ރާއްޖެ ކުޅިވަރު

ބަންގާޅު މުބާރާތުގައި ކީޕަރު އިމްރާން ނުކުޅޭނެ

ބަނގްލަދޭޝްގައި ހުކުރު ދުވަހު ފަށާ ބަންގް ބަންދު ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ނުކުޅެން ކީޕަރު އިމްރާން މުހައްމަދު ނިންމައިފި އެވެ.

އޭނާ މި ގޮތަށް ނިންމީ މިދިޔަ ޖޫން މަހު ކަކުލަށް ލިބުނު އަނިޔާ މުޅިން ރަނގަޅުނުވާތީ އެވެ. އިމްރާންވަނީ މިދިޔަ އާދީއްތަ ދުވަހު އިންޑިޔާގައި ނިމުނު ސާފް ސުޒުކީ ކަޕުގައި ވެސް އަނިޔާގައި ހުރެ ކުޅެފަ އެވެ.

ނަމަވެސް އެ މުބާރާތުގައި އޭނާގެ އަސްލު ކުޅުމާ ގާތަށް ވެސް ނުކުޅެވުނެވެ. އިމްރާނަކީ 2000 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެއްވަނަ ކީޕަރެވެ.

ބަންގާޅު މުބާރާތުގައި ރާއްޖެ ހިމެނެނީ ކެމްބޯޑިޔާ އާއި ބަހުރޭން އަދި ބަނގްލަދޭޝްގެ ޒުވާން ޓީމާ އެއް ގްރޫޕެއްގަ އެވެ. ބަނގްލަދޭޝްގެ ޝަމްޝުލް ހުދާ ސްޓޭޑިއަމުގައި ކެމްބޯޑިއާއާ ދެކޮޅަށް ހޯމަ ދުވަހު ރާއްޖެ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މެންދުރު ފަހު 1:30ގަ އެވެ. މުބާރާތުގައި ކުޅޭ ދެ ވަނަ މެޗުގައި ބުދަ ދުވަހު ރާއްޖެ ނުކުންނާނީ ބަނގްލަދޭޝްއާ ދެކޮޅަށެވެ. ބަންގް ބަންދު ނެޝަނަލް ސްޓޭޑިއަމުގައި މި މެޗު ފަށާނީ އެ ދުވަހު ހަވީރު 5:30ގަ އެވެ. ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި ބަހުރޭނާ ދެކޮޅަށް ކުޅެނީ މި މަހުގެ 15ވާ ހުކުރު ދުވަހު މެންދުރު ދޭއް ޖަހާއިރު އެވެ.