ސްޓެލްކޯ

މާފަންނުގެ ބައެއް ގެތަކުން ކަރަންޓް ކަނޑާލަނީ

Jun 26, 2022

ސްޓެލްކޯ އިން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މިއަދު މެންދުރުފަހު މާލޭގެ މާފަންނު އަވަށުގެ ބައެއް ގެތަކުން ކަރަންޓް ކަނޑާލަން ނިންމައިފި އެވެ.

ސްޓެލްކޯ އިން ބުނީ ކަރަންޓު ޓްރާންސްފޯމަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރުމަށްޓަކައި މިއަދު މެންދުރު ފަހު 1:00 އާއި 3:45 އާ ދެމެދުގެ ވަގުތެއްގައި ގިނަވެގެން 45 މިނެޓަށް ކަމަށް ކަރަންޓް ކަނޑާލާނެ ކަމަށެވެ.

ކަރަންޓް ކަނޑާލުމަށް ހަމަޖެހިފައިވަނީ އިއްޒުއްދީން މަގާއި، މަޖީދީމަގު، މުނިޔާމަގު، ހަނދުވަރީ ހިނގުން، ޝަހީދު އަލީ ހިންގުމާއި، ފުލޫނިޔާ މަގުގެ އިތުރުން ހަވީރީ ހިނގުމުގެ ބައެއް ގެތަކުންނެވެ.

ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މާލޭގެ ބައެއް ސަރަހައްދުތަކުން ދޭތެރެދޭތެރެއިން ކަރަންޓް ކަނޑާލަ އެވެ. ނަމަވެސް ސްޓެލްކޯ އިން އެކަން އެގޮތަށް ކުރަނީ ދުރާލައި އެންގުމަށްފަހު އެވެ.