ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވުމަށް އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުން ބޭރުކުރުމަށް މަޖިލީހުގެ އަންހެން ސެކިއުރިޓީ އޮފިސަރުން ފޮނުވުން އިދިކޮޅު ކޯލިޝަނުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
އިއްޔެ ހިނގާދިޔަ މިހާދިސާ ކުށްވެރިކޮށްފައި މިވަނީ އިދިކޮޅު ފިރިހެން މެންބަރުން އިއްޔެ މަޖިލީހުގެ ނިޒާމު ގެއްލުވާލި ވަގުތު އެ މެންބަރުން ޗެމްބަރުން ނެރުމަށް އަންހެން ސެކިއުރިޓީ އޮފިސަރުން ހަރަކާތްތެރިވުމާ ގުޅިގެން އެ އޮފިސަރުންނަށާއި އިދިކޮޅު މެންބަރުންނަށް ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަޖިލީހުގެ ފިރިހެން މެންބަރުން ގަދަކަމުން ނެރުމަށް އަންހެން ސެކިއުރިޓީ އޮފިސަރުން ފޮނުވުމަކީ ކަނބަލުންގެ އިއްޒަތާއި ކަރާމާތް ގަސްދުގައި ނަގާލުން ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ މުޖުތަމައުގައިވެސް ކަނބަލުންނަށް ފުރައްސާރައާއި ނިކަމެތިކަން ކުރިމަތިވާނެ ފަދަ ގޮތަކަށް ކަމުގައިވެސް ބުނެފައިވެ އެވެ.
މަޖިލީހުގެ ރިޔާސަތުން އެގޮތަށް އެކަން ރާވާފައިވަނީ އިދިކޮޅުގައި ތިބީ ހުސް ފިރިހެން މެންބަރުންކަން އެނގިވަޑައިގެން އެ މެންބަރުންނާއި އަދި އެ މެންބަރުން ތަޅުމުން ނެރެން ފޮނުވި އަންހެން ސެކިއުރިޓީ ބޭފުޅުންވެސް ލަދުވެތި ކުރުވުމުގެ ބޭނުމުގައި ކަމަށްވެސް ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ. މިއީ ދިވެހި އިސްލާމީ މުޖުތަމައު ގަބޫލުކުރާ ރިވެތި ހަމަތަކާއި އުސޫލުތަކާއި ހިލާފަށް ހިންގާފައިވާ ވަރަށް ހަޑިހުތުރު އަމަލެއް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
"އަންހެން ސެކިއުރިޓީންނަށް ލަދުވެތިކަމާއި، ފުރައްސާރަ ކުރިމަތިވާ ގޮތަށް މިކަން މިހެން ހިނގާ ދިޔައިރު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި، ޖެންޑާ މިނިސްޓަރާއި، އަންހެން ވަޒީރުންނާއި، މަޖިލީހުގައި ތިއްބެވި ހަމައެކަނި އެމްޑިޕީއަށް ނިސްބަތްވާ އަންހެން މެންބަރުންނާއި، ސިޔާސީ އެކިއެކި މަގާމުތަކުގައި ތިއްބެވި އަންހެން ބޭފުޅުން އެ މަންޒަރުތައް ބައްލަވަން ވަރަށް ގަޔާވެގެން ތިއްބެވިކަމީ މިސަރުކާރުން އަންހެނުންނަށް ކުރާ އިހްތިރާމާއި ގަދަރު ކުޑަކަމާއި، މިސަރުކާރުން އަންހެނުން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކޮންމެ ފަދަ ގޮތަކަށްވެސް ބޭނުންކޮށްފާނެކަން ހާމަވެގެންދިޔަ ކަމެކެވެ." ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.