މިއަދު މިއޮތް ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ނޫން ކަމަށް އެޕާޓީގެ ބައެއް މަޖިލިސް މެންބަރުން ވިދާޅުވަމުން ގެންދަވާތީ އިދިކޮޅު ކޯލިޝަންގެ މަޖިލިސް މެންބަރުން ރައްދު ދެއްްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިދިކޮޅު ޕީޕީއެމްގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ މިއަދު މިއޮތް ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ކަމަށެވެ. މިސަރުކާރު ވެރިކަމަށް އައީ އެމްޑީޕީގެ ސިޔާސަތުތަކެއް ހިފައިގެން ކަމަށްވާތީ އެ ސިޔާސަތުތައް ތަންފީޒު ކޮށްދޭން ޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އެމްޑީޕީގެ ރައްޔިތުން އެމްޑީޕީގެ ވެރިކަން ގެންނަން ވޯޓުލީ ރައްޔިތުންނަށް އެބަ އެނގޭ މިއީ އެމްޑީޕީގެ ވެރިކަމެއް ކަން. އެމްޑީޕީގެ ވެރިކަމުގައި އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ވާން ޖެހޭނެ ކަން ރައްޔިތުން އެބަ ގަބޫލުކުރޭ. އެހެން ނަމަވެސް ހިސާބަށް ވުރެ ކަންނެތް ވެރިޔަކު ދިވެހިރާއްޖޭގެ ވެރިކަމުގައި ހުރެގެން ކަންތައްތައް ވާނެ ގޮތްތައް ފެނިގެން މިދަނީ،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިސަރުކާރަށް ކަންކަން ނުކުރެވެނީ ނާގާބިލް ކަމުން ކަމަށެވެ. އަދި ވިދާޅުވީ މިހާރު މިއޮތް ސަރުކާރަށް ވުރެ އަދި މިހާރު މިހުންނެވި ރައީސުލްޖުމްހޫރިއްޔާ އަށް ވުރެ ނާގާބިލް ވެރިއެއް ދިވެހި ތާރީހުވެސް ދެކެފައި ނުވާ ކަމަށެވެ.
ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ކައުންސިލް އިންތިހާބުގައި އެމްޑީޕީއާއި މިސަރުކާރު ބަލިވުމުން މިއަދުގެ ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ނޫން ކަމަށް އެޕާޓީގެ ބައެއް މެންބަރުން ވިދާޅުވާ ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށާއި މިސަރުކާރަށް ކަންކަން ނުވީމާ އެކަމުގެ ޒިންމާ އެމްޑީޕީން ނަގަންޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ވެސް ގަބޫލުކުރަން ސަރުކާރު މީގައި ބޮޑަށް ޒިންމާ ނަގަންޖެހޭނީ. ސަރުކާރު މިއޮތީ ވަރަށް ބޮޑަށް ބަލިވެފައި. އެހެންނަމަވެސް މީގައި މުޅިއަކުން އެމްޑީޕީން ރެކިގެން އުޅުމަކީ މާ ރަނގަޅު ގޮތަކަށް ނުވާނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މިއަދު ރާއްޖޭގައި އޮތީ ޕާޓީތަކުން ވާދަކޮށްގެން ވެރިކަން ހޯދުމުގެ ނިޒާމެއް ކަމަށެވެ. އެގޮތަށް ވެރިކަން ހޯދުމަށްފަހު ސަރުކާރުން ކަމެއް ގޯސްކޮށް ކުރުމުން އެކަމަކާ ހަވާލު ނުވެ ނުތިބެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ސަރުކާރުގެ ތެރެއިން ކުރަންޖެހޭ ބައެއް ކަންކަން ނުވެ ރައްޔިތުންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އެމްޑީޕީއަށް އަމާޒުވެފަ އެވެ. ފާޑުކިޔުންތަކުގެ ދިފާއުގައި އެ ޕާޓީގެ ބައެއް މެންބަރުން އެންމެ ގިނައިން ވިދާޅުވަނީ މިއަދު މިއޮތް ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ނޫން ކަމަށެވެ.