ހެލްތު މިނިސްޓްރީގެ ނަމުގައި ފޭކް ކޯލްތަކެއް ކުރަމުން އަންނާތީ އެކަމަށް ސަމާލުވުމަށް މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފި އެވެ.
ހެލްތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މިނިސްޓްރީން ކުރަމުންދާ ސާވޭއަކާއި ގުޅިގެން ކަމަށް ބުނެ ފޭކް ކޯލްތަކެއް ކުރަމުން އަންނަ ކަމަށެވެ. ގުޅަނީ އާންމުންނަށާއި ޑޮކްޓަރުންނަށެވެ.
ކޯލް ކުރުމަށްފަހު އެމީހުންގެ ޒާތީ މައުލޫމާތު ހޯދައި އީމެއިލް އެކައުންޓްތައް ހެކް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނެފައި ވަނީ އެ މިނިސްޓްރީ އިން އެއްވެސް ސާވޭއެއް މިވަގުތު ކުރިއަށް ނުގެންދާ ކަމަށެވެ. މި މައްސަލަ މިހާރު ފުލުހުންނަށާއި ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެކިއެކި ކުންފުނިތަކުގެ ނަމުގައި މީހުންނަށް ގުޅައިގެން ފައިސާގެ އެކައުންޓާއި އީމެއިލް ފަދަ އެއްޗެހީގެ އެކްސެސް ހޯދާ މައްސަލަތައް ފަހަކަށް އައިސް ވަނީ ވަރަށް ގިނަވެފަ އެވެ. މަކަރާއި ހީލަތުން މީހުންގެ އެކައުންޓުން ބޮޑެތި އަދަދުން ފައިސާ ވަގަށް ނަގާ މައްސަލަތައް ވަނީ ގިނަވެފައި ވާތީ އެކަމަށް ސަމާލުވުމަށް ފުލުހުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.