ބޯހިޔާވަހިކަން

ތިންހާސް ގޯއްޗަށް ހުޅުވާލައިފި، އެންމެ ބޮޑެތި ގޯތި 4،000 އަކަފޫޓް

މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯތިތަކުގެ ތެރެއިން 3،000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ 5،000 ގޯތީގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރާނީ 3،000 ގޯއްޗެވެ. އެ ގޯތިތަަކަށް ކުރިމަތިލުމަށް ހުޅުވާލުން ފާހަގަ ކުރުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބައްދަލްވުމުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ގޯތިތަކަށް ކުރިމަތިލުމުގެ ޝަރުތުތައް ތަފްސީލު ކޮށްދެއްވާފައެވެ.

އެގޮތުން މި ގޯތިތަކަށް ކުރިމަތިލެވޭނީ ހަމައެކަނި މާލޭގެ ރައްޔިތުންނަށެވެ. އަދި މާލޭގެ ރައްޔިތުންގެ ތެރެއިން 600 އަކަފޫޓްގެ ބިންކޮޅެއް ނެތް ކޮންމެ މީހަކަށް މި ގޯތިތަކަށް ކުުރިމަތިލެވޭނެ އެވެ. އަދި ވާރުތަވާނެ ބިމެއް ނެތް ކޮންމެ މީހަކަށް ކުރިމަތިލެވޭނެ އެވެ.

މި ސްކީމްގެ ދަށުން ގޯތިތަކަށް ކުރިމަތިލާ މީހުންނަށް ހަ ކެޓަގަރީއެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ވަކި ފަރުދަކަށްވެސް ގޯއްޗަށް ހުށައެޅިދާނެ އެވެ. ނޫނީ އާއިލާގެ ވަކި ބަޔަކު އެކު ވެެގެންވެސް ގޯއްޗަށް އެދެވިދާނެ އެވެ. ނޫން ނަމަ މުޅި އާއިލާ އެކުގައިވެސް ހުށައެޅިދާނެ އެވެ. އިސްކަން ދޭނެ ތަރުތީބަކީ މުޅި އާއިލާ އެކުގައި ހުށައަޅާނަމަ އެ ބަޔަކަށެވެ. 

މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ ތެރެއިން އެންމެ ކުޑަ ގޯތީގެ ބޮޑު މިނަކީ 1250 އަކަފޫޓެވެ. އެންމެ ބޮޑު ގޯތީގެ ބޮޑު މިނަކީ 4،000 އަކަ ފޫޓެވެ. މިއީ ގާނޫނުގައި ބުނާ އެންމެ ބޮޑެތި ގޯއްޗެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވި ގޮތުގައި އެއް އާއިލާއެއްގެ ހަތް މީހަކު އެކުވެ ގޯއްޗަށް އެދިއްޖެނަމަ އެންމެ ބޮޑު ސައިޒުގެ ގޯއްޗެއް ލިބުމުގެ ފުރުސަތު އޮންނާނެ އެވެ. މި ގޯތިތައް ދޫކުރާނީ ހުޅުމާލެ އާއި ގުޅީ ފަޅުން ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އަންނަ އަހަރު ތެރޭ މި ތިންހާސް ގޯތި ލިބޭ މީހުން ފައިނަލް ކުރެވި އެ މީހުންނަށް ގޯތީގެ ރަޖިސްޓްރީ ދޫކުރާނެ ކަމަށެވެ.

"އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކު ކަމެއް ނެތް ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް މި ދެންނެވި ތިންހާސް ގޯތި ކަޑަ ޖަހާ ގޯތިއޮތްތަން ފާހަގަކޮށް ގޯތީގެ ރަޖިސްޓްރީ ހައްގުވާ ފަރާތްތަކަށް ދެވޭނެ ކަމާމެދު އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކު ކަމެއް ނެތް،" އަސްލަމް ވިދާޅުވިއެވެ.