ބޭންކް އޮފް މޯލްޑިވްސް

ބޮޑު ޗުއްޓީއާ އެކު 16 މިލިއަން ޑޮލަރު ވިއްކައިފި

  • މިއީ 25 ޕަސެންޓް އިތުރު އަދަދެއް
  • އެމްއެމްއޭ އިން ބޭންކްތަކަށް ދޫކުރި ޑޮލަރު ވެސް އިތުރު
  • ކާޑުން 5.8 މިލިއަން ޑޮލަރުގެ ވިޔަފާރި ކުރި

ބޮޑު ޗުއްޓީއާ ދިމާކޮށް މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި 16 މިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރު އާންމު ފަރާތްތަކަށް ވިއްކާފައިވާ ކަމަށް ގައުމީ ބޭންކް، ބީއެމްއެލް އިން ބުނެފި އެވެ. އެ ބޭންކުން ބުނި ގޮތުގައި އެއީ އޭގެ ކުރިން ނޮވެމްބަރު މަހާ އަޅާ ބަލާ އިރު، 25 ޕަސަންޓު އިތުރު އަދަދެކެވެ.

ބީއެމްއެލް އިން މިއަދު، "އަވަސް" އާ ހިއްސާ ކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި ރާއްޖެއިން ބޭރަށް ދިޔުމަށް 20،000 އަށް ވުރެ ގިނަ އާންމު ފަރާތްތަކަށް މިދިޔަ މަހު ވަނީ ޑޮލަރު ވިއްކައިފަ އެވެ. އެގޮތުން 10 މިލިއަން ޑޮލަރު ވިއްކާފައިވާ ކަަމަށް ހިސާބުތަކުގައިވެ އެވެ. އޭގެ ތެރެއިން 60 މީހަކީ ބޭސް ފަރުވާއަށް ދިޔުމަށް ރާއްޖެއިން ބޭރަށް ދިޔަ ފަރާތްތަކެވެ.

ބޭރަށް ދަތުރު ކުރާ ފަރާތްތަކުން ޓިކެޓާއި ޕާސްޕޯޓް ހިފައިގެން އައުމުން ގިނަ ވެގެން މީހަކަށް 500 ޑޮލަރު ވިއްކަ އެވެ.

ބީއެމްއެލް އިން ބުނީ ވިސާ ޑެބިޓްކާޑު މެދުވެރިކޮށް ރާއްޖެއިން ބޭރުގައި 5.8 މިލިއަން ޑޮލަރުގެ ވިޔަފާރި ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުންވެސް ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ 100 އަށްވުރެ ގިނަ ދަރިވަރުންގެ ކިޔެވުމުގެ ފީ އަށް ބޭންކުންވަނީ ޑޮލަރު ހަމަޖައްސައިދީފައިވާ ކަމަށެވެ. ޖުމްލަ 16 މިލިއަން ޑޮލަރު މިދިޔަ މަހު ވިއްކި ކަމަށް އެ ބޭންކުން ބުންޏެވެ.

އެމްއެމްއޭއިން ދައުލަތުގެ މީޑިއާ ޕީއެސްއެމްއާ ހިއްސާ ކުރި ހިސާބުތަކުގައިވާ ގޮތުގައި އާއްމުކޮށް ބޭންކްތަކަށް ކޮންމެ ހަފްތާއަކު ހަތަރު މިލިއަން ޑޮލަރު އެމްއެމްއޭއިން އަންނަނީ ދޫކުރަމުންނެވެ. އެހެންނަމަވެސް ޑޮލަރަށް ބާރު ބޮޑުވެ މިދިޔަ ނޮވެމްބަރު މަހުގެ ފަހު ހަފްތާއިން ފެށިގެން އިތުރަށް 4.3 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް ވެސް އެމްއެމްއޭ އާ ހަވާލާދީ ޕީއެސްއެމް އިން ބުންޏެވެ.