ޝޯޝަލް މީޑިއާގައި ދައުރުވަމުންދާ ސިޔާސީ އިސް މީހުންކަމަށް ތުހުމަތުކުރެވޭ ބަރަހަނާ ވީޑިއޯތަކާ ގުޅޭ ގޮތުން މަޖިލީހުގައި ބަހުސް ނުކުރެވޭނެ ކަމަށް ރައީސް މުހައްމަދު ނަޝީދު އެންގުމުން މަޖިލީސް ހޫނުވެ ހުއްޓާލައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވަނީ އިދިކޮޅު ކޯލިޝަނުން ހުށަހަޅާފައިވާ ދެ ކުއްލި މައްސަލަ ބަލައިނުގަންނަން ނިންމައިފަ އެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ އެ ދެ މައްސަލަ ގުޅިފައި ވަނީ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ކަމަށާއި އެކަމަކު އެއީ ސައްހަ އެއްޗެހިކަން ފުލުހުންނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ.
އެ ފޮޓޯތައް އުފެދިފައިވާ ގޮތާއި ހަމަތައް ދެނެނުގަނެ އެހެން މީހުންގެ އަބުރާ އިއްޒަތަށް ގެއްލުންވާނެހެން އެއްވެސް މީހަކު އަދި ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އަމަލުކޮށްގެން ނުވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
"އެ ފޮޓޯތަކުގެ ސައްހަކަން ފުލުސް އޮފީހަށް ކަށަވަރު ނުވޭ. އެއީ އަސްލުކަމަށް ބަލައި އެކަމާ ގުޅޭ ގޮތުން މި މަޖިލީހުގައި ބަހުސް ކުރަން ޖާގަ އޮތް ކަމަކަށް އަޅުގަނޑު ނުދެކެން،" ނަޝީދު ވިދާޅުވި އެވެ.
އެއަށްފަހު މިއަދުގެ އެޖެންޑާގައި އޮތް ގޮތަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރައްވަން ބޭނުންވާ ސުވާލު ކުރުމަށް ހުޅުވައިލި އެވެ.
އެ ފުރުސަތުގައި ޝިޔާމް ވަނީ ކުއްލި މައްސަލަ ބަލައިނުގަތުމަށް ނިންމުމުން ނުރުހުން ފާޅުކޮށް، ވަޒީރާ ސުވާލު ކުރައްވަން ބޭނުންނުވާ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ކުއްލި މައްސަލަތައް ބަލައި ނުގަތުމަށް ނަޝީދު ނިންމި ނިންމުމަކީ ފުލުހުން ވަކި ކަމެއްގައި އެއީ ކަންބޮޑުވުމެކޭ ނުބުނާހާ ހިނދަކު އެއީ ކަންބޮޑުވުމެއް ކަމުގައި ބަލައި މަޖިލީހުގައި ބަހުސް ނުކުރެވޭނެ ކަމަށް ނިންމި ނިންމުމެއް ކަމަށެވެ.
އެއަށްފަހު ތެދުވެވަޑައިގެން ރިޔާސަތު ކުރިމަތީ އަޑުގަދަ ކުރައްވަން ފެށި އެވެ. ޝިޔާމްގެ ފަހަތުން އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ހުރިހާ މެމްބަރުން އަޑުގަދަ ކުރަން ފެށުމުން ނަޝީދު ވަނީ މަޖިލީސް މެދުކަނޑާލައިފަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުގެ ތެރޭގައި ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރުކަމަށް ބެލެވޭ މީހަކު ބިދޭސީއަކާ އެކު އެއްޖިންސުން ގުޅުން ހިންގާކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް ހިމެނެ އެވެ. އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.