ރާއްޖޭގެ ގާނޫނުތަކުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ އަދި އިސްލާމީ ޝަރީއަތުގައި ކަނޑައެޅިގެން ހަރާމު ކަމެއް ކަމަށް ކަނޑައަޅާފައިވާ ފަަދަ އަމަލެއް ކުރައްވާފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމު ވިދާޅުވެއްޖެ އެވެ.
ސަލީމް މިހެން ވިދާޅުވެފައި މިވަނީ މިހާރު ދައުރުވަމުންދާ ބަރަހަނާ ވީޑިއޯތަކުގެ ތެރެއިން ވީޑިއޯއެއްގައި އޭނާ ފެނިގެންދާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ލިޔުނު ހަބަރުތައް ދޮގުކުރައްވަމުންނެވެ.
ސަލީމު ވަނީ އޭނާއާ ގުޅޭގޮތުން ދޮގު ހަބަރު ފަތުރާފައިވާ ކަމަށް ވިދާޅުވެ އެ މައްސަލަ ބެއްލެވުމަށް ފުލުހުންނަށް ވެސް ހުށަހަޅުއްވާފަ އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުއްވާފައިވާ ސިޓީއެއްގައި ސަލީމް ވިދާޅުވީ އޭނާއަކީ އެތައް ރައްޔިތުންނެއް ތަމްސީލު ކުރައްވާ މަޖިލީހުގެ މެންބަރަކަށް ވާއިރު އޭނާއަށް އަމާޒުކޮށް އިސްމާލްދީނުގައި ކަނޑައެޅިގެން ހަރާންކޮށްފައިވާ ފާހިޝް އަމަލެއް ހިންގި ކަމަށް ބުނެ ލިޔެފައިވާތީ ފުލުހުންނަށް ބެލެން އޮތް އެންމެ ރަނގަޅަކަށް އެ މައްސަލަ ބަލަން ޖެހޭ ކަމަށެވެ.
ސަލީމު ވިދާޅުވީ ލިޔުމުގައި ބުނާ ވީޑިއޯ ހަވާލާދީފައިވާ ވީޑިއޯ އިން ނުވަތަ ފޮޓޯ އިން ފެންނަ އެއް ފަރާތަކީ ކަނޑައެޅިގެން ކާކުކަން އެނގޭއިރު އެ މީހާއާ އެކު އެފަދަ އަމަލެއް ހިންގުމުގައި ބައިވެރިވި މީހަކު ނުވަތަ މީހުންތަކެއް ދެނެގަތުމަކީ ފުލުހުންނަށް ލިބިފައިވާ ގާބިލްކަމަށް ބަލާއިރު އުނދަގޫ ކަމަކަށް ވެގެން ނުވާނެ ކަމަށެވެ.
"އަޅުގަނޑު ނުކުރާ ކަމެއް އެއީ ނުކުރާ ކަމެއް ކަމަށް ސާބިތުކުރުމަށް އަޅުގަނޑަށް ކުރެވޭނެ ކަމެއް ނެތް އިރު، އެފަދަ ކަމެއް ހިނގި ކަމަށް ބުނާ މިފަދަ ވީޑިއޯއެއް ނުވަތަ ފޮޓޯއެއްގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ތިޔަ މުއައްސަސާގެ ޒިންމާއެއް ކަމުގައި ވެސް އަޅުގަނޑު ދެކެމެވެ،" ސިޓީގައިވެ ވިދާޅުވެފައިވެ އެވެ.
ސަލީމުގެ ސިޓީގައި ވަނީ އޭނާއަށް ތުހުމަތު ކުރާ ކަންކަން ވީހާވެސް އަވަހަށް ތަހުގީގުކޮށް އޭނާ އެފަދަ ކަމެއް ކުރައްވާފައިވާ ކަމަށް ހެކި ލިބިއްޖެނަމަ އޭނާގެ މައްޗަށް ގާނޫނީ ފިޔަވަޅު އަޅައި ދިނުމަށް އެދިވަޑައިގެންފައިވެ އެވެ. މައްސަލަ ތަހުގީގުކުރުމަށްފަހު ފުލުހުންނަށް ފާހަގަކުރެވުނު ކަންކަމުގެ ތަފުސީލް އާންމުކޮށް ހިއްސާކުރުމަށްވެސް އެދިވަޑައިގެންފައިވެ އެވެ.
ވީޑިއޯތަކެއް ބޭނުންކޮށްގެން ބަޔަކު ބްލެކްމެއިލް ކުރަމުންދާ ކަމަށާއި އެ މައްސަލަތައް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.