ހައުސިން ޔުނިޓް

ހަތަރުހާސް ފްލެޓަށް ހުޅުވާލައިފި

ހުޅުމާލޭގައި އަޅަމުންދާ ހައުސިން ޔުނިޓްތަކުގެ ތެރެއިން 4،000 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލަައިފި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މި ޔުނިޓްތަކަށް ކުރިމަތި ލެވޭނީ މާލޭގެ ރައްޔިތުންނާއި މާލޭގައި 15 އަހަރަށް ވުރެ ގިނަ ދުވަސްވެދައިވާ އަތޮޅުތަކުގެ މީހުންނަށް ކަމަށެވެ. އަމިއްލަ ނަމުގައި 600 އަކަފޫޓްގެ ބިންކޮޅެއް ނެތްނަމަ އެ ދެ ޝަރުތު ފުރިހަމަވާ ކޮންމެ މީހަކަށްވެސް ފުރުސަތު އޮންނާނެ ކަމަށެވެ.

މީގެ އިތުރުން 600 އަކަފޫޓަށް ވުރެ ކުޑަ ބިންކޮޅެއް އޮތް މީހުންނަށް އެ ބިންކޮޅު ދޫކޮށްލަން ލާޒިމެއް ނޫނެވެ. ނަމަވެސް އެ ބިންކޮޅު މިނިސްޓްރީއަށް ދޫކޮށްލާނަމަ ބިންކޮޅުގެ އަގު ފްލެޓްގެ އަގުން ޖެހޭ މިންވަރު އުނިކުރެވޭނެ އެވެ.

ހުޅުމާލޭގައި އަޅަމުންދާ ހައުސިން ޔުނިޓްތަކުގެ ތެރެއިން 4،000 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާއިރު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތް ކުރާ 4،000 ފްލެޓަށް މިހާރު ވަނީ އެޑްވާންސް ފައިސާ ދައްކާފައެވެ.

އެ މިނިސްޓްރީން މިއަދު ވަނީ މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯތިތަކުގެ ތެރެއިން 3،000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ. މި ގޯތިތަކަށް ކުރިމަތިލެވޭނީ ހަމައެކަނި މާލޭގެ ރައްޔިތުންނަށެވެ. އަދި މާލޭގެ ރައްޔިތުންގެ ތެރެއިން 600 އަކަފޫޓްގެ ބިންކޮޅެއް ނެތް ކޮންމެ މީހަކަށް މި ގޯތިތަކަށް ކުުރިމަތިލެވޭނެ އެވެ. އަދި ވާރުތަވާނެ ބިމެއް ނެތް ކޮންމެ މީހަކަށް ކުރިމަތިލެވޭނެ އެވެ.

މި ސްކީމްގެ ދަށުން ގޯތިތަކަށް ކުރިމަތިލާ މީހުންނަށް ހަ ކެޓަގަރީއެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ވަކި ފަރުދަކަށްވެސް ގޯއްޗަށް ހުށައެޅިދާނެ އެވެ. ނޫނީ އާއިލާގެ ވަކި ބަޔަކު އެކު ވެެގެންވެސް ގޯއްޗަށް އެދެވިދާނެ އެވެ. ނޫން ނަމަ މުޅި އާއިލާ އެކުގައިވެސް ހުށައެޅިދާނެ އެވެ. އިސްކަން ދޭނެ ތަރުތީބަކީ މުޅި އާއިލާ އެކުގައި ހުށައަޅާނަމަ އެ ބަޔަކަށެވެ.