ ގުޅިގެން އިތުރަށް ބޭނުންވާ ޖުމްލަ އަދަދު ކަނޑައެޅީ ތައުލީމީ ދާއިރާގައި މިވަގުތު ތިއްބެވި ބޭފުޅުންގެ އަދަދު ޔަގީންކުރުމަށްފަހު ކަމަށްވެސް ވިދާޅުވި އެވެ. އިތުރަށް ހޯދަންޖެހޭ މުވައްޒަފުން ނެގުމަށް ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
ސްކޫލުތަކަށް ދާއިމީ ޓީޗަރުން ނުލިބޭ މައްސަލަ ބޮޑުވެފައިވާއިރު އަހްމަދު ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް މިއަހަރު ވަގުތީ ޓީޗަރުންގެ ގޮތުގައި 216 ސްކޫލުގައި 600 އަށް ވުރެ ގިނަ ރިލީފް ޓީޗަރުން ކިޔަވައިދޭ ކަމަށެވެ.
"ދިރާސީ އަހަރެއް ފަށާއިރުގައި ދާއިމީ މުވައްޒަފުން ހޯދަން އަބަދުވެސް މިނިސްޓްރީން އިއުލާންކުރާނެ. އެހެންވީމަ އަޅުގަނޑަށް ލަފާކުރެވޭ ރަނގަޅު އިޖާބައެއް މިއަހަރު ލިބިގެންދާނެ ކަމަށް. އޭގެތެރެއިން ހަަމަ ގިނަ ސްލޮޓްތައް ހަމަޖެހިގެންދާނެ ކަމަށް،" ޕާމަނަންޓް ސެކްރެޓަރީ ވިދާޅުވި އެވެ.
އަހްމަދު އިތުރަށް ވިދާޅުވީ ބިދޭސީ ޓީޗަރުން ރާއްޖެއަށް ގެނައުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެގޮތުން އެ މީހުން ގެންނަނީ އެޖެންސީތަކާ ގުޅިގެން ކަމަށާއި ބިދޭސީ ޓީޗަރުން ގެނައުމަށްޓަކައި ލިޔެކިޔުމުން ހިންގަންޖެހޭ މުއާމަލާތްތައް މިހާރުވެސް ހިނގަމުންދާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.