އެމްޑީޕީ

މިފަހަރުވެސް އިއްސެގެ ރައްދެއް؛ ސަލާމަތުގެ އައްސޭރިއެއް ނުވިސްނުނު

ޔޯގާ ހަރާމޭ ބުނާނަމަ އެދެވެނީ ސަލާމަތުގެ އައްސޭރިއަކަށް ނޫން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ދުވާފަރު ދާއިރާގެ މެންބަރު އިސްލާމީލް އަހުމަދު ރައްދު ދެއްވައިފި އެވެ. ރައީސް ނަޝީދު ވިދާޅުވާ ވާހަކަތަކަށް މި ފަހުން އެންމެ ފާޅުގައި ރައްދު ދެއްވާ އެއް ބޭފުޅަކީ އިސްމާއީލެވެ. އިސްމާއީލްގެ ފާޑުވިދާޅުވުން ނަޝީދަށް އަމާޒު ކުރައްވަން ފެއްޓެވީ އެކި ފަހަރު މަތީން ތަފާތު ތުހުމަތު ކުރައްވާ ވަރަށް ޒާތީކޮށް ރައީސް ނަޝީދު، އޭނާއަށް ފާޑުވިދާޅުވުމުންނެވެ.

އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް އިއްޔެ ހަވީރު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ހަރާމްގެ މަގަށް އަދި ސަލާމަތުގެ އައްސޭރިއަށްވެސް ދެވެން އެބައޮތް ކަމަށެވެ. އަދި ދިވެހީންގެ ދީނީ އަގީދާއަކީ ބައެއްގެ އަމިއްލަ ސިޔާސީ ބޭނުމަކަށް ބަދަލު ކުރެވިގެން ވާނެ އަގީދާއެއް ނޫން ކަމަށެވެ. އަދި އެކަން އެގޮތަށް ކުރެވިގެންވެސް ނުވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިއަދު އެބައޮތް ހަރާމްގެ މަގަށް އެނބުރެވެން. އަދި އަޅުގަނޑުމެންނަށް އެބައޮތް ސަލާމަތުގެ އައްސޭރިއަށް ދެވެންވެސް. ޒަމާނުއްސުރެ ފަށައިގެން މި ދިވެހިރާއްޖޭގައި ރައްޔިތުން ދިރިއުޅެމުން އައި ގޮތާއި އެމީހުން ގަބޫލުކުރަމުން އައި ފަލްސަފާއާ އަދި އެ މީހުންގެ ދީނީ އަގީދާއަކީ އެއްވެސް ހާލެއްގައި، ހަމަ އެއްވެސް ހާލެއްގައި އެއްވެސް ބައެއްގެ އަމިއްލަ ސިޔާސީ ބޭނުމަށް ބަދަލު ކުރެވިގެން ވާނެ އަގީދާއެއް ނޫން. ގޮތް ގޮތް ހެދިގެންވާނެ ކަމެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ޔޯގާ ހެދުމަކީ ހަރާމް ކަމެކޭ އަދި ކަސްރަތު ކުރުމަކީ އިސްލާމްދީނާ ހިލާފު ކަމެކޭ ބުނާނަމަ ދިވެހީންގެ ދިރިއުޅުމަށް ބުރޫއަރަން ފަށާފާނެ ކަމަށެވެ. އަދި އެ ދެވެނީ ސަލާމަތުގެ އައްސޭރިއަކަށް ނޫން ކަމަށް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން ނިކުމެ މިރާއްޖޭގައި ޔޯގާ ހެދުމަކީ ހަރާމް ކަމެކޭ، ކަސްރަތު ކުރުމަކީ އިސްލާމްދީނާ ހިލާފު ކަމެކޭ ... މި ބާވަތުގެ ވާހަކަ ދައްކާ އަޅުގަނޑުމެންގެ އާންމު ދިރިއުޅުމަށް ބުރޫއަރުވާން ފަށައިފިނަމަ ދެން އަޅުގަނޑުމެން އެ ދަނީ ސަލާމަތުގެ އައްސޭރިއަކަށް ނޫން. ގައުމުތައް އަޅުގަނޑުމެން ދެކިއްޖައިމު ހަލާކުގެ އައްސޭރިއަށް ދިޔަ. ގައުމުތައް އަޅުގަނޑުމެން ދެކިއްޖައިމު ބާކީވެ އެކަހެރިވެގެން ދިޔަ. އަޅުގަނޑުމެންގެ ގައުމު އެ ހާލަތަށް ދިއުމަށް އަޅުގަނޑުމެންނަށް ޖާގަ ދެވިގެނެއް ނުވާނެ،" ދީނީ މައްސަލަތަކުގައި މީގެ ކުރީންވެސް އިލްމުވެރީންގެ ބަހަށް ގޮންޖަހާ ވާހަކަ ދައްކަވާފައިވާ ކުރީގެ ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.

ނަޝީދުގެ އެ ވާހަކަތަކަށް ރައްދު ދެއްވާ އިސްމާއީލް ވިދާޅުވީ މި ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ހުއްދަ ނޫން ކަމަށް ބުނި ޔޯގާ ކަސްރަތަކަށް ވެފައި ލިވާތުކުރުން އެއީ ޒާތީ ކަމަކަށް ވުމުން ދެން ހޯދޭން ސަލާމަތުގެ އައްސޭރިއެއް ވިސްނިވަޑައިނުގެންނެވި ކަމަށެވެ. އިއްސެ އެ އިޝާރާތް ކުރައްވަނީ ބަރަހަނާ ވީޑިއޯތަކުގެ މައްސަލާގައި އެއީ މަޖިލީސް މެންބަރުން ގެ ޒާތީ ކަމެއް ކަމަށް ސިފަ ކުރައްވާ އެ މެންބަރުން ހަވަރަށް ނުދެވޭނެ ކަމަށް ވިދާޅުވި ވިދާޅުވުމަށެވެ.

"މަޖިލީސް މެންބަރުން] ގެ ޒާތީ ކަންކަމުގައި އެމްޕީސް ހަވަރަށް ދޭކަށް ތައްޔާރެއް ނޫން. ވީހާލެއްގައި ވާނަން،" ނަޝީދު އިއްޔެ ވިދާޅުވިއެވެ.

އިސްމާއީލް ވިދާޅުވީ ނަޝީދު ވިދާޅުވާ އެއްޗެއް ސާފު ނޫން ކަމަށެވެ. އަދި އެއީ ޅަ ކަމުން ނުވަތަ އެވަރަކަށް ކިޔެވިފައި ނެތުމުން ވާ ކަމަކަށްވެސް ވެދާނެ ކަމަށެވެ.

"ވެދާނެ އެވަރަށް ކިޔެވިފަ ނެތީކަމަށްވެސް. ނޫނީ އަދި މާ ޅައީކަމަށްވެސް. ވަރަށް ވެދުން," ނަޝީދަށް ފާޑުވިދާޅުވެ އިސްމާއީލް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.